ބޭރު ކުޅިވަރު

ޒިދާނަށް ބާސެލޯނާ ބަލިކުރެވިދާނެތަ؟

ސްޕޭނުގެ އެންމެ ގަދަ ދެބާރު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑް މިރާ ބައްދަލުކުރާ މެޗަކީ ރެއާލްގެ ކޯޗު ޒައިނުއްދީންޒިދާނަށް ވަރަށް ހާއްސަ މެޗެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި ބާސެލޯނާއާ ދެކޮޅަށް ކާމިޔާބު ހޯދި ނަމަވެސް ކޯޗެއްގެ ގޮތުގައި މިރޭގެ މެޗަކީ އޭނާ އަށް ޗެލެންޖެކެވެ.

މި މެޗަށް ނުކުންނައިރު 2007 ވަނަ އަހަރުގެ ފަހުން ރެއާލްގެ އެއްވެސް ކޯޗަކަށް އޭނާގެ ފުރަތަމަ އެލް ކްލެސިކޯ މެޗުގައި ބާސެލޯނާއާ ދެކޮޅަށް ކާމިޔާބު ހޯދިފައެއްނުވެ އެވެ.

ހުއާންޑޭ ރާމޯސްގެ ފުރަތަމަ ކްލެސިކޯގައި 2008 ވަނަ އަހަރު ބާސެލޯނާ އަތުން ބަލިވީ 2-0އިންނެވެ. މެންޗެސްޓާ ސިޓީގެ މިހާރުގެ ކޯޗު މެނުއަލް ޕެލެގްރީނީ 2009 ވަނަ އަހަރު ރެއާލް މެޑްރިޑުގައި ކުރިމަތިލި ފުރަތަމަ ކްލެސިކޯގައި ބާސެލޯނާ އަތުން ބަލިވީ 1-0އިންނެވެ. އޭގެ ފަހުން 2010 ވަނަ އަހަރު މަޝްހޫރު ހޯސެ މޮރީނިއޯގެ ކޯޗުކަމުގައި ރެއާލް، ބާސެލޯނާ އަތުން ބަލިވީ 5-0އިންނެވެ. އަދި 2013 ވަނަ އަހަރު ކާލޯ އެންޗެލޯޓީގެ ކޯޗުކަމުގައި ބާސެލޯނާ އަތުން ރެއާލް ބަލިވީ 2-1އިންނެވެ. އޭގެ ފަހުން މިދިޔަ އަހަރު ރަފާ ބެނީޓޭޒް ކްލެސިކޯގައި ބާސެލޯނާ އަތުން ބަލިވީ 4-0އިންނެވެ.

މި ނަތީޖާތަކުގެ ތެރެއިން މޮރީނިއޯ އާއި ބެނީޓޭޒަށް ކުރިމަތިވި ނާކާމިޔާބީ އަކީ އެމީހުންގެ ހަޔާތުގައި ވެސް ބޮޑު ބަލިވުމެކެވެ. ޒިދާނަށް މި މެޗު ޗެލެންޖަކަށް ވަނީ މި ލިސްޓަށް އޭނާގެ ނަން އެރިޔަ ނުދިނުމަށެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ބާސެލޯނާގެ ދަނޑުގައި ޒިދާން ބަލިވީ އެންމެ ފަހަރަކު އެވެ. ނަމަވެސް އެ މެޗަކީ ބާސެލޯނާގެ މިހާރުގެ ކޯޗު ލުއިސް އެންރީކޭ އާއި ޒިދާނާ ދެމެދު ބޮޑު ހަމަނުޖެހުމެއް ހިނގި މެޗެއް ވެސްމެ އެވެ. މިހެންވެ ކޯޗުންގެ ގޮތުގައި ވާދަވެރި މެޗަކުން މި ދެމީހުން ބައްދަލުކުރާ ފުރަތަމަ މެޗުގެ ހާއްސަކަން ބޮޑެވެ.