ބޭރު ކުޅިވަރު

ޕައުލޯ މަޑްލީނީގެ ބައްޕަ ސެޒާ މަލްޑީނީ މަރުވެއްޖެ

އިޓަލީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޕައުލޯ މަޑްނީގެ ބައްޕަ އަދި އިޓަލީގެ ކުރީގެ ޑިފެންޑަރު އަދި ކޯޗު ސެޒާ މަލްޑީނީ މަރުވެއްޖެ އެވެ.

އުމުރުން 84 ވަނަ އަހަރުގައި ސެޒާ މަލްޑީނީ މަރުވީ ރޭގަ އެވެ. އޭނާ އަކީ 1962 ވަނަ އަހަރު ޗިލީގައި ބޭއްވި ވޯލްޑް ކަޕުގައި ކުޅުނު އިޓަލީ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. ކުޅުން ހުއްޓާލުމަށްފަހު އިޓަލީ އާއި އޭސީމިލާނުގެ ކޯޗުކަން ވެސް ކުރި ސެޒާ މަލްޑީނީ ވަނީ 1998 ވަނަ އހަރުގެ ވޯލްޑް ކަޕުގައި އިޓަލީގެ ގައުމީ ކޯޗުކަން ވެސް ކޮށްފަ އެވެ.

މުޅި ކެރިއަރުގައި 412 މެޗު ކުޅެ ތިން ގޯލު ޖެހި ސެޒާ މަލްޑީނީގެ ހަނދާނުގައި އިޓާލިއަން ލީގުގައި ކުރިއަށްހުރި މެޗުތަކުގައި ހާއްސަ ސުކޫތެއް ގެންނާނެ އެވެ.

ސެޒާ މަލްޑީނީ ކުޅުމުގެ ދުވަސްވަރަށް ފަހު ވެސް އޭނާގެ މަޝްހޫރުކަން ވަރަށް ބޮޑެވެ. ސަބަބަކީ އޭނާގެ ދަރިފުޅު ޕައުލޯ މަލްޑީނީ އެވެ.

އޭނާ އަކީ ވެސް އޭސީމިލާނަށް ކުޅެ، އިޓަލީގެ ގައުމީ ކެޕްޓަންކަން ވެސް ގިނަ ދުވަސްތަކެއްގައި ކޮށްފައިވާ ދުނިޔެ ދުށް ކާމިޔާބު ޑިފެންޑަރެކެވެ. މީގެ އިތުރުން އޭނާގެ ކާފަ ދަރިފުޅު ކްރިސްޓިއަން މަލްޑީނީ އަކީ މިހާރު އިޓަލީގެ 18 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިއެކެވެ.

އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ޓަވެކީއޯ ބުނީ ސެޒާ މަލްޑީނީ އަކ އިޓަލީގެ ފުޓްބޯޅަ އަށް އަގުހުރި ހިދުމަތްތަކެއްކޮށްދިން މީހެއް ކަމަށާއި ގެއްލިގެންދިޔައީ ހަނދާންއާކުރަންޖެހޭ ސަހުޝިއްޔަތެއް ކަމަށެވެ.

އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ސެޒާ މަލްޑީނީގެ ދަރިފުޅު ޕައުލޯ މަލްޑީނީއާއެކު އޭނާ ގައުމީ ޓީމުގައި ގިނަ ދުވަސްތަކެއްވަންދެން ކުޅުނު ކަމަށާއި ސެޒާ މަލްޑީނީގެ އާއިލާ އަށް ފަހަކަށް އައިސް ކުރިމަތިވި ހިތާމަތަކާމެދު ދެރަވާ ކަމަށެވެ.