އުމަރު ނަސީރު

މަޖިލީހުން ދަނީ ސަރުކާރު ހިންގުމުގެ ބާރަށް ވަންނަމުން: އުމަރު

ރައްޔިތުންގެ މަޖިލީހުން ގެންދަނީ ސަރުކާރު ހިންގުމުގެ ބާރުގެ ތެރެއަށް ވަދެ ބައެއް ބާރުތައް މަޖިލީހަށް ބަދަލު ކުރަމުން ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ރައްޔިތުންގެ މަޖިލީހަށް ފާޑުވިދާޅުވެއްޖެ އެވެ.

އުމަރު، މަޖިލީހަށް ފާޑުވިދާޅުވެފައި ވަނީ ކައުންސިލަރުންނާއި، މޭޔަރު ވެސް މަޖިލީހަށް ވަކިކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިިލީހުގެ ކޮމެޓީން ނިންމުމާއި ގުޅިގެނެވެ.

އުމަރު ވިދާޅުވީ ލޯކަލް ކައުންސިލްތަކަކީ ސަރުކާރު ހިންގުމުގެ ފަށަލައެއް ކަމަށާ އެއީ ސަރުކާރުގެ ބައެއް ކަމަށެވެ. އަދި ކައުންސިލްތައް ޒިންމާދާރު ކުރުވުމާއި ޖަވާބުދާރީ ކުރުވުމަކީ ވެސް ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށެވެ.

"މަޖިލީސް އިން ވަކި ކުރެވޭ ގޮތަށް އޮތުމަކީ އެއްވެސް ގައުމެއްގައި މިކަން އޮންނަ ގޮތެއް ނޫން. މިއީ މިހާރު ދައުލަތުގެ ތެރޭގައި އޮތް 'ޑަބަލް ސްޓޭޓް' [ދެ ދައުލަތް] ހާމަކޮށް ދޭ މިސާލެއް." ކުރިން އެލްޖީއޭގެ އެންމެ އިސްވެރިއަކަށް ވެސް ހުންނެވި އުމަރު ވިދާޅުވި އެވެ.

އުމަރު ވަނީ މަޖިލީހުން ގެންދަނީ ސަރުކާރު ހިންގުމުގެ ބާރުގެ ތެރެއަށްވަދެ ބައެއް ބާރުތައް މަޖިލީހަށް ބަދަލު ކުރަމުން ކަމަށް ވިދާޅުވެފަ އެވެ.

ލާމަރުކަޒީ ގާނޫނަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު އިސްލާހު ހުށައެޅުއްވުމުން ލާމަރުކަޒީ ކޮމެޓީން ވަނީ ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި ކައުންސިލުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ނުކޮށް އިހުމާލުވާ ނަމަ ނުވަތަ ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ގާނޫނީ އިމުން ބޭރުން ހިފުމާއި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވުން ތަކުރާރުވެ ރައްޔިތުންނަށް މިކަމުގެ ސަބަބުން ގެއްލުން ވަމުން ދާކަން ފާހަގަ ކުރެއްވިޖެ ނަމަ އެ ކައުންސިލަރު ނުވަތަ މޭޔަރު ނުވަތަ ރައީސް މަގާމުން ވަކިި ކުރުމުގެ ގޮތުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ބާރު އެލްޖީއޭއަށް ދިނުމަށް ވަނީ ހިމަނާފަ އެވެ.