ވިޔަފާރި

ވެޑެލް ޗޮކްލެޓްގެ ލޯބީގައި ވިރިގެން ފައިބަނީ!

ތަރައްގީ އާއެކު ދުނިޔޭގެ ބާޒާރުގައި އުފައްދާ އުފެއްދުންތައް ރާއްޖެ ގެނެސް ދިވެހިންނަށް ބާ ކުރަނީ އެވެ. ސެންޓުން ފެށިގެންގޮސް ޗޮކްލެޓާއި ހަމައަށްވެސް މިކަން އައިސްފި އެވެ. އެކިކަހަލަ ޗޮކްލެޓްތައް މިއޮތް ރާއްޖެ އައިސް ދިވެހިންގެ ހިތްތައް ފަތަހަ ކުރަނީ އެވެ. އެންމެ ފަހުގެ އުފެއްދުންތަކާއި ދުނިޔޭގެ ބާޒާރުގައި ލިސްޓުގެ އެންމެ ކުރީގައި އުޅޭ ޗޮކްލެޓުތައްވެސް މެ އެވެ.

ޕޮލޭންޑުގައި މިހާރު އެންމެ ކުރީގައި އުޅޭ ވެޑެލް ޗޮކްލެޓްވެސް އެންމެ ފަހުން ރާއްޖެ "ވައްޓާލައިފި" އެވެ. ދެ ހަފްތާގެ ތެރޭގައި ދިވެހިންގެ ގިނަ ބައެއްގެ ހިތް އަތުލައި ދިވެހިންގެ މެދުގައި މަގުބޫލު ޗޮކްލެޓުތައް ފަހަތަށް ޖައްސާ ލިސްޓުގެ ވަރަށް ކުރިއަށް ވެޑެލް އަރައިފި އެވެ. މިއީ ރަހަޔާއި އެއްވަރަށް އަގުހެޔޮވެސް ޗޮކްލެޓެކެވެ.

އަގުތައްވެސް ހަމަ ހަބޭސް!

އަށާރަ ސަތޭކަ ފަންސާސް އެއްވަނަ އަހަރު ވުޖޫދުވި ވެޑެލް ޗޮކްލެޓް ވިއްކަން މިހިރީ ހަމަ އެބްރޭންޑަށް ހާއްސަކޮށްގެން މާލޭގައި ހުޅުވި ފިހާރަ އެއްގަ އެވެ. އަގުތަކަށް ބަލާއިރު މިހިރީ ހަމަ ދިވެހިންގެ އަތް ފޯރާ ހިސާބުގަ އެވެ. 100 ގްރާމްގެ ޗޮކްލެޓްތައް މިއުޅެނީ 25 ރުފިޔާ އިން ފެށިގެން 35 ރުފިޔާ އާއި ދެމެދު އެވެ. 100 ގްރާމްގެ ނޯމަލް ޗޮކްލެޓް ބާ އެއް 25 ރުފިޔާ އަށެވެ. އަދި ފިލިން އެއްޗެހި 30 އަށް އުޅޭއިރު ނަޓްސް އަޅާފައި ހުންނަ ޗޮކްލެޓް ބާސް މިހިރީ 35 ރުފިޔާ އަށެވެ. މިގްރާމްގެ އެއްޗެއް 35 ރުފިޔާއަށްވުރެ ބޮޑެއް ނުވާނެ އެވެ.

ދެން މިހިރީ 220 ގުރާމްގެ ޗޮކްލެޓް ތަކެވެ. މި ސައިޒުގެ ޗޮކްލެޓުތައް މިއުޅެނީ 80 ރުފިޔާގެ ރޭޓުންނެވެ. މި ސައިޒުގައި ކްރައުންވެސް އެބަހުއްޓެވެ.

މި އަދި ނިމުނީކީ ނޫނެވެ. މިއަށްވުރެ ކުދި ސައިޒުވެސް އެބަހުއްޓެވެ. ޗޮކްލެޓު ބާ އިން ފެށިގެން ވެޑެލް ބްރޭންޑުގެ ވެފާވެސް އެބަހުއްޓެވެ. ލެޖެންޑްރީ ލައިކް ބިސްކޯދުވެސް އެބަހުއްޓެވެ. އެއް ވައްތަރު ދެ ވައްތަރެއް ނޫނެވެ. 12 ނުވަތަ 13 ވައްތަރެއްވެސް ނޫނެވެ. ދިވެހި ބާޒާރުގައި ވެޑެލް ޗޮކްލެޓުގެ 38 ވައްތަރު އެބަހުއްޓެވެ.

އަދި މިއީ މަދުވަރެކެވެ. ޕޮލޭންޑުގައި ވެޑެލްގެ 100 ވައްތަރު އެބަހުއްޓެވެ. ބާކީ 62 ވައްތަރުވެސް އަދި ރާއްޖެ އަންނާނެ އެވެ. ވެޑެލް ޗޮކްލެޓުގެ ފްލޭވާތައްވެސް ހަމަ ހަބޭހެވެ. ރާސްބެރީ، މިލްކް، ޗޮކްލެޓް، ޑާކް ޗޮކްލެޓް އެބަހުއްޓެވެ. މި ލިސްޓު ކިޔާ ކިޔާ ހުހެއް ނުވާނެ އެވެ. ނަޓްސް ވިތް ފްލޭވާޑް ޗޮކްލެޓްތައްވެސް މިހިރީ އެވެ.

ވެޑެލް ޗޮކްލެޓުގެ އަގަށް ބަލާފައި މީގެ ރަހަ ޖަޖް ނުކުރައްޗެވެ. ބަނޑޭރި ގަނޑަށް ފޮތުގެ އެތެރޭގައި އޮންނަ އެއްޗެއް ނޭނގޭނެ އެވެ. މީގެ ރަހަޔަކީ ތަފާތު ރަހަ އެކެވެ. މިއީ ހަދައިގެން ބުނާ ވާހަކައެއް ނޫނެވެ މި ޗޮކްލެޓުގެ ރަހަ ބަލައި ތަޖުރިބާކޮށްފައި ތިބި މީހުން ބުނާ އެއްޗެކެވެ. މި ޗޮކްލެޓް އެއް ފަހަރު ކައިގެން ހިންހަމައެއް ނުޖެހޭނެ އެވެ. އެއީ ޔަގީން ކަމެކެވެ.

މި ޗޮކްލެޓުގެ ރަހައިގެ ވާހަކަ ދައްކާއިރު މީގައި ބޭނުންކޮށްފައި ހުރި އިންގްރީޑިއަންޓްސް އަށްވެސް ބަލައިލަން ވާނެތާ އެވެ. ވެޑެލް ޗޮކްލެޓް ހަދަން ބޭނުން މިކުރަނީ މުޅިންވެސް ސިއްހަތަށް ފައިދާ ހުރި އެއްޗެއްސެވެ. މީރު ރަހަޔާއެކު ހަށިގަނޑަށްވެސް ފައިދާ އެވެ.

ވެޑެލް ޗޮކްލެޓުގެ ތާރީހުގެ ތެރެއަށް ވަދެ ނުލާ ނިންމާލާކަށް ނުފެނެ އެވެ. އެހެން ވީމާ ތާރީހުގެ ތެރެއަށް ޖެހިލާނަމެވެ. ކުރިންވެސް ބުނިހެން އެންމެ ފުރަތަމަ މި ޗޮކްލެޓު އުފައްދާފައި މިވަނީ 1851 ވަނަ އަހަރެވެ. އުފައްދާފައި މިވަނީ ޔޫރަޕުގެ މެދު އަދި އިރުމަތީގައި އެންމެ ގިނަ މީހުންގެ ލޯތްބާއި ތާއިދު ހޯދާފައި އޮތް ޕޮލެންޑުގެ ކުންފުންޏަކުންނެވެ. ކެރޮލް އާނެސްޓް ވެޑެލް އަށް ނިސްބަތްވާ ކުންފުނި އީ ވެޑެލް އިންނެވެ. މިކުންފުންޏަކީ އިޖްތިމާއީ ވެލްފެއާ ތަކަށްވެސް ވަރަށް ގިނައިން ހަރަދުކުރާ ކުންފުންޏެކެވެ.

މިއީ ހަމައެކަނި ޗޮކްލެޓު އުފައްދާ ކުންފުންޏެއްވެސް ނޫނެވެ. ޗޮކްލެޓުގެ އިތުރުން ކޭކާއި ތަފާތު ސްނެކްސްތައް އަދި ކޭންޑީތައްވެސް ބާޒާރަށް ނެރެ އާއްމުންގެ ހިތްތަކާއި ހަމައަށް ފޯރުވަމުން އަންނަ ކުންފުންޏެއްވެސް މެ އެވެ. ޕޮލޭންޑުގެ ނެޝަނަލް ޗޮކްލެޓް ބްރޭންޑަކީވެސް ހަމަ ވެޑެލް އެވެ.

އެހެން ވީމާ މި ޗޮކްލެޓް ނުގަންނަންވީ ސަބަބެއް ދައްކަ ބަލާށެވެ. ހިތް ކިޔައިގެން ތިޔައުޅޭ މަންޖެއަށްވެސް ނިކަން މީގެ ރަހަ ދައްކާލަ ބަލާށެވެ. ތިދޭ ރަތް ފިނިފެންމާ ބޮނޑިތަކަށްވުރެވެސް "އެފެކްޓިވް" ވާނެ އެވެ.

މިހެން މި ބުނަނީ އަންހެން ކުއްޖެއްކަން ދަންނާށެވެ! ޗޮކްލެޓަށް އަންހެން ކުދިންގެ ހިތްތައް ވިރިގެން ފައިބާކަން ވެސް ދަންނާށެވެ!