އެއްތިރީސް ވަނަ ގައުމީ ވާހަކަދެއްކުމުގެ މުބާރާތް މިއަދު ފަށައިފި އެވެ.
ބަހުގެ އެކެޑެމީ އާއި ޕީއެސްއެމް ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ހޯލުގައި މިއަދު ފެށި އެ މުބާރާތް އިފްތިތާހުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރް އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ދިވެހި ބަހުގެ އެކަޑެމީން ބާއްވާ އަދަބީ ހަރަކާތައް ހިންގުމުގައި ޕީއެސްއެމުން އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ މުހައްމަދު އިކްރާމް އަބްދުއްލަތީފް އެވެ. އެކަޑެމީގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަޝްރަފް އަލީ އެވެ.
ޖުމްލަ 217 ބައިވެރިންނާއެކު މިއަދު ފެށި އެ މުބާރާތުގައި މާލެ ސަރަހައްދުގެ 16 ސްކޫލަކުން ދަރިވަރުން ބައިވެރިވި އެވެ. މަތީ ތައުލީމް ކެޓަގަރީން ވިލާ ކޮލެޖާއި އެމްއެންޔޫގެ ދަރިވަރުން ބައިވެރިވެފައިވާއިރު އައްޑޫ ސިޓީގެ ދެ ސްކޫލަކުން ވެސް ކުދިން ބައިވެރިވި އެވެ.
މެދު ނުކެނޑި 1985 ކުން ފެށިގެން މިއަދާއި ހަމަޔަށް ގައުމީ ފެންވަރުގައި ބާއްވަމުން އަންނަ އެ މުބާރާތާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ދިވެހި ބަހުގެ އެކަޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ، މިއަހަރަކީ އެ މުބާރާތުގެ ހަޔާތުގައި އެންމެ ގިނަ އަދަދަކަށް ދަރިވަރުން ބައިވެރިވި އަހަރު ކަމަށެވެ. އަހަރުން އަހަރަށް މުބާރާތުގެ ބައިވެރިން އިތުރުވެގެން ދިއުމަކީ އެ މުބާރާތަކީ އާންމުން ބަލައިގަންނަ، ސްކޫލްކުދިން އިތުބާރުކުރާ ފެންވަރު ރަނގަޅު މުބާރާތެއްކަން ދޭހަކޮށްދޭ ކަމެއް ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
ކޮންމެ އަހަރެކޭވެސް އެއްގޮތަށް މުބާރާތުގެ ފެންވަރު ރަނގަޅުކޮށް، ބައިވެރިންގެ ހުނަރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެއްކޭނެ ގޮތް ހެދުމަށް މުބާރާތަށް ބައެއް ކުދި ބަދަލު ގެނެސްފައިވާކަން އަޝްރަފް ފާހަގަކުރެއްވި އެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ބައިވެރިންނަށް އެ ބައިވެރިއެއްގެ އުމުރުފުރާއަށް ދޭ މައުޟޫތައް މީގެ ދިހަ ވަރަކަށް ދުވަސްކުރިން ހާމަކުރި ކަމަށް ވިދާޅުވި އެވެ.
"ކޮންމެ އުމުރުފުރާއަކަށް ވެސް އަޅުގަނޑުމެންވާނީ މައުޟޫތަކެއް ދީފަ. އެއީ ބައިވެރިންނަށް އެމީހުންގެ ހުނަރު އެންމެ ފުރިހަމަ ގޮތުގައި ދައްކާލައި އޮއްޓަރުހުރި ވާހަކަތަކެއް ދެއްކޭނެ ފުރުސަތު ދިނުމުގެ ގޮތުން ކުރި ކަމެއް. މައުޟޫތައް އަޅުގަނޑުމެން ހާމަކުރިޔަސް މުބާރާތުގައި ކުދިން ވާހަކަ ދައްކަންޖެހޭނީ ގުރުއަތުން ދިމާވާ މައުޟޫއަކަށް،" އަޝްރަފް ވިދާޅުވި އެވެ.
ދިވެހި ބަހުގެ އެކަޑެމީއިން ބާއްވާ އަދަބީ މުބާރާތްތަކަށް އެހީތެރިވެދިނުމަށް ޕީއެސްއެމުން މިއަދު ސޮއިކުރި އެއްބަސްވުމާ ބެހޭގޮތުން އިކްރާމް އަބްދުއްލަތީފް ވިދާޅުވީ، އަދަބީ ކަންކަމަށް ހިތްވަރުދީ، ދިވެހިބަހާއި ގައުމު ކުރިއަރުވަން މަސައްކަތްކުރުމަކީ ގާނޫނުން ޕީއެސްއެމް އަށް ލާޒިމްކުރާ ޒިންމާއެއް ކަމަށެވެ. އެހެންކަމުން އެ ޒިންމާ އަދާކުރުމުގެ ގޮތުން ޕީއެސްއެމުން ދިވެހި ބަހުގެ އެކަޑަމީއަށް ވެދެވެން އޮތް ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަން އަބަދުވެސް ދޭނެ ކަމަށެވެ.
މިނިސްޓަރު އަހުމަދު ޒިޔާދު ވިދާޅުވީ، ފިކުރީ ހަނގުރާމައަކީ މިހާރުގެ ޖީލުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. ފިކުރީ ހަނގުރާމަ އަކީ މާދަރީ ބަހަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށާއި އެހެންކަމުން ބަސް ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ކޮންމެ ދަރިވަރަކުވެސް ކުރަންޖެހޭނެ ކަމެއް ކަމަށެވެ.
މުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ ނުވަ ވަނަ ދުވަހާއި ހަމަޔަށެވެ. އެކި އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ މުބާރާތުގައި ކޮންމެ ދުވަހަކުވެސް ތިން ދަންފަޅިއެއްގައި ބައިވެރިން ވާހަކަ ދައްކާނެއެވެ. މުބާރާތް ޖަޖު ކުރާނީ 15 ފަނޑިޔާރުންގެ ޓީމަކުންނެވެ.