ޑޮނަލްޑް ޓްރަމްޕް

އެބޯޝަން ހައްދައިފިނަމަ އަދަބު ދޭންޖެހޭނެ: ޓްރަމްޕް

ގާނޫނަށް އިސްލާހު ގެނެސްގެން އެމެރިކާގައި އެބޯޝަން މަނާކޮށްފި ނަމަ، އެބޯޝަން ހައްދާ މީހުންނަށް އަދަބު ދޭންޖެހޭނެ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އިއްޔެ ޓްރަމްޕް ވިދާޅުވީ ގާނޫނުގައި އެބޯޝަން މަނާކޮށްފި ހާލަތެއްގައި، އެބޯޝަން ހައްދާ އަންހެނުންނަށް ކޮންމެވެސް ކަހަލަ އަދަބެއް ވެސް ކަނޑައަޅައި ދޭން ޖެހޭ ކަމަށެވެ. އެބޯޝަންއާއި އެއްކޮޅުތޯ ނުވަތަ ނޫންތޯ އެހުމުން ޓްރަމްޕް ވިދާޅުވީ އެބޯޝަން ހެއްދުމާއި އޭނާ ދެކޮޅު ކަމަށެވެ. އަދި އަދަބެއް ދޭން ފެނޭތޯ އެހުމުން ވިދާޅުވީ އަދަބުވެސް ދޭން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން އަދަބު ދޭނީ އަންހެނުންނަށް ތޯ އެހުމުން ޓްރަމްޕް ވިދާޅުވެފައިވަނީ "އެބޯޝަން ހައްދާ އަންހެނުންނަށް އަދަބެއް ދޭން ޖެހޭނެ" ކަމަށެވެ.

ޓްރަމްޕް މިހެން ވިދާޅުވިތާ ގިނަ އިރުތަކެއް ނުވެ، ޓްވިޓާގައި ޓްރަމްޕްއާއި ދެކޮޅަށް ގިނަ ބަޔަކު ވަނީ ޓްވީޓުތައް ކޮށްފައެވެ. ޓްރަމްޕް އެހެން ވިދާޅުވުމުން އެކަން ކުށްވެރިކޮށް ޑިމޮކްރެޓިކް ޕާޓީގެ ދެ ކެންޑިޑޭޓުން ބަނީ ސޭންޑާޒް އަދި ހިލެރީ ކްލިންޓަންވަނީ ވެސް ވަނީ ޓްވިޓާގައި ނުުރުހުން ފާޅުކޮށް ލިބި ވަޑައިގެންނެވި ފުރުސަތުގައި އެންޓި ކެމްޕެއިން ކޮށްފައެވެ.

ސޯޝަލް މީޑިޔާގައި މާ ފޯރިގަދަވުމުން ޓްރަމްޕް ވަނީ އޭނާގެ ބަސް އަނބުރާ ގެންގޮސް ވާހަކަ ބަދަލްކޮށްފަ އެވެ. ބަޔާނެއް މެދުވެރިކޮށް ޓްރަމްޕް ފަހުން ވިދާޅުވީ އަދިވެސް އެބޯޝަންއާއި ދެކޮޅު ކަމަށެވެ. ނަމަވެސް އަދަބެއް ދެންޏާ ދޭން ޖެހޭނީ ޑޮކްޓަރުންނަށް ކަމަށެވެ. ޓްރަމްޕް ފަހުން ނެރުއްވި ބަޔާނުގައި، ބުނެފައިވަނީ އެބޯޝަން ހައްދާ އަންހެނުންނަކީ "ވިކްޓިމްސް" ކަމަށާއި، އަދަބު ލިބެންޖެހޭނީ އެކަން ކޮށްދޭ ޑޮކްޓަރުންނަށް ކަމަށެވެ.

ޓްރަމްޕް ދެއްކެވި ވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.