ހަބަރު

ހުޅުމާލެއިން މާލެއަށް ފެން ގެންނަން ފަށައިފި

މާލޭގެ ބޮޑު ބަޔަކުން ފެން ކެނޑިފައިވުމުން މާލެއަށް ބޭނުންވާ ފެން ހުޅުމާލެއިން ގެންނަން ފަށައިފި އެވެ. އެ މަސައްކަތް ކުރަމުންދަނީ ސިފައިންނެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން މުހައްމަދު މިއަދު ވިދާޅުވީ، މާލެއަށް ފެން ގެނައުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށާއި ފެން ގެންނަނީ ހުޅުމާލެއިން ކަމަށެވެ. މިހާތަނަށް 30 ޓަނުގެ ފެން ހުޅުމާލެއިން މާލެ ގެނެވިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެ ފެން އަންލޯޑްކުރުމުގެ މަސައްކަތް މިހާރު ސިފައިން ކުރަމުންދާ ކަމަށެވެ.

މިއަދު ހެނދުނުން ފެށިގެން ފެނުގެ ހިދުމަތް ކެނޑިފައިވާނީ ގަލޮޅާއި އަދި ހެންވޭރުގެ އިތުރުން މާފަންނުގެ ވެސް ބައެއް ހިސާބުތަކަށެވެ. ފެން ނުލިބެނީ ތިން ވަނަ ފްލޯއިން މައްޗަށެވެ.

މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެފައިވަނީ އިއްޔެ ކަރަންޓު ދިޔުމުގެ ސަބަބުން ޕަވާ ޑިސްޓްރިބިއުޝަންތަކާއި ބޯހޯލްތަކަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެފައިވާ ކަމަށާއި މި ދަނޑިވަޅުގައި ތިން ވަނަ ފްލޯއިން އިން މައްޗައް ޕްރެޝަރުގައި ފެން ނުލިބޭނެ ކަމަށެވެ.

"މި ދަނޑިވަޅުގައި ވީހާވެސް މަދުން ފެން ބޭނުން ކުރުމަށް އެމްޑަބްލިއުއެސްސީ ފަރާތުން އެދެން. މިމައްސަލަ ހައްލު ކުރުމުގެ މަސައްކަތް އިއްޔެ ފެށިގެން ކުރަމުން މިދަނީ. މިހާރު ވަރަށް ބޮޑުތަން ހައްލުވެފައި ވަނީ،" ފަޒުލް ވިދާޅުވި އެވެ.

ފެނުގެ ހިދުމަތް މެދުކެނޑިފައިވާ އިރު ދާދި ފަހުން އެމްޑަބްލިއުއެސްސީ އިން ބުނެފައި ވަނީ އެކުންފުނީގައި ހިނގި އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ އާރޯ ޕެނަލް ތަކާއި ޕަވާ ޕެނަލްތައް ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށް ދާތީ ދެތިން ދުވަހަކަށް ފެން ޕްރެޝަރުގައި ފެން ނުލިބިދާނެ ކަމަށެވެ.