ރައްޔިތުންގެ މަޖިލިސް

މީހުން ހައްޔަރުކޮށްގެން ޑޮލަރުގެ ކަޅު ބާޒާރެއް ނުހުއްޓުވޭނެ: ނަވާޒް

ކަޅު ބާޒާރުގައި ބޮޑު އަގުއަގަށް ޑޮލަރު ވިއްކުމުގެ މައްސަލަ ހައްލު ކުރެވޭނީ ގިނަ ބަޔަކު ހައްޔަރުކޮށްގެން ނޫން ކަމަށާއި އެކަން ކުރަން ގަވައިދުތަކަށް ބަދަލު ގެންނަން ޖެހޭނެ ކަމަށް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވެއްޖެ އެވެ.

ޑޮލަރު ލިބުމުގައި ހުރި ދަތިތަކާއި ބެހޭގޮތުން މާލިޔަތު ކޮމިޓީއަށް ހާޒިރުވެ، ވާހަކަފުޅު ދައްކަވަމުން ނަވާޒް ވިދާޅުވީ، ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ މައްސަލައަކީ ފުލުހުން ވެސް ހާއްސަ ސަމާލުކަމެއް ދީގެން ބަލަން ޖެހޭކަމެއް ކަމަށާއި ނަމަވެސް އެ ކަމަކީ ސެންސިޓިވް މައްސަލައަކަށްވާތީ އެކަން ހައްލު ކުރަން ގިނަ ބަޔަކަށް ފިޔަވަޅު އެޅުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި ގަބޫލު ނުކުރާ ކަމަށެވެ.

ނަވާޒް ވިދާޅުވީ ގިނަ ފަހަރަށް ޒަރޫރީ ބޭނުމަކަށް ރަސްމީކޮށް ޑޮލަރު ހޯދުން ނާކާމިޔާބުވާ މީހާ ކަޅު ބާޒާރުން ޑޮލަރު ގަންނާތީ، އެކަމުގައި ހިމެނޭ ދެ ފަރާތަކީ ވެސް އެއްބަސް ވެގެން މުއާމަލާތެއް ކުރާ ބައެއް މަށާއި އެހެން ކަމުން އެ މައްސަލަތަކީ އޭގެ ތޮބިއްޔަތަށް ބަލައި ފުލުހުންނަށް ހުށަހަޅާ މައްސަލަތަކެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެކަން ހައްލު ވާނީ ކަމާބެހޭ އެހެނިހެން ފަރާތްތަކާއިވެސް އެކީ މަޝްވަރާކޮށް ގާނޫނީ ގޮތުން އެކަމަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ކަމަށެވެ.

"މި ގަވައިދަކީ 1987 ގައި ދެ ގަނޑުގެ މައްޗައް 10 ނުކުތާއާއެކު ހެދިފައިވާ ގަވައިދެއް އޭގެ ފަހުން މިހާރު އެތައް ދުވަހެއް. މިކަހަލަ ކަމެއްގައި ކިތައް މީހުންތޯ ފުލުހުންގެ މުއައްސަސާއަށް ހާޒިރު ކުރަންވީ. އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ހަމަ އެކަނި ފުލުހުން މަސައްކަތް ކުރުމުން ހައްލު ވާނެ ހެން. އެހެންވެ މި ގަވައިދަށް ބަދަލުތަކެއް ގެނެސް އެކަން ރެގިއުލޭޓް ކުރާ ގޮތް ތަކެއް ހަދަން ޖެހޭ،" ނަވާޒް ވިދާޅުވި އެވެ.

ކޮމިޓީގައި އިތުރަށް ވާހަކަ ދައްކަވަމުން ޗީފް ސްޕްރިޑެންޑަންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ނު އަގުގައި ޑޮލަރު ވިއްކުމުގެ މައްސަލާގައި މިހާތަނަށް ހުށަހެޅިފައި ވަނީ 2012 ވަނަ އަހަރުން ފެށިގެން ތިން މައްސަލައެއް ކަމަށާއި އަދި އެފަދަ މައްސަލައެއްގައި 2011 ވަނަ އަހަރު މީހަކަށް ހުކުމް ކުރެވި 10،000 ރުފިޔާ އަށް ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އިތުރު މައްސަލައެއް އަދި މިހާތަނަށް ހުށަހެޅިފައި ނުވާކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ރާއްޖެއިން ބޭރަށް ދާފަރާތްތަކަށް ޑޮލަރު ލިބުމުގައި ދިމާވާ ދަތިތަކާއި ކަޅު ބާޒާރުގައި ޑޮލަރު އަގު ބޮޑުކޮށް ވިއްކުމުގެ މައްސަލަށް ހައްލު ކުރުމަށް ބާއްވާ މި ކޮމިޓީއަށް މީގެ ކުރިން ވަނީ އެމްއެމްއޭގެ ގަވަނަރު ޑރ. އަޒީމާ އާދަމް ވެސް ހާޒިރުކޮށްފަ އެވެ. މިއަދު ކޮމެޓީ ނިންމާލީ އިތުރު ބައްދަލުވުންތަކެއް ބާވައްވާ ގޮތަށެވެ.