ޅ. ކުރެންދޫގައި މީހަކު އޭނާގެ އަނބި މީހާގެ ބޮލުގައި ގަލުން ތަޅައި ބޯ ފަޅާލައި ހޭނައްތާލައިފި އެވެ. ކުރެންދޫ ކައުންސިލްގެ މެމްބަރު އިސްމާއިލް މަދީހް ވަނީ މިއަދު އެ ރަށުގައި އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ކަށަވަރުކޮށްދީފަ އެވެ. އޭނާ ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު ހެނދުނު ކަމަށާއި އެމީހާއަށް އެވަގުތު އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށެވެ.
"މިއަދު ހެނދުނު އެ ހާދިސާ ހިނގުމާއެކު އަންހެން މީހާ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައިވަނީ. މިހާރު ހޭ އަރައިފި،" މަދީހް ވިދާޅުވި އެވެ.
ފުލުހުން ބުނީ ކުރެންދޫގައި ދެމަފިރި އެއްގެ ދެމެދުގައި މާރާމާރީއެއް ހިނގާ އަންހެން މީހާއަށް އަނިޔާ ކޮށްފައިވާ މައްސަަލައެއް މިއަދު ހަވީރު ހުށަހަޅާފައިވާ ކަމަށާއި އަނބި މީހާއަށް އަނިޔާކުރި އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިއަދުގެ އެ ހާދިސާއާބެހޭ ގޮތުން ކުރެންދޫ ސިއްހީ މަރުކަޒުން ބުނީ އެ މަރުކަޒުން ބެލި އިރު އަންހެން މީހާގެ ބޮލުގެ ހަތަރު ތަނަކުން ފަޅާލާފައިވާ ކަމަށާއި ބޮލުގެ ނާށިގަނޑަށް ވެސް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
"އަންހެން މީހާގެ ހާލު މުޅިން ރަނގަޅެއް ނޫން، އެކަމަކު ސީރިއަސް އެއް ވެސް ނޫން. ލިބިފައި ހުރި ގެއްލުން އިތުރަށް އެނގޭނީ ސްކޭންތަކާއި އެއްޗެއްހި ހަދައިގެން. އެހެންވީމަ މާދަމާގެ ވަގުތެއްގައި އޭނާ މާލެ ފޮނުވާލެވޭނެ، މިހާރު ދަނީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން،" ކުރެންދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެއަންހެން މީހާއަކީ 45 ވަރަކަށް އަހަރުގެ އަންހެނެކެވެ. ހައްޔަރު ކުރި ފިރިމީހާއަށް 59 އަހަރެވެ. އެ ދެމެފިރިންނަށް ކުދިން ލިބިފައި ނެތް ނަމަވެސް އަންހެން މީހާއަށް އެހެން ކައިވެންޏެއްގައި ފަސް ކުދިން ލިބިފައި ވެއެވެ.