ހަބަރު

ނާޒިމް މަޖިލިސް މެންބަރުކަން ދޫކޮށްލައްވަނީ؟!

Jan 31, 2015
3

ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް އޭނާ މަޖިލީހުގައި މިހާރު ތަމްސީލް ކުރައްވަމުން ގެންދަވާ ދާއިރާގެ ގޮނޑި ދޫކޮށްލައްވަން ނިންމަވާފައިވާ ކަމުގެ އަޑުތައް ފެތުރެން ފަށައިފި އެވެ.

އެކަމަކު ނާޒިމް އެކަމާ ގުޅޭ ގޮތުން އެއްވެސް ވާހަކަފުޅެއް ނުދެއްކެވި އެވެ. އަދި އެއީ ދޮގެއް ކަމެއް ވެސް ނޫނީ ތެދެއް ކަމެއް ވެސް ވިދާޅެއް ނުވެ އެވެ. ނާޒިމް މިވަގުތު ހުންނެވީ ރާއްޖޭން ބޭރުގަ އެވެ.

އަޑުފެތުރިފައިވާ ގޮތުން، ނާޒިމް އެ ފިޔަވަޅު އަޅުއްވަން ނިންމެވީ ސަރުކާރާއި އޭނާއާ ދެމެދު އުފެދިފައިވާ މައްސަލަތަކުގެ ސަބަބުންނެވެ. އަދި އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކުގެ މައްސަލަތައް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވުމަކީ ވެސް އޭގެ އެއް ސަބަބެއް ކަމަށް އެނގިފައިވެ އެވެ.

ނަމަވެސް ނާޒިމް އިސްތިއުފާ ދެއްވާނީ ކޮން ދުވަހަކު ކަމެއް އަދި ނޭނގެ އެވެ. ނާޒިމް ދިއްގަރު ދާއިރާގެ މެންބަރުކަމުން އިސްތިއުފާ ދެއްވައިފި ނަމަ، އެ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބައި އިލެކްޝަން ބާއްވަން ޖެހޭނެ އެވެ. އެނގިފައިވާ ގޮތުގައި ޕީޕީއެމްގެ ފަރާތުން އެ އިންތިހާބުގައި ވާދަ ކުރައްވާނެ ފަރާތަކާ މެދު މިހާރު ވަނީ އެ ޕާޓީގެ އިސްވެރިންގެ މެދުގައި ނަންތަކަކާ މެދު މަޝްވަރާ ކުރެވިފަ އެވެ. 

މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ އެންމެ ގާތްބޭފުޅެއްގެ ގޮތުގައި ހުންނެވި ނާޒިމް އާއި ޔާމިން އާ ދެމެދު ހިތްހަމަ ނުޖެހުން އުފެދުނީ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ނާޒިމް ވާދަކުރެއްވުމަށް ނިންމެވި ހިސާބުންނެވެ. ރައީސް ޔާމީން އާއި ސަރުކާރުގެ ބޭފުޅުން ތާއީދު ކުރެއްވީ، މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އެ މަގާމަށް ގެނައުމަށެވެ.

ފަހަކަށް އައިސް ނާޒިމް މަޖިލީހުގެ ޖަލްސާތަކާއި ސިޔާސީ އެހެން އެއްވުންތަކުން ފެނިވަޑައިގެންފައި ނުވާއިރު ގިނައިން އުޅުއްވަނީ ރާއްޖެއިން ބޭރުގައެވެ. 

ނާޒިމްގެ މައްޗަށް ދައުވާކުރީ ބަނދަރު ބައްތިތަކެއް ގަތުމަށް ކުރީގެ އެޓޮލްސް މިނިސްޓްރީން އިއުލާންކުރުމުން އޮޅުވާލައިގެން އެސްޓިމޭޓް ހުށަހަޅައިގެން ނާޒިމް އެ ޕްރޮޖެކްޓް ކާމިޔާބުކުރި ކަމަށް ބުނެ އެވެ. އަދި ކުރީގެ އެޓޮލްސް މިނިސްޓްރީ އަށް 15،000 ދިދަ ގަތުމަށް ދެ ފަހަރަކު އިއުލާން ކުރުމުން އެ ދެ ފަހަރު ވެސް އޮޅުވާލައިގެން އެ ޕްރޮޖެކްޓްތައް ކާމިޔާބުކުރި ކަމަށް ބުނެ ވެސް ދެ ދައުވާއެއް އުފުލި އެވެ. މީގެ އިތުރުން މިސްކިތްތަކަށް ސައުންޑް ސިސްޓަމްތަކެއް ގަތުމަށް އިއުލާން ކުރުމުން އޮޅުވާލައިގެން ނާޒިމް އެ ޕްރޮޖެކްޓް ވެސް ކާމިޔާބުކުރި ކަމަށް ބުނެ ދައުވާކުރި އެވެ.

ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ސިޔާސީ ފަރާތްތައް ބްލެކްމެއިލް ކުރަން އުޅުނު ކަމުގެ ތުހުމަތު ވެސް ނާޒިމްގެ މައްޗަށް ވަނީ ކުރެވިފަ އެވެ. އެ މައްސަލައިގައި އޭނާގެ ޕާސްޕޯޓް ވަނީ މީގެ ކުރިން ހިފަހައްޓައިފަ އެވެ.