ހަބަރު

އެއާޕޯޓްގައި މުޒާހަރާކުރި މީހުން ތިން މަހަށް ޖަލަށް

  • ހުކުމް ތަންފީޒު ކުރާނީ ތިން އަހަރު ފަހުން
  • އެންމެ މީހަކު ފިޔަވައި މުޅިން އަންހެނުން
  • މާލޭ ސިޓީގެ ޑެޕިއުޓީ މޭޔާ ހިމެނޭ

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރަން ގޮވާލައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި މުޒާހަރާ ކުރި މީހުން ތިން މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ކްރިމިނަލް ކޯޓުން އެގޮތަށް އެ ކޯޓުން ހުކުމްކުރީ ދާދި ދެންމެއަކު އެވެ. އެމީހުންގެ މައްޗަށް އިއްވި ހުކުމުން ތަންފީޒުކުރަން ޖެހޭނީ ތިން އަހަރު ފަހުން ކަމަށް ވަނީ ނިންމާފަ އެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ ފަސް ވަނަ ދުވަހު އެއާޕޯޓްގައި މުޒާހަރާކުރި އެ މައްސަލައިގައި ދައުލަތުން 15 މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ. މިއަދު ހުކުމް އިއްވީ އެ މައްސަލައިގެ ޝަރީއަތް ގިނަ ދުވަސްތަކެއްވުމަށްފަހު އެވެ. ފަނަރަ މީހުންގެ މައްޗަށް ދައުވާ އުފުލި ނަމަވެސް ހުކުމް އިއްވާފައިވަނީ 14 މީހެއްގެ މައްޗަށެވެ. މ. ނިރޮޅު އާމިނަތު ޝާނީޒު ސައީދު މައްސަލާގެ އެއްވެސް އަޑުއެހުމަކަށް ހާޒިރުވެފައިނުވުމުން އޭނާގެ މައްސަލަ ބެލިފައެއް ނުވެ އެވެ.

ހުކުމް އިއްވި މީހުންގެ ތެރޭ އެންމެ މީހަކު ފިޔަވައި ދެން ތިބީ މުޅިން ވެސް އަންހެނުންނެވެ. ދައުވާލިބޭ މީހުންގެ ތެރޭގައި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެ މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެއްވެ އުޅުމުގެ ގާނޫނާ ހަވާލާދީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ހ. ގެ ދަށުންނެވެ.

ހުކުމް ކުރި މީހުން:

  • މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު، ޝިފާ މުހައްމަދު
  • މ. ފެހިފަތްގެ، ޔުމްނާ
  • ޏ. ފުވައްމުލައް މިސްކިތްމަގު ދޯނާޑު، ޒަހުރާ މޫސާ
  • މ. ނިއުހިލްމަން، ޝަމީމާ އާދަމްފުޅު
  • ހ. ވެޔޮވިލާ، ޝަފިއްޔާ ޒުބައިރު
  • މއ. ނާރިނގުގޭ، މުހައްމަދު އިބްރާހީމް މަނިކު
  • ސ. ހުޅުދޫ ކަޅުމަގިގޭ، މަރިޔަމް ޒުބައިރު
  • ސ. ހިތަދޫ ޝެޑިއުލަސް، ހަދީޖާ ޝާދިޔާ
  • މާލޭ ދަފްތަރު 5866، ފާތިމަތު ރަޝީދާ
  • ހ. ޓިވެގާލައިޓް، ފަރީޝާ އަހްމަދު
  • ތަންތާރަ، އާމިނަތު ޒިމްނާ
  • ގ. އާކާޝްވިލާ، އާމިނަތު ޒާހިރާ
  • ގ. ދުވާފަރު، އާއިޝަތު މަމްދޫހާ
  • މއ. ބީޗްހައުސް އާމިނަތު ދުމައިނާ އިރުޝާދު