ހަބަރު

"ބާރުތައް ނުލިބިގެން ކައުންސިލްތައް މާޔޫސްވާކަށް ނުޖެހޭ"

ހުރިހާ ބާރުތައް ނުލިބި އޮތުމަކީ ކައުންސިލްތަކުން މާޔޫސްވާން ޖެހޭ ކަމެއް ނޫން ކަމަށާއި އެއީ ކޮންމެ ގައުމެއްގައި ވެސް ކަން ހިނގައި ގޮތް ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކާއި ގުޅިގެން އެލްޖީއޭ އިން ބޭއްވި ގައުމީ މަހާސިންތާ ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ އެންމެންގެ ތެރޭގައި އެންމެ ބޮޑު ޝަކުވާއަކަށް އަންނަނީ ތަފާތު ވުޒާރާ ތަކުގައި ހުރި ބައެއް ބާރުތައް އަތޮޅު ފެންވަރަށް ދޫނުކުރާ މައްސަލަ ކަމަށެވެ. އެހެން ނަމަވެސް އިންތިހާބު މަގާމުތަކަށް އަންނަ އިރު ހުރިހާ ކަމެއް ހުންނާނީ އެމީހަކު ބޭނުން ގޮތަކަށް ހަމަޖެހިފައެއް ނޫން ކަމަށް އިންތިހާބު ވެގެން އަންނަ ފަރާތްތަކަށް އެނގެން ޖެހޭނެ ކަމަށް އުމަރު ވިދާޅުވި އެވެ.

"އަތޮޅުތަކާއި ރަށު ކައުންސިލުން އިންތިހާބު ކުރެވިގެން އަންނަ އިރުގައި އެނގިވަޑައިނަވަން ޖެހޭނެ ސިޔާސީ ކުޅިތައް އެތުރިފައި ހުންނާނީ އެމީހަކު ބޭނުންވާ ގޮތަކަށް ނޫން. އެކަން އެތުރިފައި ހުންނާނީ އެއިރެއްގެ ގައުމެއްގެ ސިޔާސީ މަސްރަހު އެތުރިފައި ހުންނަ ގޮތަށް. އެހެންވީމަ އަތޮޅު ކައުންސިލް ބޭފުޅުންވެސް އަދި ރަށު ކައުންސިލްގެ ބޭފުޅުންވެސް އެބޭފުޅުންގެ އަތަށް ދޫކުރަންޖެހޭނެ ކަމަށް ފެނިވަޑައިގަންނަވާ ހުރިހާ ކަންކަން ދޫކޮށްފައި ނެތުން އަދި އެއީކީއެއް މުޅިން މި ނިޒާމް އެއްކޮށް ފަންކްޝަން ނުކުރެވުނީ ކީ ނޫން،" އުމަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެމައްސަލައާ މެދު ކައުންސިލްތަކުން މާޔޫސްވާކަށް ނުޖެހޭނެ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމައިގެން ކައުންސިލުތަކުން އަދިވެސް ކުރިއަށް ދާން ޖެހޭ ކަމަށާއި މިހާރު އޮތް ވަރަށް ވުރެއް މި ނިޒާމް ކުރިޔަށް އޮތްތާ ރަނގަޅު ވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މައި ސަރުކާރުން ބާރުތައް ދޫކުރުމުގައި ހިފެހެއްޓުންތަކެއް ގެންގުޅޭ މައްސަލަ އޮންނަނީ ހަމައެކަނި ރާއްޖޭގައި ނޫން ކަމަށާއި ލާމަރުކަޒީ ނިޒާމް އޮންނަ ބޮޑެތި ގައުމުތަކުގައި ވެސް ކަން ހިނގަނީ އެހެން ކަމަށެވެ.