އަހުމަދު ނާޒިމް

މެމްބަރު ނާޒިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރު ނުކުރަން ނިންމައިފި

ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި، ކުރީގެ މެމްބަރު ނާޒިމް އަހުމަދުގެ ބޭސްފަރުވާގެ މުއްދަތު އިތުރު ނުކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނިންމައިފި އެވެ.

ކަރެކްޝަން އިން މިހެން ނިންމެވި އިރު، ނާޒިމްގެ ބޭސްފަރުވާގެ މުއްދަތު މިއަދަށް ހަމަވެއެވެ. އެހެން ކަމުން ނާޒިމް ވަނީ އެ މުއްދަތު އިތުރުކޮށްދޭން މި މަހު އެދިވަޑައިގަންނަވައިފަ އެވެ. ނަމަވެސް ކަރެކްޝަންސްގެ ބޯޑުން ވަނީ ނާޒިމް ބޭސްފަރުވާގެ މުއްދަތު އިތުރު ނުކޮށްދިނުމަށް ނިންމަވާފަ އެވެ. އަދި އެކަން ނާޒިމް އަށްވެސް މިހާރު ވަނީ އަންގައިފަ އެވެ.

މިކަމާއި ގުޅިގެން ކަރެކްޝަންގެ ބަހެއް ނުލިބުނެވެ.

މިދިޔަ އަހަރު ޑިސެމްބަރު ކުރީ ކޮޅު ބޭސްފަރުވާ އަށް ސިންގަޕޫރަށް ފުރި ނާޒިމް، އިތުރު ފަރުވާ އަށް ސިންގަޕޫރުގައި މަޑުކުރުމަށް ތިން ފަހަރަށް އެދުނެވެ. ފަރުވާ ހޯއްދަވަމުން ގެންދަވަނީ ހިތުގެ މައްސަލައެއްގައި ކަމަށް އެނގިފައިވެ އެވެ.

މެމްބަރު ނާޒިމްގެ އިތުރުން، ޓެރަރިޒަމް ކުށުގެ ދައުވާ ސާބިތުވެ ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް ވެސް މިވަގުތު ހުންނެވީ ބޭސްފަރުވާ އަށް ސިންގަޕޫރުގައެވެ.