ސަރުކާރުން ކުރި ދިރާސާތަކުން ރާއްޖޭގައި ޖިހާދަށް ތަމްރީނުކޮށްދޭ ތަނެއް ގާއިމުވެފައިނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. ރައީސް ވިދާޅުވީ، ރާއްޖެއަކީ ހައްދުފަހަނައަޅާފައިވާ މީހުން ތަމްރީނުކުރާ ތަނެއްގެ ގޮތުގައި ސިފަކޮށްފައި އޮތް ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.
އިސްލާމިކް ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމް ގައުމަކަށްވުމުން ބޭރުގެ ގިނަ ގައުމުތަކުން ރާއްޖެއާ ދޭތެރޭ ނުހުރުންވުންތަކެއް އޮންނަ ކަމަށެވެ. އެފަރާތަކުން ރާއްޖޭގެ އަގު ވައްޓާލުމަށް މަސައްކަތްކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށްވެ ތިބެ، ރާއްޖޭގެ އަގު ވައްޓާލަން ވެސް ބަޔަކު މަސައްކަތް ކުރާ ކަމަށެވެ. ހައްދުގަހަނަ އަޅާފައިވާ މުސްލިމުން ތަމްރީނުކުރާ ތަނެއްގެ ގޮތުގައި ރާއްޖެ ސިފަކުރާ ކަމަށެވެ.
"އަޅުގަނޑު ތެދުވަންވީ ވިސްނަންވީ، ވިސްނައިދޭންވީ ކީއްވެގެންތޯ އަޅުގަނޑުމެންގެ ގައުމަކީ ހައްދުފަހަނައަޅާފައިވާ މީހުން ތަމްރީނުކުރާ އަދި ހަނގުރާމަވެރި ޖިހާދަށް ޖާނުންފިދާވާ މީހުން ތަމްރީނުކުރާ ތަނެއްގެ ގޮތުގައި ބުނެވިގެން މިދަނީ، އަޅުގަނޑުމެންގެ އަމިއްލަ ދަރިންތަކެއް މި ވާހަކަ މި ދައްކަނީ، ދިވެހިރާއްޖޭގައި އެބަހުރިތޯ އެފަދަ ހަރުކަށި ހިޔާލުގެ މައްޗަށް ބިނާކޮށް ރެކުރޫޓްކުރާ ތަންތަން އެބަހުރިތޯ، އަޅުގަނޑުމެން ސަރުކާރުން ކުރި ދިރާސާއަކުން ރާއްޖޭގައި އެފަދަ ތަންތަނެއް ނެތް، އެފަދަ މަދަރުސާތަކެއް ވެސް ނެތް،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން އެފަދަ ވާހަކަ ދައްކާ ފަރާތްތަކަތާ ސިޔާސީ މަގުސަދެއްގައި ބަޔަކު ގުޅި އެކަމުގައި ސިޔާސީ މީހުން ވެސް ވަކާލާތުކުރާ ކަމަށެވެ. ރައީސް ވިދާޅުވީ، ރާއްޖެ ކުރިއަރުވަން މަސައްކަތް ކުރަންޖެހޭނީ ދިވެހިން ކަމަށާއި ކުރިއަރާނީ ވެސް އޭރުން ކަމަށެވެ. ރާއްޖެ ބަދުނާމުވާ ގޮތަށް ވާހަކަ ދެއްކުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެ ވަކާލަތުކުރާ ވަކާލާތުކުރުން ބައިވެރިވެގެން މަސައްކަތްކުރާ ސިޔާސީ ފަރާތްތައް ވެސް ހަމަ ޒިންމާ ނަގަންޖެހޭނެއޭ، އަޅުގަނޑުމެން އަމިއްލައަށް ރާއްޖެއަށް ކުރިއަރުވަން މަސައްކަތް ކުރި މިންވަރަކުން ނޫނީ ކުރިނާރާނެ،" ރައީސް ވިދާޅުވި އެވެ.