ހަބަރު

ޑިމާންޑު ބޮޑުވެގެން ނޭޝަނަލް ހެލްތު ލެބޯޓްރީ ތަރައްގީ ކުރަނީ

ނޭޝަނަލް ހެލްތު ލެބޯޓަރީ އަށް ޑިމާންޑު އިތުރުވެ މަސައްކަތް ގިނަވުމުން، ލެބޯޓްރީގެ އިތުރަށް ތަރައްގީ ކުރަން ނިންމައިފަވާ ކަމަށް ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

އިރުތިޝާމް ވިދާޅުވީ ރާއްޖޭގެ ވިޔަފާރިތަކުންނާއި އެކި ގޮތްގޮތުން ކާބޯތަކެތި އެތެރެ ކުރުމާއި އުފެއްދުމުގެ ގިނަ މަސައްކަތްކަތަކެއް ކުރާތީ ހެލްތު ލެބުގެ މަސައްކަތްތަކަށް އޮންނަ ޑިމާންޑު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރާ ފަރާތްތަކާއި، ކާބޯތަކެތި އުފައްދާފަރާތްތައް، އާމުންނާއި ރިސޯޓު ތަކުގެ އިތުރުން ޑީސެލިނޭޝަން ޕްލާންޓް ފެން އުފައްދާ ފަރާތްތަކާއު ފެން އުފައްދާ ފުޅި ބަނދުކުރާ ފަރާތްތައް ހިމެނޭ ކަމަށެވެ.

އެކަމަނާ ވިދާޅުވީ ލެބޯޓަރީގެ މަސައްކަތް ފުޅާކޮށް ތަރައްގީ ކުރަން ޑަބްލިއުއެޗްއޯއާއި އަދި ބައިނަލްއަގުވާމީ އެކި ފަރާތްތަކުގެ އެހީ ހޯދަން ނިންމާފައިވާ ކަމަށެވެ.

"ލެބްގެ މަސައްކަތްތައް އިތުރަށް ތަރައްގީ ކުރަން ފުރަތަމަ ކުރަންޖެހޭ ކަމަކީ ޖާގަ ބޮޑު ކުރުން. އެއީ މިހާރު ލެބޯޓަރީ ގާއިމް ކުރެވިފައި ވަނީ ހެލްތު ބިލްޑިންގަ. އެހެންވެ ވީހާވެސް އަވަހަކަށް ލެބޯޓަރީއަށް އިތުރަށް ޖާގަ ހޯދައި އެތާ މަސައްކަތް ކުރާ ފަރާތްތަކަށް ތަމްރީން ދީ އިކުއިޕްމަންޓް އަދި މެޝިނަރީތައް ބޭރުގެ މިނގަނޑުތަކަށް ގެނައުމުގެ މަސައްކަތް ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ލެބުގެ ހިދުމަތާ ގުޅޭ ޝަކުވާތައް ބަލައިގަނެ ސާމްޕަލްތައް ޓެސްޓުކޮށް އޭގެ ނަތީޖާ އާންމު ކުރާ ކަމަށާއި އަދި ނެޝަނަލް ލެބޯޓްރީ އިން ނުހެދޭ ޓެސްޓުތަކުގެ ސާމްޕަލް ރާއްޖެއިން ބޭރަށް ފޮނުވައި އެކްރެޑިކް ކުރެވިފައި ހުރި ލެބޯޓްރީތަކުން ނަތީޖާ ގެނެސް ރައްޔިތުންނަށް ދޭކަމަށެވެ.

މޯލްޑިވްސް ނޭޝަނަލް ހެލްތު ލެބޯޓަރީއަކީ ފެނާއި ކާބޯތަކެތީގެ ތަހުލީލުތައް ކުރުމަށްޓަކައި ކަނޑައެޅިފައިވާ ލެބެކެވެ. އެ ލެބުގައި ފިޒިކަލް ކެމިކަލް އަދި މައިކްރޮ ބައިލޮޖިކަލް ތަހުލީލުތައް ކުރެ އެވެ.