ހަބަރު

ފައިސާ ޖަމާނުކޮށް ފަސް އަހަރުވީ އެކައުންޓްތައް ބަންދުކުރަނީ

އެސްބީއައި ބޭންކުގައި ފައިސާގެ މުއާމަލާތެއް ނުކޮށް ފަސްއަހަރު ވެފައިވާ "ޑޯމަންޓް އެކައުންޓް"ތަކާ މެދު، އެ އެކައުންޓްތަކުގެ ވެރިފަރާތުން އަންނަ މޭ މަހުގެ ނިޔަލަށް ގޮތެއް ކަނޑަ ނާޅައިފިނަމަ އެކައުންޓްތައް ބަންދުކުރާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އެސްބީއައި ބޭންކުން އާންމުކުރި އިއުލާނެއްގައި ބުނީ، ބޭންކިންއާ ބެހޭ ގާނޫނުގެ ބަޔާންކޮށްފައިވާ ގޮތުން، އެކައުންޓަކުން އެއްވެސް މުއާމަލާތެއް ނުކޮށް ނުވަތަ ބެންކަށް އެ އެކައުންޓަް ވީ ގޮތް ލިޔުމަކުން ނާންގާ ފަސް އަހަރު ވާ އެކައުންޓް ތަކަކީ "ޑޯމަންޓް" އެކައުންޓްގެ ގޮތުގައި ބެލެވޭނެ އެކައުންޓް ތަކެއް ކަމަށެވެ. އެހެންކަމުން ޑޯމަންޓް އެކައުންޓެއް މާލެ އެސްބީއައި ބްރާންޗުގައި އޮތްނަމަ އެ އެކައުންޓަކާމެދު އަންނަ މޭމަހުގެ ކުރިން އެ ބެންކާއި ވާހަކަދައްކައިގެން ގޮތެއް ނިންމަން އަންގާ ކަމަށެވެ.

މެއި މަހުގެ ނިޔަލަށް ވެރިފަރާތުން ވަކި ގޮތެއް ކަނޑަނާޅާ އެކައުންޓްތައް ބަންދުކޮށް، އެ އެކައުންޓް ތަކުގައިވާ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ހަވާލުކުރާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

"31 މެއި 2016ގެ ކުރިން އެކައުންޓްތަކުގެ ވެރިފަރާތުން ބެންކާއި އެއްވެސް މުއާމަލާތެއް ނުކުރައްވައިފިނަމަ، ބެންކުން އެފަދަ އެކައުންޓްތައް ބަންދުކޮށް، ދިވެހި ރާއްޖޭގެ ބެންކިން ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެފަދަ އެކައުންޓްތަކުގައިވާ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ހަވާލުކުރެވޭނެ އެވެ،" އިއުލާނުގައި ބުންޏެވެ.

އެހެންކަމުން އެފަދަ އެކައުންޓެއް އޮތް ބޭއްފުޅެއް ނަމަ އައިޑީކާޑު ނުވަތަ ޕާސްޕޯޓް ހިފައިގެން ބޭންކަށް އައިސް އެކައުންޓާއި މެދު ގޮތެއް ނިންމަން އސްބީއައި އިން ވަނީ އަންގާފަ އެވެ.