ހަބަރު

ވިލިމާލޭގައި ޑްރަގް އޯވަޑޯޒްވެ، މަރުވީ ޑްރަގު ކޯޓުގެ އަމުރާ ހިލާފަށް ދޫކޮށްލި މީހެއް

މި މަހުގެ 27 ވަނަ ދުވަހު ވިލިމާލޭ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާ މަރުވެފައި ވަނީ ޑްރަގް އޯވަޑޯޒް ވެގެން ކަމަށާއި އޭނާ އަކީ މަސްތުން ސަލާމަތް ކުރުމަށް ރިހެބުގައި ބަހައްޓައިގެން ފަރުވާ ދިނުމަށް ޑްރަގް ކޯޓުން އަމުރުކޮށްފައި ވަނިކޮށް އެ އަމުރާ ހިލާފަށް ދޫކޮށްލާފައި ހުރި މީހެއްކަން "އަވަސް" އަށް އެނގިއްޖެ އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، ވިލިމާލޭ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނިފައި ވަނީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ވިލިމާލޭ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށާއި އެ މީހާ މަރުވެފައި އޮތް ތަން ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅެފައިވާ ކަމަށް ބެލެވޭ ސިރިންޖެއް ވެސް ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

އޭނާ ރިހެބިލިޓޭޝަން ސެންޓަރުން ދޫކޮށްލާފައި ވަނީ އޭނާގެ އުޅުން ހުރި ގޮތުން ސެންޓަރުގައި ބެހެއްޓެން ނެތް ކަމަށް ބުނެ ފަރުވާގެ ޕްރޮގްރާމުން ވަކިކޮށްފައިވާ ކަމަށް ބުނެފައި ކަމަށް އެނގިފައިވެ އެވެ. ނަމަވެސް އެންޑީއޭގެ ބަހެއް މިކަމުގައި ލިބޭ ގޮތެއް ނުވުމުން އެކަން ހިނގި ގޮތުގެ ތަފްސީލެއް ލިބޭ ގޮތް އަދި ވަނީ ނުވެފަ އެވެ. ނަމަވެސް ކޯޓުގެ އަމުރާ ހިލާފަށް އެ މީހާ ދޫކޮށްލި މައްސަލަ ޑްރަގް ކޯޓުން ބަލަމުން އަންނަކަން ވަނީ އެނގިފަ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާ ގޮތުން، މަސްތުން ސަލާމަތް ވުމަށް ފަރުވާ ދިނުމަށް އެ ގާނޫނާއި ގަވާއިދުތަކުގެ ދަށުން ޝަރުތު ހަމަވާ މީހުންނަށް ފަރުވާގެ ޕްރޮގްރާމެއް ހިންގަން ޑްރަގް ކޯޓުން އެންޑީއޭގެ މައްޗަށް އަމުރު ކުރާނެ އެވެ. މިގޮތުން އެ މީހަކު މަސްތުވާތަކެއްޗަށް ދެވި ހިފާފައި ހުރި މިންވަރެއް ވަޒަންކޮށް ހުށަހަޅާ ރިޕޯޓަށް ބެލުމަށް ފަހު، އެ މީހަކީ ރިހެބްގައި ބަހައްޓައިގެން ނުވަތަ މުޖުތަމައަށް ދޫކޮށްލާފައި ބަހައްޓައިގެން ފަރުވާ ދޭންޖެހޭ މީހެއްތޯ ބަލައި އެގޮތެއްގެ މަތިން ފަރުވާ ކުރިއަށް ގެންދިއުމަށް އަމުރު ކުރާނެ އެވެ. މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ކުށްވެރިވެ ހުކުމް ތަންފީޒުކުރަން ޖެހޭ މީހުންގެ ހުކުމް ތަންފީޒުކުރުން ފަސްކޮށް، ފަރުވާގެ ޕްރޮގްރާމްގައި ބައިވެރިކޮށްފައި ވަނިކޮށް އެ ޕްރޮގްރާމްގެ ޝަރުތުތަކާ ހިލާފްވެއްޖެ މީހަކު ފަރުވާގެ ޕްރޮގްރާމުން ވަކިކުރުމުގެ ބާރު އަދި އެ މީހަކު އަނބުރާ ޖަލަށް ފޮނުވާލުމުގެ ބާރު ގާނޫނީ ގޮތުން އޮންނަނީ ޑްރަގް ކޯޓަށެވެ.