ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ދޮންދަރިއާ ބެހުނު މީހަކު 32 އަހަރަށް ޖަލަށް

ދޮންދަރިފުޅަށް ޖިންސީ ގޯނާ ކުރި މީހަކު 32 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

މިމައްސަލާގައި ހުކުމްކޮށްފައިވަނީ ޏ. ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 52 އަހަރުގެ އަބްދުﷲ އަލީ މޫސާ އަށެވެ.

ދޮންދަރިފުޅަށް ޖިންސީ ގޯނާކުރި މައްސަލާގައި އަލީ ހައްޔަރު ކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ހަތަރު ދައުވާއެއް އުފުލާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

އަލީގެ މައްޗަށް އުފުލާފައި ވަނީ ކުޑަކުއްޖަކަށް އެމީހެއްގެ ޖިންސީ ގުނަވަނެއް ކަމަށް ބެލެވޭ އެއްވެސް ތަނެއް ދެއްކުމުގެ ކުށުގެ ދައުވާ، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުއްޖާއަށް ދެއްކުމުގެ ކުށުގެ ދައުވާ އާއި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އަދި ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.

މި ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެ، 32 އަހަރާއި އެއް މަހާއި 27 ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.

ރާއްޖޭގައި ދޮންދަރިންނާ އެކު ޖިންސީ ގުޅުން ހިންގައިގެން ދިގު މުއްދަތަކަށް މީގެކުރިންވެސް ބައެއް މީހުން ޖަލަށްލާފައިވެ އެވެ.

މި މައްސަލައާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވީ މިއީ އިދާރާތައް ގުޅިގެން ނެރެވުނު ނަތީޖާއެއް ކަމަށާއި އެކަމާ އުފާކުރައްވާ ކަމަށެވެ. އެގޮތުން ޕީޖީގެ ޓީމާއި ޖެންޑާ މިނިސްޓްރީ އަދި ފުލުހުން ކުރި މަސައްކަތް ފާހަގަކުރެއްވި އެވެ.