ހަބަރު

ހުއްދަ ލިބުނަސް، ނުލިބުނަސް އަންނަ ޖުލައި މަހު ގޯތި ދޫކުރާނަން: ލ. ގަމު ކައުންސިލް

ލ.ގަމުގެ އެއްވެސް ރައްޔިތަކަށް އަދި ގޯއްޗެއް ދޫ ނުކުރާ ކަމަށާއި ނަމަވެސް އަންނަ ޖުލައި މަހު ގޯތި ދޫކުރަން ފަށަން ކައުންސިލުން ނިންމާފައިވާތީ ގޯއްޗަށް އެދެން ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެކައުންސިލުން ބުނެފި އެވެ.

ރާއްޖޭގެ ބިމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ހިލާފަށް ގަމު ކައުންސިލުން ގޯތި ދޫކުރަމުންދާ ކަމަށް ބުނެ ހައުސިން މިނިސްޓްރީން ވަނީ އެ އަތޮޅު ކައުންސިލަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި ވަނީ ހައުސިން މިނިސްޓްރީން ގޮތެއް އަންގަންދެން ގޯތިދޫކުރުން ހުއްޓާލަން ގަމު ކައުންސިލަށް އަންގާފަ އެވެ.

އަވަސް އަށް މައުލޫމާތުދެއްވަމުން ގަމު ކައުންސިލްގެ މެންބަރު އިސްމާއިލް ޒަކީ ވިދާޅުވީ އެފަދަ ސިޓީއެއް އެ ކައުންސިލަށް އަދި ނުލިބޭ ކަމަށެވެ. އަދި ލިބުނު ކަމުގައި ވިޔަސް އެރަށުގެ ބިންތަކަކީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ދީފައިވާ ބާރެއްގެ ދަށުން ކައުންސިލުން ދޫކުރެވޭނެ ބިންތަކެއް ކަމަށް ވާތީ ބިން ދޫކުރުމަކީ ގަވާއިދާ ހިލާފުކަމެއް ކަމަށް އެ ކައުންސިލުން ނުދެކޭ ކަމަށެވެ.

ޒަކީ ވިދާޅުވީ ގަމަކީ ބިމުގެ ގޮތުން ޖާގަ ތަނަވަސް ރަށަކަށް ވާތީ އެތަނުން ގޯތި ހޯދަން ގިނަ އަދަދެއްގެ ބަޔަކު ކައުންސިލުގައި އެދެމުންއަންނަތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. ނަމަވެސް އެރަށުން ގޯތި ދޫކުރުމަށް 2014 ވަނަ އަހަރުން ފެށިގެން ކުރި އެއްވެސް މަސައްކަތެއްގައި މިހާތަނަށް ސަރުކާރުން ކުލަޖައްސައިދީފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

ގޯތި ދޫކުރުމާ ބެހޭގޮތުން ރަށު ރައްޔިތުންގެ ޑިމާންޑު ބޮޑުވާތީ، ގޯތި ދޫކުރުމުގެ ހުއްދަޔަށް އެދި މިއަހަރު ތެރޭގައި ވެސް ހައުސިން މިނިސްޓްރީއަށް ދެފަހަރު ސިޓީ ފޮނުވާފައިވިނަމަވެސް އެއިން ސިޓީއަކަށް ރަސްމީ ޖަވާބެއް އަދިވެސް ނުލިބޭ ކަމަށް ޒަކީ ވިދާޅުވި އެވެ.

"ގޯތި ދޫކުރާއިރު ހައުސިން މިނިސްޓްރީގެ ހުއްދަ ހޯދުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ބުނެފައި އޮންނާތީ އަޅުގަނޑުމެން މިވަނީ ހުއްދައަށް އެދި ހައުސިން މިނިސްޓްރީއަށް ސިޓީ ފޮނުވާފައި. އަދިވެސް އެކަމަކު އެއިން ސިޓީއަކަށް ޖަވާބެއް ނާދޭ. މިދިޔަ ހަފުތާގަވެސް ލިބުނު ޖަވާބަކީ މިނިސްޓަރު ސޮއިކޮށްލެއްވީމަ ރަސްމީ ލިޔެކިޔުން ފޮނުވާނަމޭ. އެކަމަކު ރަސްމީ ލިޔެކިޔުމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އަދިވެސް ޖަވާބެއް ނުލިބޭ، އުންމީދުކުރަން ހައުސިން މިނިސްޓްރީން ކައުންސިލަށް އެއްބާރުލުން ދެއްވާނެ ކަމަށް،" ޒަކީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރަށުގައި ވަރަށް ބޮޑަށް ބިމުގެ ދަތިކަން ޖެހިފައިތިބި މީހުން އެބަތިބި ކަމަށެވެ. ގޯތި ހޯދަން އެމީހުން ދިގު އިންތިޒާރެއް ކޮށްފި ކަމަށާއި، ކައުންސިލުން ބޭނުންވަނީ އެ ރައްޔިތުންގެ ހައްގު އެމީހުންނަށް ހޯދައިދޭން ކަމަށެވެ.

"އަޅުގަނޑުމެން މި ގޯތިތައް ދޫކުރަން ހުއްދަޔަށް އެދިއެދި ތިއްބާ ސަރުކާރުން ހުއްދަ ދީގެން ފޮނަދޫ އިންވެސް ގޯތި ދޫކޮށްފި. ފޮނަދޫއަކީ ގަމަށްވުރެ ބިމުގެ ދަތިކަން މާބޮޑު ރަށެއް. ގަމަކީ އެއް ފަހަރާ 2000 ގޯތި ދިނަސް ބިން ކުޑަ ނުވާނެ ވަރުގެ ރަށެއް. އެހެންވީމަ ގަމަށް އެ ހުއްދަ ނުދީ ފޮނަދޫއަށް އެ ހުއްދަ ދިނުމުން ދޭހަވަނީ އެކަން އެގޮތަށް ކުރެއްވީ ފޮނަދޫ ދާއިރާގަ ސަރުކާރަށް ނިސްބަތްވާ މެންބަރަކު ހުންނެވުމުން ކުރެއްވި ކަމެއްގެ ގޮތުގައި،" ޒަކީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަމުން ގޯތިދޫކުރަން މިހާތަނަށް މިނިސްޓްރީން ހުއްދަ ދޫކޮށްފައިނުވާތީ ރަށު ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށްފަހު، ވަކި ތާރީހެއްގެ ތެރޭގައި ހުއްދަ ލިބުނަސް ނުލިބުނަސް ގޯތި ދޫކުރަން ނިންމައި ގަރާރެއް ފާސްކޮށްފައިވާ ކަމަށެވެ. އެ ގަރާރުގައި މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ އަންނަ ޖުލައި މަހާ ހަމަޔަށެވެ. އެ ގާރާރާއެއްގޮތަށް އަމަލުކުރުމަށް ނިންމައި ޖުލައި މަހު ގޯތި ދޫކުރަން ފެށުމަށް ތައްޔާރުވުމުގެ ގޮތުން މިހަފުތާގެ ހޯމަ ދުވަހުން ފެށިގެން ގޯއްޗަށް އެދުމުގެ ފޯމް ދޫކުރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިވަނީ ކައުންސިލުން ގަރާރެއް ނެރެ ފާސްކޮށްފައި ވަކި މުއްދަތެއްގެ ތެރޭގައި ގޯތި ދޫކުރަން ފަށަން. މިފަހަރު މިތިބީ ރައްޔިތުންނަށް ގޯތި ދޫކުރަން އަޒުމް ކަނޑައަޅައިގެން. އެހެންވީމަ ހައުސިން މިނިސްޓްރީގެ ހުއްދަޔަކަށް އަޅުގަނޑުމެން ބަލާނަން. އެހެން ނަމަވެސް މި ދެންނެވި މުއްދަތު ފަހަނައަޅާއި ދިޔުމުން ކައުންސިލަށް ގާނޫނުން ލިބިފައި އޮތް ބާރުގެ ދަށުން އަޅުގަނޑުމެން ގޯތި ދޫކުރަން ފަށާނަން،" ޒަކީ ވިދާޅުވި އެވެ.

ގަމު ކައުންސިލުން ބުނީ ޖުލައި މަހު ދޫކުރަން ހަމަޖެހިފައިވަނީ 3000 އަކަފޫޓުގެ 700 ގޯތި ކަމަށެވެ. އޭގެ ތެރެއިން 500 ގޯތި ރަށުގެ މީހުންނަށް ދޫކުރަން ނިންމާފައިވާއިރު، އަނެއް 200 ގޯތި ދޭން ނިންމާފައިވަނީ ރަށުން ބޭރު މީހުންނަށް ކަމަށެވެ. ރަށުން ބޭރު މީހުންނަށް ދޭން ނިންމާފައިވާ ގޯތިތައް ދިނުމުގައި އެ ކައުންސިލުން ނިންމާފައިވަނީ ފޯމަށް ހުށަހަޅާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ތެރެއިންވެސް ކިޔަވައިގެން ރަށަށް ހިދުމަތް ކުރެވޭ ވަރުގެ މީހުންނަށް ބޮޑަށް އިސްކަން ދިނުމަށް ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ ރަށުގެ ތަރައްގީއާ މެދު ވިސްނުމަށް ފަހު ކަމަށް ކައުންސިލުން ބުންޏެވެ.

ފޯމް ދޫކުރާ ފަހު ތާރީހަކީ މިމަހުގެ 15 އެވެ. އިއްޔެއާ ހަމަޔަށް ވެސް 200 އަށްވުރެ ގިނަ ފޯމް ދޫކޮށްފައިވާ ކަމަށް ގަމު ކައުންސިލުން ވަނީ ބުނެފަ އެވެ.