ރާއްޖެ ކުޅިވަރު

ބްރެޒިލް ދެ ކުޅުންތެރިން ފޮނުވާލަން ނިއު އިން ނިންމައިފި

ޕީޕަލްސް ކަޕްގައި ނިއު ރޭޑިއަންޓަށް ކުޅުނު ބްރެޒިލްގެ ދެ ފޯވަޑުން ކަމަށްވާ އެވަޓަން ސޫޒާ ސަންތޯސް އާއި ރަފީނިއާ ފޮނުވާލަން ނިއު އިން ނިންމައިފި އެވެ.

ޕީޕަލްސް ކަޕްގައި ނިއު ކުޅުނު ތިން މެޗުގައި ވެސް މި ދެ ކުޅުންތެރިން ވަނީ އެ ޓީމުގެ ފުރަތަމަ 11ގައި ކުޅެފަ އެވެ. އެކަމަކު ދެ ކުޅުންތެރިންގެ ފަރާތުން އެ ކްލަބުން ހިތްހަމަޖެހޭ ވަރުގެ ކުޅުމެއް ނުފެނުނެވެ. ހާއްސަކޮށް ރަފީނިއާގެ ފަރާތުން ފެނުނީ އެ ކްލަބުން އުންމީދުކުރި ވަރަށްވުރެ ދަށް ކުޅުމެކެވެ.

މި ދެ ކުޅުންތެރިން ދޫކޮށްލިކަން ނިއު އިން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. އެކަމަކު އިތުބާރު ހުރި ގޮތަކަށް "އަވަސް" އަށް އެނގިފައިވާ ގޮތުގައި އެ ކްލަބުން ވަނީ މި ދެ ކުލުންތެރިންގެ އެއްބަސްވުން ބާތިލްކޮށް، މި ދެ ކުޅުންތެރިން ފޮނުވާލަން ނިންމައިފަ އެވެ. މިއަދު އޮތް އެ ޓީމުގެ ފަރިތަކުރުންތަކުގައި ވެސް މި ދެ ކުޅުންތެރިން ނުފެނެ އެވެ.

ނިއުގެ އިސް އޮފިޝަލެއް ބުނީ ކުރިން އޭވައިއެލް އަށް ކުޅުނު ހުނަަރުވެރި ކުޅުންތެރިއެއް ކަމަށްވާ ސަންތޯސްގެ ފެންވަރު ރަނގަޅު ކަމަށް ކްލަބުން ގަބޫލްކުރެ އެވެ. އެހެން ނަމަވެސް، ސަންތޯސްގެ ފަރާތުން އެ ޓީމުގެ ކޯޗު މިކާ ލޮންސްްޓްރޮމް އާއި މެނޭޖްމަންޓް އިން ހިތްހަމަނުޖެހޭ ސިފަތަކެއް ފެންނާތީ، އޭނާ ދޫކޮށްލަން ނިންމީ ކަމަށެވެ.

ނިއު އިން ޕީޕަލްސް ކަޕަށް ނިކުތީ ބިދޭސީ ތިން ކުޅުންތެރިންނާއެކު އެވެ. އެއީ ބްރެޒިލް ދެ ކުޅުންތެރިންނާއި ސްޕެއިންގެ ގޯލްކީޕަރު ޕެޑްރޯ މަރެންކޯ އެވެ. ޕެޑްރޯއާމެދު ނިއު އިން ހިތްހަމަޖެހެ އެވެ.

ނިއު އިން މިއަދު ބޭއްވި ފަރިތަކުރުންތަކުގައި ހަތަރު ބިދޭސީ ކުޅުންތެރިން ފެނުނެވެ. މި ހަތަރު ކުޅުންތެރިން ވެސް ފަރިތަކުރުންތަކުގައި ބައިވެރިވީ ޓްރައިލްއެއްގެ ގޮތުގަ އެވެ.

ޕީޕަލްސް ކަޕް ލީގު ބުރުގެ ފުލުގައި ނިއު އިން މުބާރާތް ނިންމާލީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ، އެއް މެޗުން އެއްވަރުވެގެންނެވެ.