ހަބަރު

ޓެކްސް ދައްކަން ނުޖެހޭ ތަންތަނުގެ އަދަދު 94 އަށް

ޓެކްސް ދައްކަން ނުޖެހޭ މުއައްސަސާތަކާއި އާންމު އިދާރާތަކާއި ޖަމިއްޔާގެ ގޮތުގައި މިހާތަނަށް 94 ތަނެއް ކަނޑައަޅާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

ޓެކްސް ދައްކަން ނުޖެހޭ ޖަމިއްޔާއެއްގެ ގޮތުގައި ހޯޕް ފޮ ވިމެން ކަނޑައަޅައި މީރާއިން ކުރި އިއުލާނެއްގައި ބުނީ، މީރާއިން ގަބޫލުކުރާ އިދާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ ދިހަ ވަނަ މާއްދާގެ (ބ) އަދި 15 ވަނަ މާއްދާގެ (ހ) ގެ (3) ގެ ދަށުން ގަބޫލުކުރާ ތަންތަން ކަމަށެވެ. އެގޮތަށް މީރާއިން ގަބޫލުކުރާ ޖަމިއްޔާ ޖަމާއަތްތަކާއި، އާންމު އިދާރާތަކަކީ ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކުހުން އިސްތިސްނާވާ ފަރާތްތައް ކަމަށެވެ.

ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި، ޓެކްސް ދައްކާ ފަރާތަކުން ޖަމިއްޔާތަކާއި އާންމު އިދާރާތަކަށް ދީފައިވާ ހަދިޔާއެއް އުނިކުރެވޭނީ އެ ފަރާތުން އެ އަހަރަކަށް ބީ.ޕީ.ޓީ ބަޔާން ހުށަހަޅަންޖެހޭ ތާރީހުގައި ނުވަތަ އޭގެ ކުރިން އެ ޖަމިއްޔާއެއް ނުވަތަ އިދާރާއެއް މީރާ އިން ގަބޫލުކޮށްފައިވާނަމަ އެވެ. އެގޮތުން ޓެކްސް ދައްކަން ނުޖެހޭ ގޮތަށް ކަނޑައެޅި ޖަމިއްޔާ ޖަމާއަތްތަކާއި އަދި އާންމު އިދާރާތަކުގެ އަދަދު މިހާރު ވަނީ 94 އަށް އަރާފައިވާ ކަމަށެވެ.

ޓެކްސް ދައްކަން ނުޖެހޭ ތަންތަނުގެ ގޮތުގައި މީރާއިން ގަބޫލުކުރަނީ، ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކުގެ އިތުރަށް ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނާއި، ސްކޫލްތަކާއި، ރަށު، އަތޮޅު އަދި ސިޓީ ކައުންސިލްތަކުގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކެވެ.