ހަބަރު

ހައްޔަރުކުރި ނޫސްވެރިން ދޫކޮށްލައިފި

މިއަދު ނޫސްވެރިން ކުރި އިހުތިޖާޖުގައި ހައްޔަރުކުރި ނޫސްވެރިންތައް ދޫކޮށްލައިފި އެވެ. މިއަދު ހައްޔަރުކުރީ 16 ނޫސްވެރިޔެކެވެ. ނޫސްވެރިންގެ އިތުރުން ވެސް ބައެއް މީހުން އެ އިހުތިޖާޖުން ހައްޔަރުކޮށްފައިވެ އެވެ. ފުލުހުން ބުނީ މިއަދު 19 މީހުން ހައްޔަރުކުރި ކަމަށެވެ. މިއަދު ހައްޔަރުކުރި އެންމެން ވެސް މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ނޫސްވެރިން މިރޭ ދޫކޮށްލީ މާދަމާ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ހަވާލުކުރުމަށްފަހު އެވެ.

ހަވީރު ނޫހާއި މިނިވަން ނޫހުގެ ނޫސްވެރިން އިސްނަގައިގެން ފެށި މި އިހުތިޖާޖުގައި ރާއްޖޭގެ މީޑިއާތަކުގެ ގިނަ ނޫސްވެރިން ބައިވެރިވެ އެވެ. މި އިހުތިޖާޖަކީ ނޫސްވެރިންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި ގެއްލެމުންދާ ހައްގުތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އަޑުއުފުލާ ކުރި އިހުތިޖާޖެކެވެ. އިހުތިޖާޖު ފުރަތަމަ ފެށީ މީޑިއާ ކައުންސިލް ކުރިމަތިންނެވެ. އަދި އެއަށް ފަހު ނޫސްވެރިން ޝުއޫރުފާޅު ކުރަމުން ގޮސް މަޖީދީ މަގުން އަލިކިލެގެފާނު މަގުން މުލިއާގެ ކައިރިން ގޮސް ނޫސްވެރިން ވަނީ ރައީސް އޮފީސް ކުރިމައްޗަށް އެއްވެ ޝުއޫރުފާޅު ކޮށްފަ އެވެ.

ރައީސް އޮފީސް ކައިރިއަށް ނޫސްވެރިން އެއްވުމުން އެ ސަރަހައްދުން ނޫސްވެރިން ފޮނުވާލުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފަ އެވެ. އެގޮތުން ޕެޕާ ސްޕްރޭ ޖަހާ ނޫސްވެރިން ފަހަތަށް ޖައްސާފައިވާއިރު ސިފައިން ވެސް ވަނީ ނޫސްވެރިން ފަހަތަށް ޖެއްސުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވެފަ އެވެ.

ނޫސްވެރިންތަކެއް ހައްޔަރުކުރި މައްސަލާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ރާއްޖޭގައި ނޫސްވެރިކަމަށް އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ވެސް ދަނީ ބުނަމުންނެވެ.