ހަބަރު

ފަހު ކުއާޓާގައި އެސްޓީއޯއަށް ފައިދާގެ ގޮތުގައި 286 މިލިއަން ރުފިޔާ!

Jan 30, 2015

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯ އަށް މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ޖުމްލަ ފައިދާގެ ގޮތުގައި 286 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ސަރުކާރުގެ 81.63 ޕަސެންޓް އަދި އާއްމުންގެ 18.37 ޕަސެންޓް ހިއްސާވާ އޮންނަ ކުންފުނި އެސްޓީއޯ އިން އާއްމު ކޮށްފައިވާ މިދިޔަ އަހަރުގެ ފަހު ކުއާޓާ (ފަހު ތިން މަހު) ގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި އެ ކުންފުނިން ފަހު ކުއާޓާގައި 1.8 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ހޯދާފައިވެ އެވެ.

އެސްޓީއޯ އިން މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެންމެ ފުޅާދާއިރާއެއްގައި ކުރި މަސައްކަތަކީ ކޮންމެ ރަށެއްގައި ބޭސް ފިހާރަތައް ހުޅުވުމުގެ މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން މިދިޔަ އަހަރު 63 ބޭސް ފިހާރައެއް ހުޅުވާފައިވެ އެވެ.

ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑުގެ ބާވަތްތައް އެތެރެ ކުރުމުގެ މަސައްކަތް ކުރަމުން ދާ އެސްޓީއޯއަށް މިދިޔަ އަހަރަކީ މާލީ ގޮތުން ރަނގަޅު އަހަރެވެ. މިދިޔަ އަހަރުގެ ކޮންމެ ކުއާޓާއެއްގައި ވެސް އެ ކުންފުންޏަށް ޖުމްލަ ގޮތެއްގައި 300 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެ އެވެ.