އުމަރު ނަސީރު

ގާނޫނު އިސްލާހުވުމުން ބާރުތައް ކައުންސިލަރުންނަށް ދޫކޮށްލާނެ: އުމަރު

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ޖެހިފައިވާ ކަމަށާއި އެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެލްޖީއޭގެ އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. އުމަރު ވިދާޅުވީ، ގާނޫނު އިސްލާހުކުރުމަށް ބޭނުންވާ ޑްރާފްޓްގެ މަސައްކަތް ނިމި، އެކަމަށް މަޝްވަރާކުރެވެމުންދާ ކަމަށެވެ.

ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ މަހާސިންތާ ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ، ލާމަރުކަޒީ ނިޒާމް އެންމެ ފުރިހަމައަށް ހިނގާނީ ފަސް ކަމެއް ފުރިހަމަ ވެގެން ކަމަށެވެ. އެ ފަސް ކަމަކީ، ސަރުކާރު، ސިޓީ ކައުންސިލްތައް، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް، އެލްޖީއޭ އަދި ޒިންމާދާރުވެރިން ކަމަށެވެ.

އުމަރު ވިދާޅުވީ، މި ފަސް ފަރާތުގެ މިސްރާބު ހުންނަން ވާނީ އެއް ދިމާލަކަށް ކަމަށާއި އެއީ ތަރައްގީ ކަމަށެވެ. އަދި މިސްރާބު އެއްގޮތް ނުވެ ލާމަރުކަޒީ ނިޒާމް ތަރައްގީ ނުވާނެ ކަމަށެވެ. އުމަރު ވިދާޅުވީ، މިހާރު އޮތް އެންމެ ބޮޑު ޖެހުމަކީ އެކުގައި މަސައްކަތް ނުކުރުން ކަމަށެވެ. މި ފަސް ފަރާތުގެ ތެރެއިން ކޮންމެވެސް އެއް ފަރާތެއް އެއް ދިމާލަކަށް މަސައްކަތް ކުރާނަމަ ތަރައްގީއެއް ނުލިބޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގޭ މި ނިޒާމްގެ ތެރޭގައި ހުރި މިފަދަ މައްސަލަތައް، މިކަންކަން ޖެހޭނެ ނައްތާލަން، އެހެންވީމަ އަޅުގަނޑުގެ އުއްމީދަކީ މިދެންނެވި ފަސް ފަރާތް އެކުއެކީގައި އެއް ދިމާލަކަށް މަސައްކަތް ކުރެވޭނެ ގޮތެއް އައުން، މިއީ އެހާ ފަސޭހަ ކަމެއް ނޫން، މިކަމަށް ޖެހެނީ ގާނޫނަށް އިސްލާހު ގެންނަން،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، ގާނޫނު އިސްލާހުކުރުމުން، ހުރިހާ ފަރާތެއް އެއް ދިމާލަކަށް މިސްރާބު ޖަހާ، މިނިސްޓްރީތަކަށް ބާރުތައް ޖަމާކުރުމުގެ ބަދަލުގައި ކައުންސިލުންނަށް ބާރުތައް ދޫކުރުމުގެ އެއްބާރުލުން މިނިސްޓްރީތަކަށް ވެސް ލިބިގެންދާނެ ކަމަށެވެ.

"އެ ބާރުތައް ކައުންސިލްތަކަށް ދޫކޮށްލުމުން ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ހިނގާ ފަރާތަކަށާއި މިނިސްޓްރީތަކަށް ލިބި އަދި ރައްޔިތުންނަށް ވެސް ލިބިގެންދާނެ ކަމާމެދު އަޅުގަނޑަށް ޝައްކެއް ނެތް،" އުމަރު ވިދާޅުވި އެވެ.