ހަބަރު

ހުޅުމާލޭގައި 15000 ހައުސިން ޔުނިޓު އަޅަން މިމަހު ހަވާލުކުރަނީ

  • މަސައްކަތް ހަވާލުކުރަނީ 7 ކުންފުންޏަކަށް
  • ތުރުކީ އަދި ޗައިނާގެ ކުންފުނިތައް ހިމެނޭ
  • އަމާޒަކީ 2018 އަށް ނިންމުން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅައި 15000 ހައުސިން ޔުނިޓް އެޅުމަށް މި މަސް ތެރޭގައި ހަތް ކުންފުންޏަކަށް ހަވާލު ކުރާނެ ކަމަށް ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.

އެއާޕޯޓު ތަރައްގީގެ މަޝްރޫއުތައް އިފްތިތާހު ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ 2018 ވަނަ އަހަރު ނިމުމުގެ ކުރިން ހުޅުމާލޭގައި 15000 ހައުސިން ޔުނިޓު އަޅާ ނިންމާނެ ކަމަށާއި ބޭރުގެ ބޮޑު ހަތް ކުންފުންޏަކަށް މި މަހުގެ ތެރޭގައި މަސައްކަތް ހަވާލު ކުރުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

"އިކޮނޮމިކް ކައުންސިލްގައި އިއްޔެ ނިންމީ 2018 ވަނަ އަހަރު ތެރޭގައި 15000 ހައުސިން ޔުނިޓު ނިންމުމަށްޓަކައި ގާތްގަނޑަކަށް ހަތް ޕާޓީއަކަށް ދޭން. އެއީ ދުނިޔޭގެ ވަރުގަދަ ކުންފުނިތަކެއް އިރާދަކުރެއްވީއާ މާލަސް ނޫން ވަގުތެއްގައި މިމިހު ތެރޭގައި ރަސްމީކޮށް މިކަހަލަ ހަފްލާއްގައި ހަވާލުކުރާނަން. އެއީ ކޮންފާމްޑް ކޮމިޓްމަންޓާއި އެކީ ފައިސާގެ ކޮމިޓްމަންޓާއި އެކީ ކުރިމަތީލާފައި ހުރި ކުންފުނިތައް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހައުސިން ޔުނިޓްގެ މަސައްކަތް ހަވާލު ކުރާ ކުންފުނިތަކުގެ ތެރޭގައި ޗައިނާ އަދި ތުރުކީގެ ކުންފުނިތަށް ހިމެނޭނެ ކަމަށެވެ. އޭގެއިތުރުން ވެސް ބައެއް ބޮޑެތި ގައުމުތަކުގެ ކުންފުނިތަކާ ވެސް އެ މަސައްކަތް ހަވާލުކުރާނެ ކަމަށެވެ.