ވިޔަފާރި

ކުރީގެ ނޫޓްތަކުގެ 67 ޕަސެންޓް ނެގިއްޖެ: އެމްއެމްއޭ

Mar 30, 2016
  • 2.1 ބިލިއަން ރުފިޔާގެ އާ ނޫޓް ވަނީ ނެރެފައި
  • ކުރީގެ ނޫޓްގެ 1.9 ބިލިއަން ރުފިޔާ ނަގައިފި
  • ކުރީގެ ނޫޓްތައް ބޭނުން ކުރާނީ މޭ މަހުގެ ނިޔަލަށް

ދައުރުވާ ފައިސާގެ ތެރޭގައި ހުރި ދިވެހި ރުފިޔާގެ ކުރީގެ ނޫޓްތަކުގެ ތެރެއިން ދެ ބައިކުޅައެއް ބަޔަކަށް ވުރެ ގިނަ ނޫޓް މިހާރު ނަގާފައިވާ ކަމަށް، މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.

މިއަހަރުގެ ޖެނުއަރީ 26 ގައި ބޭނުން ކުރަން ފެށި ރަންދިހަ ފަހެއްގެ އާ ނޫޓްތަކުގެ ސާކިއުލޭޝަންއާ ގޮތުން އެމްއެމްއޭ އިން މިއަދު އަވަސް އާ ހިއްސާ ކުރި މައުލޫމާތުތަކުގައިވާ ގޮތުގައި، 2.1 ބިލިއަން ރުފިޔާގެ އާ ނޫޓް ވަނީ ސާކިއުލޭޝަންގެ ތެރެއަށް ދޫކޮށްފަ އެވެ. އަދި ދައުރުވަމުން އައި ކުރީގެ ނޫޓްތަކުގެ 1.9 ބިލިއަން ރުފިޔާގެ ނޫޓް މިހާރު އެމްއެމްއޭ އިން ވަނީ ނަގައިފަ އެވެ. އެއީ ދައުރުވާ ރުފިޔާގެ ތެރޭގައި ހުރި ކުރީގެ ނޫޓްތަކުގެ 67 ޕަސެންޓް ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭ އިން ބުނެފައި ކުރީގެ ނޫޓްތައް ބޭނުން ކޮށްގެން މުއާމަލާތް ކުރެވޭނީ މެއި މަހުގެ ނިޔަލަށް ކަމަށެވެ. އެމްއެމްއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މުއްދަތުގެ ކުރިން ސާ ކިއުލޭޝަންގައި ހުރި ކުރީގެ ނޫޓްތައް އެމްއެމްއޭ އަށް ނެގުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އާންމު ފަރާތްތަކުގެ އަތުގައި ހުރި ކުރީގެ ނޫޓްތައް ވެސް އާ ނޫޓްތަކަށް ބަދަލު ކުރުމަށް އެދޭ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ. އެމްއެމްއޭ އިން މީގެ ކުރިން ބުނެފައި ވަނީ ރަށްރަށަށް ޒިޔާރަތްކޮށްގެން ކުރީގެ ނޫޓްތައް އާ ނޫޓްތަކަށް ބަދަލު ކުުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އާ ނޫޓްތައް ބޭނުން ކުރަން ފެށި އިރު ރުފިޔާގެ ސާކިއުލޭޝަންގައި 2.9 ބިލިއަން ރުފިޔާ ހުރި ކަމަށް އެމްއެމްއޭގެ ހިސާބުތަކުން ދައްކަ އެވެ.

"ކުރީގެ ނޫޓްތައް އާ ނޫޓްތަކަށް ބަދަލު ކުރުމުގައި އާންމުންގެ އެއްބާރުލުން ވެސް މުހިންމު. އަޅުގަނޑުމެން ކަނޑައަޅާފައިވާ ތާރީހުގެ ކުރިން ކުރީގެ ނޫޓްތައް އާ ނޫޓްތަކަށް ބަދަލު ކުރުމަށް ހުރިހާ ފަރާތްތަކުން ވެސް އެދެން. މީގައި އަޅުގަނޑުމެންގެ ޓާގެޓަށް ވާސިލް ވެވޭނީ އާންމުން ވެސް މީގައި އެހީތެރިކަމާއި އެއްބާރުލުން ދެއްވި ވަރަކަށް،" އެމްއެމްއޭގެ އޮފިޝަލް ވިދާޅުވި އެވެ.

އެމްއެމްއޭއަށް ނަގާ ކުރީގެ ނޫޓްތައް ރައްކާތެރި ކަމާ އެކު ނައްތާލުމުގެ މަސައްކަތް އެމްއެމްއޭ އިން ގެންދަނީ ކުރަމުންނެވެ.

ރުފިޔާ ޗާޕް ކުރާ އިނގިރޭސި ކުންފުނި، ޑިލަރޫ އާ ހަވާލުކޮށްގެން، ޕޮލިމާ ކަރުދާހުގައި ތައްޔާރު ކުރި އާ ނޫޓްތަކުގައި ހިމެނެނީ، 10ރ. އާއި 20ރ. އަދި 500ރ. ގެ ނޫޓުގެ އިތުރުން ރާއްޖެއަށް އަލަށް ނެރޭ 1،000ރ. ގެ ނޫޓެވެ. އާ ނޫޓްތަކުގައި ސަލާމަތީ ގޮތުން ވަރުގަދަ ސިފަތަކެއް ހިމަނާފައިވެ އެވެ. އަދި ދިވެހި އާޓިސްޓެއް ކަމަށްވާ، އަބްދުﷲ ނަޝާދު ޑިޒައިން ކުރެއްވި އެ ނޫޓްތަކުގައި ހިމެނެނީ، ދިވެހި ވަންތަ ސަގާފަތާއި މަސައްކަތްތެރިކަން ދައްކުވައިދޭ ކުރެހުންތަކެއް ހިމަނައިފަ އެވެ.