ހަބަރު

ރާއްޖެއަކީ ހުރިހާ ގައުމެއްގެ އެކުވެރިއެއް، އަވަށްޓެރިން ދައްޗެއް ނުކުރާނެ: ރައީސް

  • ބޭރުގެ އެހީ ނެތި އިގްތިސާދީ ބަދަލު ނުގެނެވޭނެ
  • އަވަށްޓެރި ގައުމުތަކުން ރާއްޖޭގެ މިނިވަންކަމާ ނުބެހޭނެ
  • ރާއްޖެވާނީ ސަރަހައްދުގެ ކޮމާޝަލް ހަބަށް

ރާއްޖެއަކީ ހުރިހާ ގައުމެއްގެ ރަހުމަތްތެރިއެއް ކަމަށާއި އިގްތިސޯދީ ފައިދާތަކަށް ކުރަމުން އަންނަ މަސައްކަތަށް އަވައްޓެރި ގައުމުތަކުން ރާއްޖެއަށް ދަތިތަކެއް ނުކުރާނެ ކަމަށް ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.

އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ބޮޑުކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ރާއްޖެއަށް އިގްތިސޯދީ ގޮތުން އިންގިލާބީ ބަދަލެއް ގެނެވޭނީ އެފަދަ ކަމެއް ކުރުމުގެ ހިއްވަރާއި އަދި އެކަމަށް ބޭނުންވާ ވަސީލަތްތަށް ބޭރުގެ ފަރާތްތައް މެދުވެރިކޮށް ލިބިގެން ކަމަށެވެ. އަދި ވިދާޅުވީ މިހާރުވެސް ކުރިޔަށް ދާ މަޝްރޫއުތައް ބާރުސްޕީޑެއްގައި ކުރިޔަށް ދަނީ މިސަރުކާރުން ވަރަށް ގިނަ ގައުމު ތަކާއިއެކު ރަނގަޅު ގުޅުމެއް ބަދަހި ކުރުމުން ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަހަލަ ކަންތައްތަކުގައި ޒަމާނުއްސުރެއް އެހީ ވަމުން އަންނަ ޗައިނާއާ އެކު މިހާރު މި އޮތް ގުޅުމަކީ ދުވަހަކު ނުދެކޭ ހާ ހިސާބަށް ކުރިޔަށް ގޮސްފައި އޮތް ރަހްމަތްތެރިކަމުގެ ގާތް ގުޅުމެއް ކަމަށެވެ. އެ ގުޅުމުގެ ތެރެއިން ރާއްޖެ ވެސް ބޮޑެތި މަޝްރޫއުތަކާއި މެދު ވިސްނައި އެ ކަންކަން ހަގީގަތަކަށް ހެދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އިންޑިޔާއަކީ ވެސް ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ގިނަ މަސައްކަތެއް ކުރަމުން އަންނަ ގައުމެއް ކަމަށާއި އެކަމަށް ޝުކުރު އަދާކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖެއަކިީ ހުރިހާ ގައުމެއްގެ ރަހްމަތްތެރިއެއް. މި ސަރަހައްދުގައި އިންޑިޔާ ކަނޑުގެ މެދުގައި އޮވެގެން ސިލްކް ރޫޓްގެ ބައެއްގެ ގޮތުގައި ފެނިގެންދާ މަގެއްގެ ގޮތުގައި މި އޮތީ. އިގްތިސޯދީ ޕެސެޖްވޭ މި އަންނަނީ ޗައިނާ އިން ފެށިގެން ބެއިޖިން އިން ދިވެހި ރާއްޖެ ތެރެއިން ލާގެން. މިއީ މުޅި ސަރަހައްދު މުޅި އޭޝިއާގެ ބައްރު ކޮމާސްގެ ޕެސެޖުން ގުޅުވާލަދޭން އޮންނަ ސިލްކު ރޫޓް އެއް. އޭގެ ތެރޭގައި އެންމެ ކުރީ ކޮޅުގައި ބައިވެރި ގައުމުތެރޭގައި ރާއްޖެ ހިމެނޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ ސިލްކު ރޫޓުގައި ރާއްޖެއިން ބައިވެރި ވަނީ އިގްތިސޯދީ ބޮޑެތި ފައިދާތައް ގައުމަށް ހޯދަން ކަމަށެވެ. މިއީ ގައުމުގެ ގައުމުގެ މިނިވަން ކަމަކަށް އެއްވެސް ކަމަހަލަ ހުރަހެއް އަންނާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ، ރައްޖޭގެ މިނިވަން ކަމަށް ދަތިތަކެއް ކުރާކަށް އަވައްޓެރި އެއްވެސް ގައުމަކުން މަަސައްކަތެއް ނުކުރާނެ ކަމަށެވެ.