މިދިޔަ މަހު މަޖިލީހުން ފާސްކުރި ޓްރާންސްޕޯޓް އޮތޯރިޓީގެ ބިލް ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ބިލަކީ ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ހުށަހެޅުއްވި ބިލެކެވެ. އެ ބިލު ފާސްވީ ބިލަށް ވޯޓު ދިން ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 47 މެމްބަރުންގެ އިއްތިފާގުންނެވެ.
އިގްތިސާދީ ކޮމިޓީން ދިރާސާކުރި މި ބިލު ފާސްވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 47 މެމްބަރުންގެ އިއްތިފާގުންނެވެ.
ނިމުނު މާޗް މަހުގެ 21 ވަނަ ދުވަހު މަޖިލީހުން ފާސްކޮށް، ރައީސް މިއަދު ތަސްދީގު ކުރެއްވި އެ ބިލަކީ ޓްރާންޕޯޓް އޮތޯރިޓީގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ކަނޑައަޅާ ބިލެވެ.
އެ ބިލް މިއަދު ތަސްދީގު ކުރެއްވިޔަސް އެ އަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން އެއް މަސް ހަމަވާ ދުވަހުން ފެށިގެންނެވެ.
އެ ގާނޫނުގައި ބުނެފައިވާ ގޮތުން ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮޓޯރިޓީނެވެ. އަދި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގާނޫނު ތަކާއި ގަވާއިދުތައް މިއަދުން ފެށިގެން ތިންމަސްދުވަހުގެ ތެރޭގައި ހަދައި ގެޒެޓް ކުރަންވާނެ އެވެ.