ގެވެށީ އަނިޔާ ހުއްޓުވަން ގާނޫނުގެ ބާރު އެންމެ ފުރިހަމައަށް ހިފާނެ ކަމަށް ވިދާޅުވެ، ޕްރޮސެކިޔުޓާ ޖެނެރަލް ހުސެއިން ޝަމީމް އިންޒާރެއް ދެއްވައިފި އެވެ.
ޝަމީމް މިހެން ވިދާޅުވީ ރ. އަލިފުށީގައި އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މައްސަލައިގައި އޭނާގެ ކުރީގެ ފިރިމީހާގެ މައްޗަށް ދައުވާ ކުރުމާ ގުޅިގެންނެވެ.
ޕީޖީއޮފީހުން އިއްޔެ ބުނީ އެ މައްސަލައާއި ގުޅިގެން އަލިފުށި ކަސްތޫރިގެ، އަލީ އަމީންގެ މައްޗަށް ގަސްދުގައި މީހަކު މަރަން އުޅުނު ކަމުގެ ދައުވާ އާއި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާގެ އިތުރުން އަނިޔާއެއް ދިނުމުގެ ދައުވާ އުފުލައި މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ޕީޖީ ވިދާޅުވީ މިއީ 2014 ގައި ވުޖޫދުވި އާ ގާނޫން އުގޫބާތުގެ ދަށުން މިފަދަ ދައުވާތަކެއް އުފުލުނު ފުރަތަމަ ފަހަރު ކަމަށެވެ.
"ގެވެށީ އަނިޔާއާއެކު ޖިނާއީ ކުށްތައް އެކުލެވޭ މައްސަލަތަކުގައި ގާނޫނުގެ ބާރު ފުރިހަމައަށް ހިފާނަން،" ޝަމީމް ވިދާޅުވި އެވެ.
އަލިފުށީގައި މިދިޔަ މަހުގެ ދެވަނަ ދުވަހު ހިނގި މިހާދިސާ އާއި ގުޅިގެން ފުލުހުން ވަނީ 32 އަހަރުގެ އަލީ އަމީން ހައްޔަރުކޮށްފަ އެވެ. އަދި މައްސަލަ ހުށަހެޅުމުން އަންހެން މީހާ އަށް ފަރުވާ ދިނުމަށް ސިއްހީ މަރުކަޒަށްވެސް ވަނީ ގެންގޮސްފަ އެވެ. އަނގަޔަށް ލައްފިލުވާ އެޅި ނަމަވެސް ހަށިގަނޑުގެ އެތެރެއަށް ލައްފިލުވާ ނުދެ އެވެ.
އަންހެން މީހާގެ އަނގަޔަށް ލައްފިލުވާ އެޅި ސަބަބެއް ސާފެއް ނުވެ އެވެ.
ގެވެށި އަނިޔާގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާއިރު، އަންހެނުނަށް ކުރާ އަނިޔާތަކާ ގުޅޭ ގޮތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ޕާލިމެންޓްރީ އިންކުއަރީއެއް ހަދަން ގޮވާލައި ގަރާރެއް ވަނީ ހުށަހަޅައިފަ އެވެ.
އެ ކޮމިޓީން ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ ގޮތުން ޕާލިމެންޓްރީ އިންކުއަރީއެއް ހަދައިފަ އެވެ. އެއީ ރާއްޖޭގެ މަޖިލީހުގައި ހެދި ފުރަތަމަ ޕާލިމެންޓްރީ އިންކުއަރީ އެވެ.