ކުޅުދުއްފުށި

ކުއްޖަކާއެކު ޖިންސީ އަމަލު ހިންގާ، ޑައިމޯފިން މުއާމަލާތްކުރި މީހަކު އުމުރަށް ޖަލަށް

ކުޑަކުއްޖަކާއެކު ޖިންސީއަމަލެއް ހިންގުމުގެ ކުށާއި ޑައިމޯފިނުން މުއާމަލާތުކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށްލުމާއެކު 30،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ. މި ދެ ކުށް ސާބިތުވުމާ ގުޅިގެން މި ހިނގާ މާޗް 13 ވަނަ ދުވަހު ހުކުމްކޮށްފައިވަނީ ހދ. ކުޅުދުއްފުށި، ލީބިޔާ، ހަސަން އަލީ (22އ) ގެ މައްޗަށެވެ.

ދައުލަތުން ހަސަން އަލީގެ މައްޗަށް ކުޑަކުއްޖަކާއެކު ޖިންސީއަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ، ހަސަން 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކުޑަކުއްޖަކާ ޖިންސީއަމަލެއް ހިންގާފައިވާ މައްސަލައާ ގުޅިގެންނެވެ.

މި ދައުވާ ބެލުމަށްފަހު، ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނަނީ، ހަސަން އަލީ މި ދައުވާއަށް އިންކާރު ކުރި ނަމަވެސް، ދައުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން ހުށަހެޅި ހެތްކަށް ބަލާއިރު، ދައުލަތުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާތީ، މާޗް 13 ވަނަ ދުވަހުން ފެށިގެން 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަަށެވެ.

އޭގެ އިތުރުން، ދައުލަތުން ހަސަން އަލީގެ މައްޗަށް އުފުލާފައިވާ ޑައިމޯފިނުން ޓްރެފިކްކުރުމުގެ ދައުވާ އުފުލާފައިވަނީ، ހަސަން އަލީ މަސްތުވާތަކެތި ގެންގުޅޭ ކަމުގެ މައުލޫމާތު 2014 ވަނަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހުގެ ހަވިރުގެ ވަގުތެއްގައި ފުލުހުންނަށް ލިބުމާގުޅިގެން ކުޅުދުއްފުށީ ގެއެއްގެ ކައިރީގައި ހަސަން ހުއްޓައި ހައްޔަރުކޮށް ބަލައި ފާސްކުރި އިރު ހަސަން އަލީ ލައިގެންހުރި ގަމީހުގެ ޖީބުން ފެނުނު ބޮޑު ރަބަރު ޕެކެޓްތެރޭގައި ޑައިމޯފިން އަޅާފައިހުރި 22 ރަބަރު ޕެކެޓް ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ.

މި ދައުވާ ބެލުމަށްފަހު، ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނަނީ، ދައުލަތުގެ ދައުވާއަށް ޝަރީއަތުގެ މަޖިލީހުގައި ހަސަން އިއުތިރާފުވެފައިވާތީ، މި ދައުވާ ޝަރީއަތަށް ސާބިތުވާކަމަށް ކަނޑައަޅައި 15 އަހަރު ދުވަހުގެ މުއްތަށް ޖަލަށްލުމާއެކު 30،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމް ކުރާކަމަށެވެ.