ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދުން ފަސޭހަކޮށްދީފި

ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދުން ފަސޭހަކޮށްދީފި އެވެ.

އެގޮތުން ޕީޖީ އޮފީހުން މިހާރު ވަނީ އެ އޮފީހުގެ ވެބްސައިޓަށް ވަދެގެން ކޮންމެ މީހަކަށްވެސް އެ މީހެއްގެ އަމިއްލަ އީފާސް ލޮގިން ބޭނުންކޮށްގެން ވެބްސައިޓްގެ އެޕްލިކޭޝަންތަކުގެ މެނޫގައިވާ "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދުން" ކިޔާ ޓެބަށް ވަދެ، އެ ޓެބްގައިވާ ފޯމު ފުރޭނޭ ގޮތް ހަދައިދީފަ އެވެ.

ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވީ ވެބްސައިޓްގެ ޕޯޓަލްގައިވާ ފޯމުގައި ހުންނާނީ މައިގަނޑު ހުރިހާ ބައިތަކެއްވެސް ފުރާފައި ކަމަށާއި ގެވެށި އަނިޔާ ލިބޭ މީހާ ފުރަންޖެހޭނީ އެމީހަކަށް ދިމާވެގެން އުޅޭ ހާދިސާގެ ބައި އެކަނި ކަމަށެވެ.

ޝަމީމް ވިދާޅުވީ މިބަދަލާ އެކު އަނިޔާ ލިބޭ މީހާގެ ފޯމު ކޯޓުތަކަށް ދާނީ ޕީޖީ އޮފީހުގެ އީމެއިލަކާ އެކު ކަމަށާއި ނަމަވެސް ފޯމުގައިވާ މައުލޫމާތުތައް ޕީޖީ އޮފީހަށް ނޭނގޭނެ ކަމަށެވެ. ޕީޖީ އޮފީހުން އަދާކުރާ ދައުރަކީ އަނިޔާ ލިބޭ މީހާއާއި ކޯޓާ ދެމެދު ކުރެވޭ މުއާމަލާތް ކޯޓަށް އަދި މީހާއަށް ލިބޭ ގޮތް ހަދައިދިނުން ކަމަށްވެސް ވިދާޅުވި އެވެ.

"އެމީހަކު އެ ފޯމު ފޮނުވަން ބޭނުންވާ ކޯޓުގެ ނަން ނެގުމުން، އެ ކޯޓެއްގެ އީމެއިލް އެޑްރެހަށް، އެ ކޯޓެއްގެ ލެޓާ ހެޑުގައި، ފޯމު ފޮނުވައިލަދިނުމުގެ ހިދުމަތް ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލުން ދޭނެ. އަނިޔާ ލިބޭ ހާލަތެއްގައި ހުރި މީހާ ފޯމު ހިފައިގެން ކޯޓު ދޮށަށް ހިނގަންޖެހުން މިހިސާބުން ނިމުމަކަށް އައީ،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯޓަށް ފޯމު ލިބުމުން ކޯޓުން ނިންމި ގޮތް އީމެއިލް އަކުންނާއި ޕޯޓަލް ތެރެއިން ލިބޭނެ ކަމަށެވެ. އަދި ފޯމުގައި މައްސަލައެއް އުޅޭނަމަ އިސްލާހު ކުރަންޖެހޭ ކަންކަން ކޯޓުން ފާހަގަކޮށްފައި އެ އެންގުމުން އެކަންކަން އިސްލާހުކުރުމަށްފަހު ޕީޖީ އޮފީހުގެ ވެބްސައިޓްގެ ތެރެއިން ފޯމު އަލުން ހުށަހެޅުމުގެ އިންތިޒާމުވެސް ހަމަޖެހިގެންދާނެ ކަމުގައި ވިދާޅުވި އެވެ.