ހަބަރު

މަޝްރޫއުތަކުން ދަރަނި އަދާކުރުމުގެ ގާބިލްކަން ހަތަރު ގުނަ އިތުރުވާނެ: ރައީސް

  • ނަގާ ލޯނަށް ވުރެ ލިބޭ އާމްދަނީ ބޮޑުވާނެ
  • މަޝްރޫއުތަކުން ޖީޑީޕީ 200 ޕަސެންޓް އިތުރުވާނެ
  • ވަޒީފާގެ ފުރުސަތާ އެއްވަރަށް އާބާދީ އިތުރުކުރަން ޖެހޭ

ރާއްޖެގައި މިހާރު ހިންގާ، ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ދުނިޔޭގައި ތިބި މީހުނާއި ކުރިޔަށް ވިހަން ތިބި ދަރިންގެ ބޮލުގައި ވެސް ބޮޑު ދަރަންޔެއް އެޅޭނެ ކަމަށާއި ނަމަވެސް އެ މަޝްރޫއުތަކުގެ ސަބަބުން ދަރަނި އަދާކުރުމުގެ ގާބިލްކަން ހަތަރު ގުނަ އިތުރު ވެގެންދާނެ ކަމަށް ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.

އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ބޮޑުކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ އިގްތިސޯދީ ގޮތުން ރާއްޖެ ކުރިޔަށް ދާން ލޯން ނަގަން ޖެހެނީ ކީއްވެތޯ ސުވާލުކޮށް އެކަމަށް ފާޑުކިއިދާނެ ކަމަށެވެ. ލޯނު ނަގައިގެން މަޝްރޫއުތައް ހިންގަން ޖެހޭ ސަބަބު ދިފާއު ކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް ލިބޭ އެއްޗަކުން އަމިއްލަ ހަރަދުގައި ތަރައްގީއަށް މަސައްކަތްތައް ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރަން ގިނަ ވަގުތުތަކެއް ހޭދަވެ ނަތީޖާ އެއް ނިކުންނާނީ އެތަށް އަހަރެއް ފަހުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ލޯނު ނަގައިގެން ތަރައްގީގެ މަޝްރޫއުތައް ކުރަނަމަ، ދުނިޔޭގައި ތިބި ދަރިންނާއި އަދި ކުރިޔަށް ވިހަން ތިބި ދަރިންގެ ބޮލުގައި ވެސް ބޮޑު ދަރަންޔެއް އެޅޭނެ ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އެ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަން ޖީޑީޕީ، 150 ނޫނީ 200 ޕަސެންޓް ކުރިއަރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި މީގެ ނަތީޖާ އަކަށް ވާނީ ކޮންމެ ރައްޔިތެއްގެ ބޮލުގައި އެޅޭ ލޯނު އަނބުރާ ދެއްކުމުގެ ގާބިލް ކަން އިތުރުވެގެން އައުމެވެ.

"އެހެންވީމައި ތިން އަހަރު ތެރޭގައި މި ލޯން ނަގައިގެން ކުރާ މަސައްކަތުން ހަތަރު ފަސް ހަ އަހަރު ހަރަދުކޮށްފައި ދެން އަންނަ އަށް ވަނަ ނުވަ ވަނަ އަދި 10 ވަނަ އަހަރު ނިމިގެން ދާނީ އަޅުގަނޑުމެންނަށް އިތުރު ބޮޑެތި އާމްދަނީ ލިބެމުން. ކޮސްޓު ރިކަވާ ކުރީމައި ދެން ލިބޭ ކޮންމެ ލާރި އަކީ އަޅުގަނޑުމެންގެ ހަޒާނާގައި އިގްތިސޯދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ކުރަން ބޭނުންވާ މަސައްކަތެއް ކުރުމަށް ދައުލަތަށް ލިބިގެންދާ ފައިސާ. އިތުރަށް ޓެކްސް ނަގަން ނުޖެހޭނެ،" ރައީސް ޔާމިން ވިދާޅުވި އެވެ. "އެހެންވީމައި ލޯން ނަގައިގެން ބްރިޖު އެޅުން ލޯން ނަގައިގެން އެއާޕޯޓު ހެދުން އަދި އިންފްރާސްޓްރަކްޗާއަށް އިންވެސްޓު ކުރުމުގެ ބޭނުން މިދެންނެވީ. ދުނިޔެއަށް ނާންނަ ދަރިންގެ ބޮލުގައި ވެސް ދަރަނި އެބަ އޮތޭ ބުނެ އަޅުގަނޑު މެންނަ ފާޑު ކިޔާ ކަމަށްވަންޏާ މި ބުނެދިނީ. އެދަރަނި އަދާ ކުރުމުގެ ގާބިލް ކަން ތިން ހަތަރު ގުނައަށް އިތުރު ވަންޔާ އެއީ ގައުމުގެ މުއްސަދިކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާރު ލޯނު ނަގައިގެން ކުރިޔަށް ގެންދާ ބްރިޖާއި އެއާޕޯޓު ނުވަތަ ތިލަފުށީގެ ވިޔަފާރި ބަނދަރުގެ މަސައްކަތަކަށް ފަހު އިގްތިސޯދަށް ބޮޑު އިންގިލާބީ ބަދަލަށް އަންނާނެ ކަމަށެވެ. އޭގެ ސަބަބުން އިތުރުވާ ވަޒީފާގެ ފުރުސަތު ތަކާއި އަދި ދައުލަތައް ލިބޭ އާމްދަނީ އިން އުފަނަވާ އިތުރު މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ އާބާދީ އިތުރު ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެން އެކަން ވާން ޖެހޭނީ އެ މަޝްރޫއުތަކާ އެކު ވަޒީފާތަކަށް އަންނާނެ ދުޅަހެޔޮ އާބާދީއެއް އޮންނަން ޖެހޭތީ ކަމަށް ވިދާޅުވި އެވެ.

"މިއާ އެކު ކޮންމެ މަންމައަކު ބަފަކު އެބަ އިތުރު ދަރިން ހޯދަން އެބަ ޖެހޭ. މިއީ ނޫންތޯ ޓްރާންސްފޮމޭޝަން އަކީ. ރާއްޖޭގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ ގޭ ދޮރުގައި ޓަކިޖަހަމުން ދާއިރު ހަރުދަނާ އިގްތިސާދެއް ބިނާކުރުމަށް އާބާދީ ބޮޑުކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.