ރައީސް އަބްދުﷲ ޔާމީން

މެލޭޝިޔާގައި ދިވެހި ކަލްޗާ ސެންޓަރެއް ހަދަން މަސައްކަތް އެބަކުރަން: ރައީސް

މެލޭޝިޔާގައި ރާއްޖޭގެ ސަގާފަތާއި ބެހޭ ސެންޓަރެއް ނުވަތަ ކަލްޗާ ސެންޓަރެއް ގާއިމްކުރަން މެލޭޝިޔާގެ ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން އަންނަ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބް ރައްޒާގާ ބައްދަލު ކުރެއްވުމަށްފަހު ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމެންޓެއްގަ އެވެ.

ރައީސް ވިދާޅުވީ މެލޭޝިޔާގެ ވިޝަން 2020 ސިޔާސަތު ރާއްޖެއިން ނަމޫނާ އަކަށް ބަލާނެ ކަމަށާއި ރާއްޖެ އާއި މެލޭޝިޔާ އާއި ދެމެދުއޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އެ މަނިކުފާނުގެ މި ދަތުރުފުޅުގެ ސަބަބުން އެތައް ތަނެއް އިތުރުވެއްޖެ ކަމަށެވެ.

"މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބާއެކު ބޭއްވި ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމެއް. ތަފާތު މައްސަލަތަކާއި ބެހޭގޮތުން މަޝްވަރާކުރިން. ދެ ގައުމު ދެމެދުގައި އޮތް ދުވަސްވީ ގުޅުމާއި އެޕްރިސިއޭޝަންތަކާއި ބެހޭގޮތުންވެސް މަޝްވަރާކުރެވުނު" ރައީސް ވިދާޅުވި އެވެ.

ރާއްޖެއަކީ ކުޑަ ގައުމަކަށް ވާތީ ބައިނަލް އަގްވާމީ މައިދާނުގައި ތަފާތު ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ ކަމަށާއި ކޮމަން ވެލްތު ފަދަ ޖަމިއްޔާތަކުގައި މިފަދަ ގައުމުތަކާއި ދޭތެރޭ ނުހައްގުން އަޅާ ފިޔަވަޅުތަކާއި ދެކޮޅަށް ބަސް ބުނުމަށް މެލޭޝިޔާގެ ބޮޑުވަޒީރުގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

ރައީސް މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ވަނީ އެގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާފަ އެވެ.