ހަބަރު

ގުރައިދޫ މަރުކަޒުގައި ޓީބީއަށް ޕޮޒިޓިވް މީހަކު ނެތް: މިނިސްޓްރީ

ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އެއްވެސް މީހަކު މިހާތަނަށް ޓީބީއަށް ޕޮޒިޓިވް ވެފައިވާކަން އެނގިފަ ނުވާކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ގުރައިދޫ މަރުކަޒުގައި ޓީބީ ޖެހިފައިވާ 50 މީހަކު ތިބި ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވުމާއި ގުޅިގެން ހެލްތް މިނިސްޓްރީގެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް ތަސްލީމާ އުސްމާން ވިދާޅުވީ، އެފަދަ މައުލޫމާތެއް އެ މިނިސްޓްރީއަށް ލިބިފައި ނުވާ ކަމަށެވެ. އެ މަރުކަޒުގެ މީހުން މިދިޔަ ވީކެންޑުގައި ވެސް ޓެސްޓު ކުރި ކަމަށާއި މިހާތަނަށް ހެދި ޓެސްޓުތަކުން އެއްވެސް މީހަކު ޓީބީއަށް ފޮޒިޓިވް ނުވާ ކަމަށެވެ.

ހެލްތު މިނިސްޓްރީން މިހެން ބުނެފައިވާ އިރު ރޮޒެއިނާ މިއަދު ވަނީ، އެ މަރުކަޒުގައި ތިބި 50 މީހުންނަށް ޓީބީ ޖެހިފައިވާކަމަށް ބުނެ އެ މައްސަލަ ބެލުމަށް ޖަވާބުދާރީވާންޖެހޭ ފަރާތްތައް ސަރުކާރުގެ މުއައްސަސާތަކުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށް އެދި މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ އިތުރު ދެ މެންބަރަކު ސޮއިކޮށް ލިޔެފައިވާ ސިޓީ އެއްވެސް ޓުވިޓާގައި ހިއްސާކުރައްވާފަ އެވެ.

އެ ސިޓީގައި ބުނެފައިވަނީ، ސަރުކާރުގެ ބެލުމުގެ ދަށުން ހިންގާ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި 50 މީހަކަށް ޓީބީ ޖެހިފައިވާ ކަމަށާއި އެ މީހުންގެ ފަރާތުން އެތަނުގައި މަސައްކަތްކުރާ އެހެން މީހުންނަށް ވެސް ބަލި ޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެކަމުގެ ހަގީގަތް ހޯދައި، އެކަމާއި ގުޅިގެން މިހާރު އަޅަމުންދާ ފިޔަވަޅުތަކަކީ ކޮބައިތޯ ސާފުކުރުމަށް ކަމާބެހޭ ވުޒާރާތަކާއި އިދާރާތަކުގެ ބޭފުޅުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީއަށް ހާޒިރުކުރުމަށް އެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިދިނުމަށް އެދޭ ކަމަށެވެ.