ނޫސްވެރިން

އަބުރުގެ ބިލަކީ މިނިވަން ނޫސްވެރިކަމަށް ދިން ހަމަލާއެއް: އައިއެފްޖޭ

ސަރުކާރުގެ ފަރާތުން ހުށަހެޅި "އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް"އަކީ މިނިވަން ނޫސްވެރިކަމަށް ދިން ހަމަލާއެއް ކަމަށް އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) ބުނެފި އެވެ.

އަބުރުގެ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް، މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ދިން ހަމަލާއެއް ކަމަށާއި އެ ބިލް އަނބުރާ ގެންދަންޖެހޭ ކަމަށެވެ.

"މި ބިލް ސަރުކާރުން ހުށަހެޅުމުގެ މަގުސަދަކީ ފާޑުކިޔުންތައް ހުއްޓުވާލައި، މީޑިއާތައް ބަލިކަށިކުރުން، ބިލްގައިވާ އަދަބުތަކަކީ އިންޓަނޭޝަނަލް ސްޓޭންޑާސްތަކާ ހިލާފު އަދަބުތަކެއް، އަދި އެއީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށާއި މިނިވަން ނޫސްވެރިކަމަށް ދިން އިންޒާރެއް،" އައިއެފްޖީގެ ބަޔާނުގައިވެ އެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ހުށަހެޅުއްވި އެ ބިލްގައިވާ ގޮތުގައި، އަނބުރާ ބެހުމުގެ މައްސަލައެއް ސާބިތުވެ ކުރާ ޖޫރިމަނާއެއް ނުދައްކައިފި ނަމަ، އެއް އަހަރަށް ޖަލަށް ލެވޭނެ އެވެ. އެ ބިލްގެ ދަށުން އަދަބު ނުދެވޭނެ ހާލަތްތަކާއި ހިޔާލު ފާޅުކުރުން ހަނިކުރެވޭނެ ނޫނީ އަދަބު ދެވޭނެ ދާއިރާތަކެއް ވަނީ ކަނޑައަޅައިފަ އެވެ.

ހިޔާލުފާޅުކޮށްގެން އަދަބެއް ދެވޭނީ އިސްލާމް ދީނުގެ އަސްލުތަކާ ހިލާފަށް ހިޔާލު ފާޅު ކުރުމާއި ގައުމީ ސަލާމަތަށް ނުރައްކާވާ ހިޔާލެއް ފާޅު ކުރުމާއި އާންމު ގަބޫލު ކުރުންތަކާއި ހިލާފަށް ހިޔާލުފާޅު ކުރުން އަދި މީހެއްގެ ނަމަށް ނޫނީ އަބުރަށް ހުތުރާގޮތަށް ހިޔާލުތައް ފާޅުކުރުމެވެ.

އެ ބިލްގައިވާ ގޮތުގައި އިސްލާމް ދީނާ ހިލާފަށް ހިޔާލުފާޅު ކުރުމާއި މީހެއްގެ ނަމަށް ނޫނީ ހައްގަކަށް އުނިކަން ލިބޭ ގޮތަށް ސާބިތު ނުހިފޭ ވާހަކައެއް ދެއްކުން ނޫނީ ކުރެހުމެއް ނޫނީ ލިޔުމެއް ވެސް އާންމު ކޮށްފި ނަމަ އަދަބެއް ކަމުގައި ކަނޑައަޅާފައި ވަނީ 100،000ރ. އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. ސާބިތު ނުހިފޭ ވާހަކަތަކެއް މީޑިއާއިން ޝާއިއުކޮށް މީހެއްގެ އަނބުރު ގެއްލުވާލައިފި ނަމަ، ޖޫރިމަނާ ކުރުމުގެ އިތުރަށް އެ މީޑިއާއެއްގެ މައްސަލަ މީޑިއާ ކައުންސިލާއި ބްރޮޑްކާސްޓިން ކޮމިޝަނަށް ހުށަހަޅައި ފިޔަވަޅު އެޅުމަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ.

މީގެ އިތުރަށް މުޅި މުޖުތަމައު ގަބޫލުކޮށްފައިވާ އުސޫލާ ހިލާފަށް ހިޔާލެއް ފާޅުކޮށްފި ނަމަ، 50،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ.

ބިލު އޮތްގޮތުން ދައުލަތުގެ އެކި މަގާމްތަކުގައި ތިބޭ މީހުންގެ އިންޓަގްރިޓީ އާއި އެމީހުންނާ މެދު ކުރެވޭ ސީރިއަސް ތުހުމަތުތަކާއި ބެހޭގޮތުން ނޫސްވެރިންގެ އިތުރުން އާންމު ފަރުދަކަށްވެސް ވާހަކައެއް ނުދެއްކޭނެ އެވެ. އަދި ދައުލަތުން މުސާރަދޭ، އަދި ގާނޫނުތަކުން ވަކި ޒިންމާއެއް ހަވާލުކޮށްފައިވާ މީހުން ޒިންމާ އަދާކުރަނީ ރަނގަޅަށްތޯ ބަލައި އެކަމާމެދު ސުވާލުކޮށް ފާޑު ކިޔައި ބަހުސްވެސް ނުކުރެވޭނެ އެވެ. ނަމަވެސް ދައުލަތުގެ ހިންގުންތެރިކަމާމެދު ސުވާލުކޮށް ފާޑުކިޔުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްގަކަށްވާއިރު، އެ ހައްގުން ރައްޔިތުން މަހުރޫމް ވުމަކީ ގާނޫނު އަސާސީގެ ހަމަތަކާއިވެސް ހިލާފު ކަމެކެވެ.

މި ބިލާމެދު ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގެ އިސް 10 ނޫސްވެރިން ވެސް ބަޔާނެއް ނެރެފައިވެ އެވެ. އިސް ނޫސްވެރިންގެ ބަޔާނުގައި ބުނަނީ އަބުރާ ބެހުމަކީ ޖިނާއީ ކުށެއް ކަމަށް މި ޒަމާނުގެ ޑިމޮކްރަސީ ގަބޫލު ނުކުރާއިރު އަދި އަސާސީ ހައްގުތަކާބެހޭ މުއާހަދާތަކުގައި ވެސް ރާއްޖެއިން ބައިވެރިވެފައިވާއިރު، އަބުރާބެހުން ޖިނާއީ ކުށަކަށް ހެދުމަކީ ބައިނަލް އަގުވާމީ މުޖުތަމައުވެސް ބަލައިނުގަންނާނެ ކަމަކަށް ނުވާނެ ކަމަށެވެ. އަބުރާއި ބެހުން ހިމާޔަތްކުރުމަށް މިހާރު އެފަދަ ކުށެއް ކޮށްގެން ނަގާ ހަރަދު ބޮޑުކުރުން ފަދަ އަދަބު އޮތް އިރު، އެފަދަ ބިލެއް ހުށަހެޅުމުން ހިޔާލު ފާޅުކުރުމާއި މިނިވަން ނޫސްވެރިކަން ހިމާޔަތްކުރަން ސަރުކާރުން ކުރާ މަސައްކަތްތަކާމެދު ސުވާލު އުފެދޭ ކަމަށެވެ.

ބިލު ދިރާސާކޮށް، އޭގައި މިނިވަން ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ ހައްގަށް ހުރަސްއެޅޭގޮތަށް ހިމަނާފައި ހުރި ބައިތައް އުނިކޮށް ނޫސްވެރިކަމުގެ ދާއިރާއަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައްވެސް ކަމާބެހޭ މުއައްސަސާތައް މެދުވެރިކޮށް ހައްލުކޮށްދިނުމަށް އެ ބަޔާނުގައި ގޮވާލާފައިވާ ބަޔާނުގައި ބުނަނީ މި ބިލް އޮތް ގޮތަށް ފާސްކޮށްފިނަމަ އަނެއްކާވެސް އަންޑަގްރައުންޑު މީޑިއާތައް އުފެދި އޭގެ އުނގުދަގޫ އެންމެނަށް ވެސް ކުރިމަތިވާނެ ކަމަށެވެ.