އިލެކްޝަންސް ކޮމިޝަން

އިލެކްޝަންގެ ފަސް އަހަރުގެ މަސައްކަތު ޕްލޭން ނެރެފި

ކުރިއަށް އޮތް ފަސް އަހަރު އިލެކްޝަން ކޮމިޝަނުން ކުރަން ރާވާފައިވާ މަސައްކަތްތައް އެކުލަވާލައި ތައްޔާރުކޮށްފައިވާ ސްޓްރީޓެޖިކް ޕްލޭން، އެކޮމިޝަނުން މިއަދު ނެރެފި އެވެ.

ޕްލޭން ނެރުނީ މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާން އާއި ޕްލޭން އެކުލަވާލުމަށް އެކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދިން ޔުނައިޓެޑް ނޭޝަންސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ ރެޕްރެޒެންޓެޓިވް ޝޯކޯ ނޯޑާ އެވެ.

ޔޫއެންޑީޕީ އާއި އިލެކްޝަން ކޮމިޝަން ގުޅިގެން އެކުލަވައި ތަންފީޒުކުރަން ފަށާފައިވާ އެ ޕްލޭނަކީ، އެ ކޮމިޝަނުގެ ވާޖިބުތައް މިހާރަށްވުރެ ފުރިހަމަޔަށް އަދާކުރުމަށް ކުރާނެ ބަޔާންކޮށްފައިވާ ޕްލޭނެކެވެ. އެގޮތުން ކޮމިޝަނުގެ ގާނޫނީ އޮނިގަނޑު އިސްލާހުކުރުމާއި، އިލެކްޝަން ރޭވުމާއި ހިންގަން ބޭނުންވާ މީހުން ތަރައްގީކުރުމާއި، ކޮމިޝަންގެ އިންފޮމޭޝަން ޓެކްނޮލޮޖީ ހަރުދަނާކުރުން އެ ޕްލޭނުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން އިންތިހާބުތަކާއި، ކޮމިޝަނުގެ މަސައްކަތުގެ އޮނިގަނޑުގެ ތެރޭގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުކޮށް ދެ ޖިންސްގެ ހަމަހަމަ ބައިވެރިވުން ގާއިމްކުރުމަށް މަސައްކަތްކުރުން ވެސް ހިމެނެއެވެ. ޔޫއެންޑީޕީއާ ގުޅިގެން ތައްޔާރުކުރި އެ ޕްލޭންގައިވާ މަގުސަދުތައް ހާސިލްކުރުމަށް އިލެކްޝަން ކޮމިޝަނަށް އދ. ގެ އެހީ ލިބޭނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އީސީގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ، ފަސް އަހަރުގެ ޕްލޭނުގައި ހަރުދަނާ މަސައްކަތްތަކެއް ހިމަނާފައިވާ ކަމަށެވެ. އެ ޕްލޭނާ އެއްގޮތަށް މަސައްކަތްކޮށްފިނަމަ އިލެކްޝަން ދާއިރާއިން ކުރިއަށް އޮތް ފަސް އަހަރު ނިމިގެންދާއިރު ބޮޑެތި ކުރިއެރުންތަކެއް ހޯދޭނެ ކަމަށެވެ.

ޔޫއެންޑީޕީގެ ޝޯކޯ ނޯޑާ ވިދާޅުވީ، ރާއްޖޭގެ އިލެކްޝަން ކޮމިޝަންގެ އިދާރާއަކީ އުމުރުން ހަނގު މުއައްސަސާއަކަށްވީ ނަމަވެސް ފާއިތުވި މަދު އަހަރުތަކުގެ ތެރޭގައި ކޮމިޝަނުން ފާހަގަކުރެވޭ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން އިންތިހާބުތަކުގައި އާންމުން ބައިވެރިވާ މިންވަރު އެހެން ގައުމުތަކާއި އަޅާ ބަލާއިރު ރާއްޖޭގައި އިތުރުކަން ޝޯކޯ ފާހަގަކުރެއްވި އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުފަދަ އިންތިހާބުތަކުގައި ވޯޓުއަޅާ މީހުންގެ ނިސްބަތް އިތުރުވެފައިވީ ނަމަވެސް ތަށްރަށު ފެންވަރުގައާ އަތޮޅު ފެންވަރުގައި ބާއްވާ އިންތިހާބުތަކުގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުކުރަންޖެހޭކަން ޝޯކޯ ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު އިންތިހާބުތަކުގައި ވާދަކުރާ އަންހެނުންގެ ނިސްބަތް ރާއްޖޭގައި ފާހަގަކޮށްލެވޭ ވަރަށް ދަށްކަން ފާހަގަކޮށް ޝޯކޯ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އެފަދަ ކަންކަން ރަނގަޅުކުރުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ.

އިލެކްޝން ކޮމިޝަނުން ވަނީ މިއަދު ނެރުނު ސްޓްރެޓެޖިކް ޕްލޭންގައިވާ ލަނޑުދަނޑިތައް ހާސިލުވާ މިންވަރު ވަޒަންކުރުމަށް، އެ ޕްލޭނާ އެކު، މޮނިޓަރިން އެންޑް އިވެލުއޭޝަން ޕްލޭން އެއްވެސް އެކުލަވާލާފަ އެވެ.