ހަބަރު

މީރާގެ އޭދަފުށީ ބްރާންޗް މާދަމާ ހުޅުވަނީ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިދިޔަ އަހަރު ޑިސެމްބަރު މަހު ބ. އޭދަފުށީގައި ގާއިމުކުރި ކަލެކްޝަން ސެންޓަރު ބްރާންޗަކަށް ބަދަލުކޮށް މާދަމާ އެތަން ރަސްމީކޮށް ހުޅުވަން ނިންމައިފި އެވެ.

އަވަސްއަށް މައުލޫމާތުދެއްވަމުން އޭދަފުށީ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނައުރިފް ވިދާޅުވީ، މީރާގެ އޭދަފުށީ ބްރާންޗު ރަސްމީކޮށް ހުޅުވުމަށް މާދަމާ ހަވީރު އޭދަފުށީގައި ހާއްސަ ރަސްމިއްޔާތެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އެ އޮފީސް ހުޅުވައިދެއްވުމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މާދަމާ މެންދުރު އެރަށަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ.

އޭދަފުށީގައި ގާއިމްކުރާ މީރާގެ ބްރާންޗުން ވެސް މީރާގެ މައި އޮފީހުގައި ދޭ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށް ނައުރިފް ވިދާޅުވި އެވެ. އެގޮތުން ވިޔަފާރިތައް ޓެކުހަށް ރަޖިސްޓްރީ ކުރުމާއި ޖީއެސްޓީ އަދި ބީޕީޓީ ބަޔާން ބަލައިގަތުމާއި ޓެކުހުގެ ފައިސާ އަދި ދައުލަތަށް ދައްކަން ޖެހޭ އިތުރު ފީތައް ބަލައިގަތުން ހިމެނެ އެވެ. އަދި ޓެކުހާ ބެހޭ މައުލޫމާތު އާންމުންނަށް ދިނުންވެސް ހިމެނެ އެވެ.

އޭދަފުށީގައި މާދަމާ ހުޅުވާ އޮފީހާއެކު މީރާގެ އޮފީސްތަކުގެ އަދަދު ހަތަކަށް އަރާނެ އެވެ.