އެމްޑީޕީ

މިނިވަން ނޫސްވެރިކަން ކުރުމުގެ މާހައުލެއް ރާއްޖޭގައި ނެތް: އެމްޑީޕީ

މިނިވަން ނޫސްވެރިކަން ކުރުމުގެ މާހައުލެއް ރާއްޖޭގައި މިހާރު ނެތް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. އެމްޑީޕީއިން މިކަމާ ކަންބޮޑުވުން ފާޅުކޮށް މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގައި އެންމެ ދުވަސްވީ އަދި ޕްރިންޓްކޮށްގެން ނެރެމުންދާ ހަމައެކަނި ނޫސް ނެރުން ހުއްޓާލުމަށް އިއްޔެ ސިވިލް ކޯޓުން ވަގުތީ އަމުރު ނެރުއްވާފައިވާތީ އެކަމާ ކަންބޮޑުވާކަމެއް ކަމަށާއި ހަވީރު ނޫސް ނެރުން ހުއްޓާލުމަށް އެންގުމަކީ މިނިވަން ނޫސްވެރިކަމަށް އެޅޭ ހުރަހެއް ކަމަށެވެ.

ފާއިތުވީ އަހަރުތަކުގެ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އެތައް ދަރަޖައަކަށް މިވަނީ ދަށްވެގެންގޮސްފައިވާ ކަމަށާއި 2015 އަހަރު ޕްރެސް ފްރީޑަމްގައި ރާއްޖޭ ވަނީ 180 ގައުމުތަކުގެ ތެރެއިން 112 ވަނަ އަށް ވެއްޓިފައި ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

"މީޑިޔާއަކީ ޑިމޮކްރަސީގެ އެންމެ މުހިއްމު އެއް ތަނބު ކަމުގައިވާއިރު މިނިވަން ނޫސްވެރިކަން ކުރުމުގެ މާހައުލު މިއަދު ރާއްޖޭގައި ނެތްކަމީ ކަންބޮޑުވާ ކަމެކެވެ. އަދި މިކަމުން ރާއްޖެ މިއަދު ވެއްޓިފައިމިވާ އަނދަވަޅުގެ ފުންމިން ހާމަވެއެވެ. ސަރުކާރުގެ ހުދުމުހުތާރުކަމާ، ސަރުކާރުން ޝާރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ މިންވަރުވެސް ހާމަވެއެވެ." ބަޔާނުގައިވެ އެވެ.