ދުނިޔޭގެ ބާޒާރަށް ނެރޭ އާމަންޑްގެ 82 ޕަސެންޓް އުފައްދަނީ އެމެރިކާގެ ކެލިފޯނިއާގަ އެވެ. އާމަންޑްގެ މި ވިޔަފާރިން އެކަނި ވެސް ކެލިފޯނިއާގެ ދަނޑުވެރިކަމަށް އަހަރެއްގެ މައްޗަށް ތިން ބިލިއަން ޑޮލަރު ވަދެ އެވެ. އާމަންޑަކީ އަގުބޮޑު، އަދި އެހާމެ ފައިދާވެސް ބޮޑު އެއްޗެކެވެ.
އާމަންޑްގައި ވިޓަމިންސް އާއި މިނެރަލްސް އާއި ޕްރޮޓީން އަދި ފައިބާގެ ޖާދޫ ވަރަށް ވެސް ބޮޑެވެ.
މިސާލަކަށް ދުވާލެއްގެ މައްޗަށް ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން7ގެ މިންވަރު، އާމަންޑްގެ ގޮށްމުށަކުން ފުއްދާލެވޭ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
އެންމެ މަތީ ފެންވަރުގެ ޕްރޮޓީން އާއި މެގްނީޒިއަމް އަދި ކޮޕާ އާއި ވިޓަމިން އީ މީގައި ގިނަ މިންވަރަކަށް ހިމެނެ އެވެ.
އޭގައި ހިމެނޭ ވިޓަމިން ބީ2 އާއި ވިޓަމިން އީ އަދި މެގްނީޒިއަމް އާއި ޒިންކް ފަދަ މާއްދާތަކަކީ ހިތާއި މީހާގެ މޫޑްގެ ރަހަ ހެޔޮވަރުކޮށްދޭ މުހިންމު މާއްދާތަކެވެ. މިސާލަކަށް މެގްނީޒިއަމް އަކީ ހާޓް އެޓޭކާއި އާދަޔާހިލާފަށް ކަންބޮޑުވުން ފަދަ މައްސަލަތައް ފިނިކޮށް ލުއެއް ހޯދުމަށް މަސައްކަތްކުރާ ހާއްސަ އެޖެންޓެކެވެ.
ތަޖުރިބާކާރުން ބުނާ ގޮތުން ހަށިގަނޑުގެ ކޮލެސްޓްރޯލް ލެވެލް ދަށްކުރުމަށް ވެސް އާމަންޑްހާ މޮޅު އެއްޗެއް ނެތެވެ. ކޮލެސްޓްރޯލް ދަށްކޮށް ހިތުގެ ބަލިތަކާ ދެކޮޅަށް ހަރަކާތްތެރިވުމަށް ބޭނުންވާ ވިޓަމިން އީ ގިނަ އަދަދަކަށް އޭގައި ހިމެނުމަކީ ވެސް ގަވާއިދުން އާމަންޑް ކާ މީހުންނަށް އޮތް ހިތްފަސޭހަ އެކެވެ.
މިއިން ލިއްބައިދޭ މެގްނީޒިއަމްގެ ރޯލަކީ އާޓް އެޓޭކްގެ ބިރު ކުޑަކޮށްދޭ ކަމެކެވެ. މެގްނީޒިއަމް ހަރަކާތްތެރިވަނީ ލޭގެ ހިމަ އަދި ބޮޑެތި ނާރުތަކުގެ ހިނގުން ފަސޭހަކޮށް އޮމާންކުރުމަށެވެ.
އާންމުކޮށް ގިނައިން ކެއުމަށް އާދަވެފައިވާ މީހަކު އޭނާގެ ކެއުން މަދުކޮށް، ކެއުމުން މަދުކުރި ބައި އާމަންޑްގެ މިންވަރަކުން ފުއްދާލާ ނަމަ އެމީހަކަށް ފަލަވުމުގެ ބިރެއް ނެތެވެ. މީގައި ހިމެނޭ ފައިބާ އާއި ޕްރޮޓީން އަދި ފެޓްގެ ބާވަތްތަކަކީ ގިނައިން ކާހިތްވާ މީހާގެ އެ އާދަ ކަނޑުވާލަދެވޭ ވަރުގެ ޕެކޭޖެކެވެ.
ހާއްސަކޮށް މީގައި ހިމެނޭ މެގްނީޒަމްގެ ރޯލު ވަރަށް ވެސް މުހިންމެވެ. އެއީ ހަށިގަނޑުގެ ބްލަޑް ޝުގާގެ މިންވަރު ކޮންޓްރޯލްކުރުމުގައި ފާހަގަކޮށްލެވޭ މާއްދާއެކެވެ. ބްލަޑް ޝުގާ ހަމައިން ނެއްޓިގެން ދާ ހިސާބަކީ އާދަޔާހިލާފަށް ގިނައިން ކާ ހިތްވާ ސަބަބެވެ.
އެހެން ފައިދާތަކަށް ބަލާއިރު އާމަންޑްގައި ހިމެނޭ ފޮސްފަރަސް އަކީ ހަށިގަނޑުގެ ކަށިތައް އަދި ދަތްތައް ވަރުގަދަކޮށް ދިނުމަށް މުހިންމު މާއްދާއެކެވެ. ސިކުނޑީގެ ތާޒާކަން އިތުރުކޮށް ނާރުތަކާ ގުޅޭ ބަލިތަކަށް ވެސް ފަސޭހައެކެވެ. ހަމުގެ ބަލިތަކާއި ކެންސަރާ ދެކޮޅަށް ވެސް މުހިންމެވެ. ބަލިވެ އިންނަ އަންހެން މީހާ ވެސް އެތައް ފައިދާއެއް ލިއްބައިދޭ އެއްޗެކެވެ.
އާމަންޑްގެ މަގްބޫލުކަން ބޮޑުވެފައިވާއިރު މީގެ ވަރަށް ގިނަ ވައްތަރުތައް ފިހާރަތަކުން ލިބެން އެބަހުއްޓެވެ. ލޮނުލީ އާމަންޑާއި ރޯސްކުރި އާމަންޑާއި ސީދާ ރޯ އާމަންޑް ވެސް ލިބެން އެބަހުއްޓެވެ. އަވީލައިގެން ހިއްކާފައި ހުންނަ އާމަންޑާއި އާދައިގެ ރޯ އާމަންޑްގައި އެއް ވަރަކަށް ކެލޮރީސް ހިމެނޭއިރު ތެލުގައި ރޯސްކުރާ އާމަންޑް ވަރަށް ވެސް ތަފާތެވެ.
މިފަދަ ސަބަބުތަކާ ހެދި ތަޖުރިބާކާރުން ބުނަނީ އާމަންޑްގެ ހަގީގީ ފައިދާ ހޯދަން ބޭނުން ނަމަ ރޯ އާމަންޑަށް ސަމާލުކަންދޭށެވެ.