މާލޭ ސިޓީ

ބަދަލުތަކާއެކު މާލޭގެ އިރުމަތީ ފަރާތް ތަރައްގީކުރަން ފަށަނީ

މާލޭގެ ހުޅަނގު ފަރާތް މިހާރުވަނީ ތަރައްގީވެފައި ކަމަށާއި ދެން އޮތީ އިރުމަތީ ފަރާތް ތަރައްގީ ކުރުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ. މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ހަބީބު މިރޭ ސަން ޓީވީގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މާލެ ސިޓީއަކީ ރާއްޖޭގެ ވެރިރަށް ކަމަށްވާއިރު ހިތްފަސޭހަ ތަނަކަށް މާލެ ހެދުމަށް ހުޅަނގު ފަރާތަށް މިހާރު ވެސް ވާނީ ބޮޑެތި ބަދަލުތަކެއް ގެނެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިޔަށް ގެންގޮސް އިތުރު މަޝްރޫއުތައް ރާވާފައި ކަމަށާއި އެސަރަހައްދު އެއްކޮޅުން ފެށިގެން އަނެއް ކޮޅަށް ތަރައްގީކޮށް ނިންމާފައިވާއިރު އަދިވެސް ގިނަ މަސައްކަތްތަކެއް ކުރިޔަށް އެބަހުރި ކަމަށެވެ.

ހަބީބު ވިދާޅުވީ މާލެ ބަދަލު ކޮށްލުމުގެ ތަރައްގީގެ މަޝްރޫއުތައް ދެން އެންމެ އަވަހާ ފަށާނީ އިރުމަތީ ފަރާތުން ކަމަށާއި އެގޮތުން ކުރިޔަށް އޮތް ދުވަސްތަކުތެރޭގައި އިރުމަތީ ފަރާތަށް ގެނެސް ތަރައްގީގެ މަޝްރޫއުތައް ފަށާނެ ކަމަށެވެ.

"ހުޅަނގު ފަރާތުން އެންމެ އުތުރުން ދެކުނާ ހަމަޔަށް ބަލައިފަ މުޅިން ތަފާތު ހިއްގައިމު މަންޒަރެއް މިހާރު ފެންނާނީ. ދެން އޮތީ އިރުމަތީ ފަރާތް ތަރައްގީ ކުރުން. އެ ފަރާތް ވެސް އެއް ކޮޅުން އަނެއް ކޮޅަށް ބަދަލު ކުރުމަށް ފަހު، ދެކުނާއި އުތުރު ފަރާތް ވެސް ތަރައްގީކޮށް މުޅި މާލެ އެއްކޮށް ވަށައި ބަދަލުކޮށްލާނެ،" ހަބީބު ވިދާޅުވި އެވެ.

މާލޭގެ އިރުމަތީ ފަރާތްތަށް ގެންނާނެ ބައެއް ބަދަލުތަކަށް އަލިއަޅުވާލައި ހަބީބު ވިދާޅުވީ ކުރިންވެސް ރާވައިފަވާ ގޮތައް ކާނިވާ ސަރަހައްދު ޕާކެއް ގޮތަށް ތަރައްގީ ކުރާނެ ކަމަށާއި އެ މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު ވެސް ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ބްރިޖުގެ މަސައްކަތާއި ގުޅިގެން ލޮނުޒިޔާރަތް ކޮޅުން ބޭރު މަގު ފުޅާކޮށް ބޮޑެތި ބަދަލުތަކެއް އަންނަ އިރު ސައުދީ ހިލޭ އެހީގެ ދަށުން އަޅައި އެންމެ ބޮޑު މިސްކިތް ވެސް އަޅާނީ ހެންވޭރުކޮޅުގައި ކަމަށާއި އަދި އިރުމަތީ އާޓިފިޝަލް ބީޗައް ވެސް ބޮޑު ބަދަލުތަކެއް ގެންނަން ނިންމަވާފައިވާ ކަމަށް ހަބީބު ވިދާޅުވި އެވެ.

"މި ތަރައްގީ ގެނައުމަށް އަޅުގަނޑުމެންގެ މިނިސްޓްރީ އިން މިގެންދަނީ ބުރަ މަސައްކަތްތަކެއް ކުރަމުން. ހިއްފަސޭހަ ތަނަކަށް މާލެ ހެދުމަށް މިސަރުކާރުން ނިންމަވާފައިވާ ކަންތައް ކުރުމަށް. މިހާރުވެސް ރޭގަނޑު 11 ނުވަތަ 12 އިން ފެށިގެން އިރުއަރައި ހަތެއް ޖަހަންދެއް ހައުސިންގެ ޓީމުތައް މާލޭ މަގުތަކުގެ ސާވޭ ހެދުމުގައި އުޅޭނެ،" ހަބީބު ވިދާޅުވި އެވެ.