ރާއްޖެ ކުޅިވަރު

ނިއު އަށް މިވީ ކިހިނެއް؟

ޕީޕަލްސް ކަޕް މުބާރާތަށް ނިއު ރޭޑިއަންޓް އިން ނިކުތީ ވަރަށް ފޮނި އުންމީދުތަކަކާއެކު އެވެ. ސްކޮޑަށް އިތުރުކުރި ދިވެހި ކުޅުންތެރިންނާއި ބިދޭސީ ތިން ކުޅުންތެރިންނާއެކު، ފިންލެންޑްގެ ކޯޗު މިކާ ލޮންސްޓްރޮމްގެ އިރުޝާުދުގެ ދަށުން ނިއު އިން ނުކުތީ ސީދާ ތައްޓަށެވެ. މުބާރާތުގެ ކުރިން ގިނަ ބައެއްގެ ނަޒަރުގައި ފޭވަރިޓުންނަކީ ނިއު އާއި މެލޭޝިއާގެ ޕީޑީއާރްއެމް އެެވެ. ގިނަ ބަޔަކު އުންމީދުކުރި ގޮތަށް، ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކުޅޭ ޕީޑީއާރްއެމް މުބާރާތް ކާމިޔާބުކުރި އެވެ. އެކަމަކު ނިއު އިން ނެރުނީ ކްލަބުގެ މެނޭޖްމަންޓާއި ސަޕޯޓަރުން ހިތްހަމަޖެހޭ ނަތީޖާއެއް ނޫނެވެ. މުބާރާތުގެ ލީގު ބުރު ދިވެހި ލީގާއި ޕްރެެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން ނިންމާލީ އެއް ޕޮއިންޓާއެކު ތާވަލްގެ ފުލުގަ އެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޕީޑީއާރްއެމް އަތުން ނިއު ބަލިވީ 1-0 އިންނެެވެ. އެ މެޗުގައި ނިއުގެ ޑިފެންސްލައިން އިން ދެއްކި ކުޅުމަށް އެ ޓީމުގެ ކޯޗު މިކާ ތައުރީފްކުރި އެވެ. އެޓޭކިންގައި ރަނގަޅުކުރަންޖެހޭ ކަންތައްތައް ހުރިކަން ފާހަގަކުރި އެވެ.

ދެވަނަ މެޗުގައި ސިންގަޕޫރުގެ ލަޔަންސްއާ ދެކޮޅަށް ނިއު ނިކުތްއިރު، ފުރަތަމަ މެޗުގައި ގޯސްކޮށްދިޔަ ކަންތައްތައް އެ ޓީމުން ރަނގަޅުކުރާނެ ކަމަށް ބެލެވުނެވެ. އެކަމަކު ފެނުނީ ތަފާތު މަންޒަރެކެވެ. ލަަޔަންސް އަތުން 3-1 އިން ނިއު ބަލިވިއިރު، މެޗުގައި ނިއުގެ ފަރާތުން ފެނުނީ ސަޕޯޓަރުން އުންމީދުކުރި ވަރުގެ ކުޅުމެއް ނޫނެވެ.

މާޒިޔާއާ ދެކޮޅަށް ތިން ވަނަ މެޗުގައި ނިކުތް އިރު ނިއު އަށް އޮތީ ފައިނަލްގެ ދޮރު ބަންދުވެފަ އެވެ. އެ މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ކުރިން ކުޅުނު މެޗުތަކާ އަޅާބަލާއިރު އެ ޓީމުގެ ކުޅުން ރަނގަޅު ކަމަށް ނިއުގެ ކޯޗު މިކާ ބުންޏެވެ.

ނިއު އިން ޕީޕަލްސް ކަޕްގައި ދެއްކި ޕާފޯމަންސާ ގުޅިގެން، ސަޕޯޓަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވެފަ އެވެ. ބައެއް ސަޕޯޓަރުންގެ ނަޒަރުގައި މައްސަލައަކީ ކޯޗު މިކާ އެވެ. ބައެއް ސަޕޯޓަރުން ބުނަނީ މައްސަލައަކީ ބްރެޒިލް ދެ ފޯވަޑުން ކަމަށެވެ. ޕްރީ ސީޒަންގައި ކުޅޭ މުބާރާތެއްގެ ނަތީޖާއަކަށް މާބޮޑަށް ވިސްނަންނުޖެހޭ ކަމަށް ބުނާ ސަޕޯޓަރުން ވެސް މަދެއް ނޫނެވެ.

މީގެ ތެރެއިން އެއް ސަަބަބު ހަމަގައިމު ވެސް މުބާރާތުގެ ތެރެއިން ސާބިތުވެގެން ދިޔަ އެވެ. އެއީ ބްރެޒިލްގެ ދެ ފޯވަޑުންނެވެ. ޕީޕަލްސް ކަޕްގައި ނިއު ސްކޮޑްގައި ޖުމްލަ ތިން ބިދޭސީ ކުޅުންތެރިން ހިމެނި އެވެ. އެއީ ބްރެޒިލްގެ ދެ ފޯވަޑުން ކަމަށްވާ އެވަޓަން ސޫޒާ ސަންތޯސް އާއި ރަފީނިއާ އަދި ސްޕެއިންގެ ގޯލްކީޕަރު ޕެޑްރޯ މަރެންކޯ އެވެ. ކުރިން އޭވައިއެލް އަށް ކުޅުނު ހުނަރުވެރި ފޯވަޑް ސަންތޯސް އާއި ރަފީނިއާ މުބާރާތުގައި ނިއު ކުޅުނު ތިން މެޗުގައި ވެސް ފުރަަތަމަ 11ގައި ކުޅުނެވެ. އެކަމަކު އެ ދެ ކުޅުންތެރިންގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުނެވެ. ހާއްސަކޮށް ރަފީނިއާގެ ފަރާތުން ކްލަބުން އުންމީދުކުރި ވަރުގެ ކުޅުމެއް ނުފެނު އެވެ. ސަންތޯސް އަކީ ހުނަރުވެރި ކުޅުންތެރިއެއް އޭނާ ސާބިތުކޮށްދިން ނަމަވެސް، ޓީމަށް ފައިދާ ހުރި ކުޅުމަކަށް ވުރެ ބޮޑަށް އޭނާ އިސްކަންދެނީ އޭނާގެ އަމިއްލަ ހުނަރު ދެއްކުމަށެވެ. އެހެންވެ، ސަންތޯސްއާމެދު ވެސް ކްލަބުން ހިތްހަމައެއްނުޖެހުނެވެ. ސަންތޯސް އާއި ރަފީނިއާ ފޮނުވާލަން އެ ކްލަބުން މިހާރު ވަނީ ނިންމައިފަ އެވެ.

ބިދޭސީ ކުޅުންތެރިން ހޯދުމުގައި މިދިޔަ ސީޒަންގައި ވެސް ނިއު އިން ހިތި ތަޖުރިބާތަކެއް ކުރި އެވެ. އަނެއްކާ ވެސް އެ ކްލަބަށް މި އޮތީ ރަނގަޅު ބިދޭސީ ކުޅުންތެރިން ހޯދަން އަތްފުނާ އަޅަންޖެހިފަ އެވެ. ރަނގަޅު ފޯވަޑެއް ނިއު އަށް ބޭނުންވާކަން ޕީޕަލްސް ކަޕް އިން ފެނިގެންދިޔަ އެވެ.

ޕީޕަލްސް ކަޕްގައި ނިއު ކުޅުނު ތިން މެޗުގައި އެ ޓީމަށް ޖެހުނީ އެންމެ ލަނޑެކެވެ. އެ ލަނޑު ވެސް ޖެހީ މިޑްފީލްޑަރު އަހުމަދު ނިޔާޒް އެވެ. ނިއުގެ ފޯވަޑަކަށް ލަނޑެއް ނުޖެހުނުއިރު، އިދިކޮޅު ޓީމުގެ ގޯލަށް އަމާޒުކޮށްލެވުނީ ވެސް މަދު ބޯޅައެކެވެ.

މިދިޔަ ސީޒަންގައި ވެސް ނިއު އިން ރަނގަޅު ބިދޭސީ ފޯވަޑެއް ހޯދި އެވެ. އެކަމަކު އެ ކްލަބުން ގެނައި ކުޅުންތެރިޔާ ވަނީ ފެންވަރު ދަށްވެގެން ފޮނުވާލައިފަ އެވެ. މިދިޔަ ސީޒަންގައި ނިއުގެ "ގޯލު މެޝިން" އަކަށްވީ އަލީ ފާސިރު (ސެންޓޭ) އެވެ. އަނިޔާގެ ސަަބަބުން ޕީޕަލްސް ކަޕްގައި ނުކުޅެވުނެވެ. ސެންޓޭ ނެތްތަން މި މުބާރާތުގައި ވަރަށް ބޮޑަށް ދެއްކި އެވެ.

ސެންޓޭ މުޅިން ފިޓުވެ، އަލުން ދަނޑަށް ނުކުތުމުން ނިއުގެ ފޯވަޑް ލައިން ވަރުގަދަވާނެ އެވެ. އެކަމަކު ސެންޓޭ އަށް ޑިޕެންޑްވެގެން ނިއު އަށް ތިބެވޭކަށް ނެތެވެ. ރަނގަޅު ބިދޭސީ ސެންޓަ ފޯވަޑެއް ނުހޯދައިފި ނަމަ، އެ ޓީމަށް މި ސީޒަންގައި މައްސަލަތަކެއް ކުރިމަތިވެދާނެ އެވެ.

ކޯޗު މިކާގެ ފެންވަރާމެދު ޝައްކުކުރާ މީހުން މަދެއް ނޫނެވެ. މިދިޔަ އަހަރު ނިއު އަށް ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕް އޭނާ ކާމިޔާބުކުރީ ސީޒަންގެ މެދުތެރެއިން ޓީމާ ހަވާލުވުމަށް ފަހު އެވެ. ސީޒަން ފެށުނުއިރު ކޯޗަކަށް ހުރެވުނު ނަމަ ، އެއަށްވުރެ ނަތީޖާ ރަނގަޅުކުރެވޭނެ ކަމަށް މިދިޔަ އަހަރު އޭނާ ބުންޏެވެ. މި އަހަރު މި އޮތީ އެ ބުނާ ވާހަަކަ ސާބިތުކޮށްދޭން މިކާ އަށް އޮތް ފުރުސަތެކެވެ. ނިއު އިން ވަނީ އޭނާ އަށް ފުރުސަތު ދީފަ އެވެ. އެކަމަކު އޭއެފްސީ ކަޕްގެ ނަތީޖާ ގޯސްވެއްޖެ ނަަަމަ، މިކާ ނިއުގެ ކޯޗެއްގައި ގޮތުގައި ދެމިނުހުރެދާނެ އެވެ.

"ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެަބަހުރި. އޭއެފްސީ ކަޕްގެ ކުރިން އެކަންތައް ރަނގަޅުކުރަން ވަގުތު ލިބޭނެ،" މިކާ ބުންޏެވެ.

ނިއު އިން މުބާރާތަށް ނިކުތީ ކޯޗުގެ އިރުޝާދުގެ ދަށުން، މުޅި ސްކޮޑް އެއްކޮށް މަދު ފަރިތަކުރުންތައް ކޮށްގެނެވެ. އެހެންކަމުން ޓީމުގެ ފިޓްނަސް ވެސް ހުރީ ހިތްހަަމަޖެހޭ ފެންވަރަކަށް ނޫން ކަމަށް މިކާ ބުންޏެވެ. ޕީޕަލްްސް ކަޕްގެ ނަތީޖާ އަށް ފަހު ވެސް ކްލަބުން އޮތީ މިކާ އަށް ފުރުސަތެއް ދީފަ އެވެ. ދެން އޮތީ މިކާގެ ހުރި ވަރެއް ބެލުމެވެ. މި ލިބޭ ދުވަސްކޮޅުގައި ރަނގަޅުކުރަން ހުރި ކަންތައްތައް ރަނގަޅުކޮށްގެން، އޭއެފްސީ ކަޕަށް ނިއުގެ ޓީމު ވަރަށް ރަނގަޅަށް މިކާ ތައްޔާރުކުރަން ޖެހެ އެވެ.