އަވަސް ވީކެންޑް

ޒުވާން މެނޭޖަރު މޯލްޑިވިއަންގެ އެންމެ އުހުގައި

Apr 1, 2016
2
  • މޯލްޑިވިއަންގެ ގިނަ ވަޒީފާތައް ފުރުއްވި
  • ތަޖުރިބާކާރު މެނޭޖަރެއް
  • މޯލްޑިވިއަންގައި މަސައްކަތް ކުރާތާ 13 އަހަރު

މަސައްކަތަށް ނުކުތީ ވަރަށް ޒުވާން އުމުރުގަ އެވެ. ޒުވާން އުމުރުގައި އޭނާ މިވަނީ ވަޒީފާއިން ގިނަ ކާމިޔާބީތަކެއް ހޯއްދަވާފަ އެވެ. ކާމިޔާބީގެ ސިއްރަކީ ގަޑިއަށް ސަމާލުކަން ދިނުމެވެ. މަސައްކަތައް ބަހައްޓާ ފަރުވާ އެވެ. މީހުންނާ ގުޅިގެން އުޅެން އެނގުމެވެ. ޒުވާން އުމުރުގައި މައްޗަށް "ދެމިގަތުމުގެ ސިއްރަކީ" ކަމަށްވެސް ވެދާނެ އެވެ. މިއީ އައިލެންޑް އޭވިއޭޝަންގެ، "މޯލްޑިވިއަން" ސީޕްލޭންގެ މެނޭޖަރު ޝީރާޒް ރާޝިދު އެވެ.

"މޯލްޑިވިއަންގެ ގިނަ ވަޒީފާތަކުގައި އުޅެއްވިއްޖެ. އެންމެ ފުރަތަމަ ވަނީ ކަސްޓަމާ ސާވިސަސްއަށް. އެ ވަތް ގޮތަށް މަސައްކަތް މި ކުރަނީ،" އެންމެ 33 އަހަރުގެ ޝީރާޒް ވިދާޅުވި އެވެ.

އެންމެ ފުރަތަމަ އޭނާ މަސައްކަތް ފެއްޓެވިއިރު، އައިލެންޑް އޭވިއޭޝަންގައި ޑޮމެސްޓިކް ހިދުމަތެއް ނެތެވެ. އެހެންވެ އޭނާވެސް މަސައްކަތް ކުރެއްވީ ފުރަން އަންނަ މީހުންގެ ޗެކިން ކަންތައްތައް ބެލެހެއްޓުން ފަދަ ކަންތައްތަކުގަ އެވެ.

"ޕެސެންޖަރުންނަށްދޭ ހުރިހާ ހިދުމަތެއް ދިނީ. ދެހާސް ފަހެއްގައި ޑޮމެސްޓިކް ހިދުމަތް ފެށީ. ވަކި ޑިޕާޓްމަންޓެއް ހެދީ. އެތަން ތަރައްގީ ކުރަން ވަރަށްގިނަ މަސައްކަތް ކުރިން،" ޝީރާޒް ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަންގައި ޝީރާޒްގެ ހިދުމަތް ގުނައި ކޮޅުން ނުލާނެ އެވެ. ޒުވާނެއް ކަމަކު ހިދުމަތް ކުރެއްވުމުގައި އޭނާގެ ފުންނާބު ވަރަށް އުހެވެ. އައިލެންޑް އޭވިއޭޝަންގެ ކާގޯގައި ހަތަރު އަހަރު މަސައްކަތް ކުރެއްވި އެވެ. މީގެ އިތުރުން ގްރައުންޑް އޮޕަރޭޝަން އާއި ކަސްޓަމަރު ސާވިސަސްގައި މަސައްކަތް ހިދުމަތް ކުރެއްވި އެވެ. މި ކުންފުނީގައި މަސައްކަތް ކުރައްވާތާ 13 ވަރަހަށް އަހަރުވީ އެވެ.

ނަމަވެސް ޝީރާޒްގެ އައިލެންޑް އޭވިއޭޝަންގެ ވަޒީފާ އަހަރެއްހާ ދުވަހުގެ މެދުކަނޑުމެއް އައެވެ. އެއީ ޖީއެމްއާރުން އެއާޕޯޓު ހިންގަން ފެށުމުން ޖެހުނު ކަންތައްތަކުގައި އޭނާ ބްރިޓިޝް އެއާވޭސްއަށް ދިއުމެވެ.

"މިކޮޅު މެނޭޖުމަންޓާވެސް ވާހަކަ ދައްކާފަ. މާސްޓާސްއަށް ކިޔަވަން ދިޔައީ ބޭރަށް،" ބިޒްނަސް މެނޭޖުމަންޓުން މާސްޓާސް ހައްދަވައިގެން ހުންނެވި ޝީރާޒު ވިދާޅުވި އެވެ.

ޝީރާޒްގެ މިހާރުގެ ވަޒީފާ ސީޕްލޭން އޮޕަރޭޝަންގައި ވެސް އޭނާ މަސައްކަތް ކުރައްވަނީ އެހާމެ ވަފާތެރިކަމާއެކުގަ އެވެ. އޭނާގެ ރަސްމީ މަސައްކަތް ކޮންމެ ދުވަހަކު ވެސް ފެށެނީ ހެނދުނު އެވެ. ނަމަވެސް އަބަދު ވެސް އޭނާގެ ފޯން ސީޕްލޭން އުދުއްސަން އޮންނާނީ "އޮން" ވާނެ އެވެ. އެ ފޯނަށް ގުޅާއިރަށް ޖަވާބު ދެއްވާނެ އެވެ. މޯލްޑިވިއަން ސީޕްލޭންގައި ހަރަކާތްތެރިވާ 100 އެއްހާ މުވައްޒަފުގެ ކަންތައްތަކާ ސީޕްލޭންގެ ދަތުރުތައް ބަލަހައްޓަނީ ސީދާ އޭނާގެ ބެލުމުގެ ދަށުންނެވެ.

މޯލްޑިވިއަން ސީޕްލޭން އުދުހޭ ހަ ރިސޯޓުން އަންނަ ޓޫރިސްޓުން ފުރުމުގެ ކަންތައްތަކާއި ބޯޓުގެ އޮޕަރޭޝަން ކުރިއަށްދާނީ އޭނާގެ ކޮމާންޑަށެވެ.

"ކޮންމެ ދުވަހެއްގެ ޑެލިއީ އޮޕަރޭޝަން ފެށޭނީ ހެނދުނު. މީގެ އިތުރުން އަބަދު ވެސް އޮން ކޯލްގައި ހުންނަން ޖެހޭނީ. އެކަމަކު މި ވަޒީފާގައި އުޅެނީ ވަރަށް އުޅޭ ހިތުން. މިތަން ދެކެ ވަރަށް ލޯބިން މި އުޅެނީ،" ޝީރާޒް ވިދާޅުވި އެވެ.

ޝީރާޒް ގަބޫލު ކުރައްވާ ގޮތުގައި މި ވަޒީފާގައި ޒުވާންއިރު އުޅުމުގެ ފުރުސަތު ލިބެނީ މޯލްޑިވިއަންގެ މެނޭޖުމަންޓުގެ ސަބަބުންނެވެ. އެ ކުންފުނިން ޒުވާނުން ބިނާކުރަން ކުރާ ބުރަ މަސައްކަތުގެ ސަބަބުންނެވެ.

"ސާވިސް ލެވަލްގައި ހުސް ދިވެހިން އުޅޭނީ އައިލެންޑް އޭވިއޭޝަން ވަރަށް ތަފާތު. އެންމެ ދަށް ލެވަލްއަށް ވަދެގެން ވެސް ކުރިއަށްދާން ވަރަށް ރަނގަޅު ފުރުސަތު ތަކެއް ދޭނެ،" ޝީރާޒު ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަންގައި މަސައްކަތް ކުރި ދުވަސްތަކުގެ އޭނާ ހިތުން ނުފިލާ ދުވަހެއް ވެ އެވެ. އެއީ 2004 ވަނަ އަހަރު އޭޝިޔާއަށް ކުރިމަތިވި ސުނާމީ އެވެ. އެ ދުވަހު އޭނާ ވެސް ހުރީ ހެނދުނުގެ މަސައްކަތުގަ އެވެ.

"އެއާޕޯޓް ކަސްޓަމަރު ސާވިސަސްގައި ހުރީ. އެ ދުވަހު ބިން ހެލުމުގެ އިހުސާސް ވެސް ކުރި."

މި ދުވަހުގެ އިތުރުން ޝީރާޒްގެ ހިތުން ނުފިލާނެ އަނެއް ދުވަހަކީ 2014 ވަނަ އަހަރު މޯލްޑިވިއަން ސީޕްލޭންގެ ހިދުމަތް ފެށި ދުވަހެވެ.

"ވަރަށް ބޮޑު ކުރިއެރުމެއް މިއީ. ދުނިޔޭގައިވެސް އޮތް ހަމައެކަނި އެއާލައިން ކަންނޭނގެ މިއީ.ތިން ވައްތަރެއްގެ އެއާކްރާފްޓް އޮޕަރޭޓް ކުރާ. މިސާލަކަށް އެއާބަސް ޖެޓް، ޕްރޮޕެލާ، އަދި ޓުއިން އޮޓާ އެބަ އޮޕަރޭޓް ކުރޭ. އަސްލު ވަރަށް ޕްރައުޑްވޭ އެހެންވެ،" ޝީރާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އައިލެންޑް އޭވިއޭޝަންގައި މަސައްކަތްކުރި ހުރިހާ މެނޭޖުމަންޓްތަކާއި މެނޭޖިން ޑިރެކްޓަރުން ވެސް ވަރަށް ކުޅަދާނަ އެވެ.

"މިހާރުގެ އެމްޑީ ހާރިސްގެ ޒައާމަތުގައި ވަރަށް ބޮޑު ކުރިއެރުންތަކެއް ކުންފުންޏަކަށްދަނީ ލިބެމުން. މީގެ އިތުރުން އެމްޑީ ބަންދު ސަލީމް އާއި ޒުހޭރު ވެސް ޕާސަނަލީ ވަރަށް ރަނގަޅު،" ޝީރާޒް ވިދާޅުވި އެވެ.

އޭނާ މަސައްކަތުގައި ކިތަންމެ ބިޒީވިކޮށް އުޅުނު ނަމަވެސް އާއިލާއަށް ވަގުތު ދެ އެވެ.

"މަދު ދުވަހަކު ދަރިފުޅު ބަލައި ސްކޫލަށް ދެވޭނީ. ވީވަރަކުން ވަގުތު ދެން. ހާއްސަކޮށް ހުކުރު ދުވަހަކީ ފެމެލީ ޑޭ. އެކަމަކު އެ ދުވަހުވެސް ފޯނު އޮންނާނީ ކުންފުންޏަށް އޮންކޮށް،" ޝީރާޒް ވިދާޅުވި އެވެ.

ޒުވާން ބައްޕަގެ އަޒުމަކީ ގައުމަށް ހިދުމަތް ކުރުމެވެ. މޯލްޑިވިއަން އެއާ ޓެކްސީގެ ފެންވަރު މަތިކޮށް ރާއްޖޭގައި ނަން މަޝްހޫރު ފްލީޓަކަށް އެ ކުންފުނި ހެދުމެވެ. އެކަމަށް އޭނާ ހުރީ އަތުކުރި އޮޅާލައިގެންނެވެ.