ވިޔަފާރި

މެރިން އެކްސްޕޯގެ ސްޕޮންސަރުން ހަމަޖައްސައިފި

ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން އިންތިޒާމުކޮށްގެން ބްލަކް ކުންފުންޏާއެކު ކޮންމެ އަހަރަކު ބާއްވަމުން އަންނަ "މޯލްޑިވްސް މެރިން އެކްސްޕޯ" އަށް ސްޕޮންސަރުން ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއަދު ސަލްސާ ރޯޔަލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެގްޒިބިޝަނަށް ސްޕޮންސާކުރި ކުންފުނިތަކުގެ އިސްވެރިން ވަނީ ސޮއިކޮށްފައެވެ. މިއަހަރުގެ މެރިން އެކްސްޕޯގެ މައި ސްޕޮންސާ އަކީ އެމްޓީސީސީ އެވެ. އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އެވެ. ބްލަކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހުޝާމް އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަބްދުއް ރައްޒާގު ހަލީމް ވިދާޅުވީ، މެއިން ސްޕޮންސާޝިޕް އެ ކުންފުނިން ނެގި މައިގަނޑު ސަބަބަކީ އެ އެކްސްޕޯއަކީ ރާއްޖޭގައި ބާއްވާ އެންމެ ކާމިޔާބު އަދި އެންމެ ބޮޑު އެކްސްޕޯކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ. އަދި އެ އެގްޒިބިޝަންއަކީ އެ ކުންފުނީގެ އެންމެ މައި އެއް ޕްރޮޑަކްޓް ކަމަށްވާ ޔަންމާ އިންޖިން ޕްރޮމޯޓްކޮށް ކުންފުނީގެ އިތުރު ހިދުމަތްތައް ވެސް ފުޅާ ދާއިރާއެއްގައި ޕްރޮމޯޓްކުރުމަށް ލިބޭ ފުރުސަތަކަށް ވާތީ ކަމަށެވެ.

އެކްސްޕޯގެ ތެރޭގައި އެމްޓީސީސީން އަލަށް ގިނަ ޕްރޮޑަކްޓްތަކެއް މާކެޓަށް ނެރޭނެކަމަށެވެ. އޭގެ އިތުރުން 100،000 ރުފިޔާ އަށްވުރެ އަގުހުރި އިނާމު ލިބޭ ޕްރޮމޯޝަންތައް ކުރިއަށްގެންދާނެ ކަމަށެވެ.

މެރިން އެކްސްޕޯގެ މިއަހަރުގެ ސްޕޮންސަރުން

ބޭންކް ޕާޓްނަރު: މޮރިޝަސް ކޮމާޝަލް ބޭންކް
ޓެލެކޮމް ޕާޓްނަރު: ދިރާގު
ބެވަރޭޖް ޕާޓްނަރު: އެކްސްއެލް
ޕްރިންޓް ޕާޓްނަރު: އެމްސެވަން ޕްރިންޓް
އެއާލައިން ޕާޓްނަރު: މެގަމޯލްޑިވްސް އެއާލައިންސް
ޕްރޮމޯޓިން ޕާޓްނަރު: އެމްއެމްޕީއާރުސީ
އޮންލައިން މީޑިއާ ޕާޓްނަރު: ހަވީރު
ސައުންޑް އެންޑް ލައިޓްސް ޕާޓްނަރު: އިވެންޓް މޯލްޑިވްސް
ލައިފްސްޓައިލް ޕާޓްނަރު: އީވޯ
ކޯސްޕޮންސާ: މެރިން އިކްއިޕްމަންޓް
ވިޒުވަން ޕާޓަނަރު: އޮކޭޒް އިންކް

މޯލްޑިވްސް މެރިން އެކްސްޕޯ ގެ މިއަހަރު އަމާޒުކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށެވެ. އެކްސްޕޯގައި މިއަހަރު ޖުމްލަ 60 ސްޓޯލް ހިމަނާފައިވާ އިރު އޭގެ ތެރޭގައި މެރިން ދާއިރާގައި ހަރަކާތްތެރިވާ ރާއްޖެއާއި ބޭރުގެ ފަރާތްތައް ހިމެނެ އެވެ.

މެރިން އެކްސްޕޯ ކުރިއަށްގެންދާނީ އަންނަ މަހުގެ 26 އިން 29 އަށް ދަރުބާރުގޭގަ އެވެ.