ހަބަރު

ޖަޕާނުން ރާއްޖެއަށް 5.4 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި

ރާއްޖެއަށް 5.4 މިލިއަން ޑޯލަރުގެ އެހީ ދޭން ޗައިނާ ސަރުކާރުން މިއަދު އެއްބަސްވެއްޖެއެވެ. ޗަޕާނަކީ ރާއްޖެއަށް އެންމެ ގިނައިން އެހީދޭ އެއްގައުމެވެ. މާލެ ވަށައިގެން ލާފައިވާ ތޮއްޓާއި ރާއްޖޭގެ ވަރަށް ގިނަ ސްކޫލްތައް ވެސް ހަދާފައި ވަނީ އެ ގައުމުގެ އެހީގަ އެވެ.

ފައިސާގެ އެހީދޭ އެއްބަސްވުމުގައި ޖަޕާން-ރާއްޖެ ސޮއިކުރީ މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ދުންޔާ މައުމޫނެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ ޖަޕާނަކީ އަބަދުވެސް ރާއްޖެއަށް އެހީތެރިވެދޭ ގައުމެއް ކަމަށެވެ. އަދި ޖަޕާނުން މެދުކެނޑުމެއްނެތި ރާއްޖެއަށް ވެދޭ އެހީތަކަށް ޝުކުރު އަދާކުރާ ކަމަށާއި ރާއްޖެއާއި ޖަޕާންގެ ގުޅުން މިހާރެކޭ އެއްފަދައިން ހަރުދަނާ ގުޅުމެއްގެ ގޮތުގައި ބާއްވަން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިއަދު މި ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ޖަޕާނުން ފޯރުކޮށްދޭ އެހީ ބޭނުންކުރާނީ ރާއްޖޭގެ އެކި ދާއިރާތަކުގެ ތަރައްގީގެ މަސައްކަތްތަކަށެވެ.

ސަފީރު ވިދާޅުވީ ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ކާރިސާތަކުން ސަލާމަތް ވުމަށް ޖަޕާނާއި ރާއްޖެ ގުޅިގެން މުހިއްމު މަސައްކަތްތަކެއް ކުރެވިދާނެ ކަމަށެވެ. އަދި އޭނާ އުންމީދުކުރައްވަނީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އެކި ދާއިރާތަކުގައި ހުރި ގޮންޖެހުންތައް ކުޑަކުރެވޭނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.