އޮފްބީޓް

މިއޮތީ އެންމެ ބޮޑު މުސަޅު، ހަތް އަހަރުގެ ކުއްޖެއް ވަރުވޭ!

މުސަޅަކީ ދިވެހިން ވެސް ލޯބިކުރާ ޖަނަވާރެކެވެ. މުސަޅު ގެންގުޅޭ މީހުން ވެސް ގިނަ އެވެ. އެކަމަކު މިހާ ބޮޑު މުސަޅެއް ހަމަ ގައިމުވެސް މީގެ ކުރިން ފެނިފައެއް ނުވާނެ އެވެ. މިއީ އެންމެ ބޮޑު މުސަޅެވެ. ރިކޯޑް ފޮތުން ޖާގަ ހޯދާފައިވާ އެންމެ ބޮޑު މުސަޅެވެ.

"ޖެފް" ގެ ނަމުން ނަން ދީފައިވާ މި މުސަޅުގެ ދިގުމިނުގައި ހަތަރު ފޫޓާއި ތިން އިންޗި ހުރެ އެވެ. މިއީ އާންމު ގޮތެއްގައި ހަތް އަހަރުގެ ކުއްޖެއް އިސްކޮޅެވެ. ޖެފްގެ ވެރިމީހާއަކީ އެނެއްޓެ އެޑްވާޑްސް ނަމަކަށްކިޔާ އަންހެނެކެވެ.

އަށާރަ މަހުގެ ޖެފް އަދާޔާ ހިލާފަށް ދިގުވެފައިވަނީ، އެނެއްޓެގެ ބުރަ މަސައްކަތުން ކަމަށް އޭނާ ގަބޫލުކުރެ އެވެ. އޭނާ ޖެފަށް ދެނީ ތަފާތު ކާނާތަކެކެވެ. އެގޮތުން ބްރޮކަލީއަކީ ޖެފަށް ގިނައިން ކާންދޭ އެއްޗެއް ކަމަށް އޭނާ ބުންޏެވެ. ޖެފަށް ކާންދޭ ގިނަ ތަކެތި ވަނީ ސިއްރުކޮށްފަ އެވެ. ޖެފްގެ ވެރިމީހާ ބުނީ އެއީ ސީކްރެޓް އިންގްރިޑިއެންޓްސްތަކެއް ކަމަށެވެ.

"އަހަރެން ވަރަށް ލޯބިވޭ ޖެފް ދެކެ، އެއީ ވަރަށް ލޯބި ޖަނަވާރެއް،" އޭނާ ބުންޏެވެ.

ޖެފްގެ އިތުރުން އެހެން މުސަޅެއް ވެސް އެނެއްޓެ ގެންގުޅެ އެވެ. އެއީ އެންޔާ އެވެ. އެންޔާއަކީ ވެސް އަދާޔާ ހިލާފަށް ބޮޑު މުސަޅެކެވެ. އެންމެ ފަސް މަހުގައި އެންޔާގެ ދިގުމިނަކީ ތިން ފޫޓާއި ތިން އިންޗި އެވެ.

"ޖެފް އަދި އެންޔާގެ ވިސްނުން ވެސް ވަރަށް ތޫނު، އެއީ މުސަޅު އުޅޭ ގޮތަށްވުރެ ބޮޑަށް ޑޯގް އުޅޭ ގޮތަށް ޖެފް އަދި އެންޔާ އުޅެނީ، ކޮންމެ ދުވަހަކު ވެސް ކަސްރަތުކޮށް ސިއްހަތަށް ރަނގަޅު ކާނާ ކާނެ، ބޭކާރު އެއްޗެހި ޖެފް އަދި އެންޔާއަށް ކާން ނުދެން،" އެނެއްޓެ ބުންޏެވެ.