އެމްޑީޕީ

ނޫސްވެރިކަމަށް ފަހި މާހައުލެއް ހޯދައިދޭން ޖެހޭ: އެމްޑީޕީ

ޚަބަރުތައް މެދުކަނޑާ ނުލައި ގެންނެސްދެވޭނީ ނޫސްވެރިންނަށް ބިރުވެރިކަމެއް ނެތި މަސައްކަތްކުރެވޭނެ މާހައުލެއް ހޯދައިދީގެން ކަމަށާއި އެފަދަ މާހައުލެއް ރާއްޖޭގައި ގާއިމްކޮށްދިނުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ.

މީޑިއާގެ މިނިވަންކަމެއް ނެތްކަމަށް ބުނެ ރާއްޖެޓީވީ ހަބަރު ކޮންޓެންޓް ފޮނުވުން މެދުކަނޑާލާފައިވާތީ އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ހަބަރުތައް މެދުނުކެނޑި ގެނެސްދިނުމަށް ނޫސްވެރިނަށް ބިރުވެރިކަމެއް ނެތި މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދިނުމަކީ ދައުލަތުގެ މައްޗަަށް ލާޒިމު ކަމެއް ކަމަށެވެ. އެއީ މޯލްޑިވްސް ބްރޯޑް ކާސްޓިން ކޮމިޝަނުން ޒިންމާ ނަގަން ޖެހޭ ކަމެއް ކަމަށެވެ.

އެމްޑީޕީން ބުނީ، ސަރުކާރުގެ ސިޔާސީ އެންގުންތަކަށް ކޮންމެ ހިނދެއްގައި އިޖާބަ ދިނުމުގެ ބަދަލުގައި ނޫސްވެރިންނާއި މީޑިޔާގެ މިނިވަންކަމާއި ރައްކާތެރިކަމަށް ވަކާލާތުކުރާ ބަޔަކަށް ބްރޯޑްކާސްޓިން ކޮމިޝަންގެ އިސްވެރިން ވެވަޑައިގަންނަން ޖެހޭ ކަމަށެވެ. ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ދުވަހެއް ދުވަހެއް ދަށަށް ދާކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ، ނޫސްވެރިކަމުގެ ހަމަހަމަކަން ގެއްލެނޫ ސަރުކާރުން ހަބަރު ފަތުރާ އޮފީސްތަކަށް ނުފޫޒު ފޯރުވާ މިންވަރު އިތުރުވާތީ ކަމަށެވެ.

" 2008 ވަނަ އަހަރަށްފަހު ރާއްޖޭގެ މީޑިޔާގެ މިނިވަންކަން އެތައް ގުނައަކުން ކުރިއރާފައިވީނަމަވެސް އޭގެ ފަހުން މީޑިޔާގެ މިނިވަންކަން މިވަނީ 60 ދަރަޖަ ދަށަށް ގޮސްފައެވެ. މިންވަރަށް ނޫސްވެރިކަމުގެ މިނިވަންކަން ދަށަށް ދާން ޖެހުނު ސަބަބަކީ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ތަކުރާރުކޮށް ހުރަސް އަޅަމުން ގެންދިއުން ކަމުގައިވެސް ފާހަގަ ކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.