ހަބަރު

ވަކި ބަޔަކަށް މަންފާ ހޯދަދޭން ގާނޫނުތަކަށް ބަދަލު ގެންނާތީ ކަންބޮޑުވޭ: އޭޕީ

ވަކި މީހަކަށް އަމާޒުކޮށްގެން ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ފާސްކުރަމުން ދާކަމަށް ބުނެ އަދާލަތު ޕާޓީއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމަލު ކުރަންވާނީ، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން ކަމަށް ބުނެފައިވީ ނަމަވެސް ބައެއް މެންބަރުން އެމީހުންގެ ޒާތީ ތައައްސުބަށް ބުރަވެ ތިބި ގާނޫނުތައް ފާސްކުރަމުން ދާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.

ދައުލަތުގެ ތިން ބާރު ވަކިކޮށް، ގާނޫނު ހަދާ މަޖިލީހަކީ ވަކި ބާރެއް ކަމަށް ކަނޑައަޅައި، ގާނޫނަކީ އެންމެންގެ މައްޗައް އާންމުވެ ޝާމިލްވާ އެއްޗަކަށް ވީހިނދު ވަކި ފަރުދެއްގެ ހައްގެއް އުނި ކުރުމަށް ނުވަތަ މަންފާއެއް ހޯދައި ދިނުމަށް، ގާނޫނާއި ގާނޫނު އަސާސީ ބައްޓަންކޮށް ބަދަލު ކުރުމަކީ، ދިވެހިރާއްޖޭގެ މުޅި ދުސްތޫރީ ނިޒާމަށް އޮތް ނުރައްކަލެއް ކަމަށް ބަޔާނުގައި ބުންޏެވެ.

މިސަރުކާރު ވެރިކަމަށް އައުމަށްފަހު ގާނޫނުތަކަށް ގެނައި ހުރިހާ އިސްލާހެއް ވަކިވަކިން ބަޔާކްކޮށްފައިވާ އެ ބަޔާނުގައި ބުނީ، މަޖިލީހުން ގާނޫނު އަސާސީއާ ހިލާފަށް ވަކި ފަރުދުންނަށް އަމާޒުކޮށްގެން ގާނޫނަށާއި ގާނޫނު އަސާސީއަށް ބަދަލު ގެންނަމުން ދާތީ އެކަމަކީ އެޕާޓިއިން ކުއްވެރިކުރާ އަދި ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ގާނޫނު އަސާސީއާ ހިލާފަށް މަޖިލީހުގެ މެމްބަރުންތަކެއް، ޒާތީ ތައައްސުބަށް އިސްކަންދީގެން ވަކިބަޔަކު ރުއްސުމަށްޓަކައި އެބަޔަކު އަންގާ ގޮތަށް ހިންގަމުން އަންނަ ނިޒާމީ ޖަރީމާއެއް ކަމުގައި މިޕާޓީއިން ދެކޭކަން ހާމަކުރަމެވެ،" އަދާލަތުން ބުންޏެވެ.