ހަބަރު

ޝައިނީ، ސޮލޮމަން އައިލަންޑްސްގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ރައީސްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ ޑރ. މުހައްމަދު ޝައިނީ، ސޮލޮމަން އައިލަންޑްސްއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގު ބޮޑު ވަޒީރު، މަނައްސެހް ސޮޣަވަރޭގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސޮލޮމަން އައިލަންޑްސާ ދޭތެރޭ އޮތް ހަރުދަނާ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ޑރ. ޝައިނީ ވަނީ ސަރުކާރުން އިގިތިސޯދީ ތަރައްގީއަށާއި ސިއްހީ ދާއިރާގެ ތަރައްގީއަށް ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ކަންތައްތަކުގެ ތަފްސީލު ސޮލޮމަން އައިލަންޑްސްގެ ބޮޑު ވަޒީރަށް ދެއްވާފަ އެވެ. މީގެ އިތުރުން ޑރ. ޝައިނީގެ ވާހަކަފުޅުގައި މަސްވެރިކަން ކުރިއެރުވުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ބަޔާން ކުރެއްވި އެވެ. އަދި ރާއްޖެ އަކީ ޖަޒީރާ ގައުމަކަށް ވެފައި، އެލަޔަންސް އޮފް ސްމޯލް އައިލަންޑް ސްޓޭޓްސްގެ ޗެއާގެ ހައިސިއްޔަތުން މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް ވެސް ވަނީ ބަޔާން ކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރު އޮފް ފޮރިން އެފެއާޒްގެ ސީނިއާ ޑެސްކް އޮފިސަރު، ލީޝާ މުހައްމަދު ބައިވެރިވެލެއްވި އެވެ.