ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭގައި މާރާމާރީ ހިންގި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް

ވެލާނާ އިންޓަނޭޝަލަން އެއާޕޯޓް (ވީއައިއޭ)ގައި މާރާމާރީ ހިންގި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެއާޕޯޓް މިއަދު ހެނދުނު ހިނގި މިހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ބުނުން ފިޔަވާ މައްސަލައާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.

މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު ފުލުހުންގެ ބެލުމުގެ ދަށުގައި އިން ބިދޭސީ މީހާ ދެ މީހެއްގެ ގައިގައި ޖަހާ މަންޒަރު ވީޑިއޯ އިން ފެނެ އެވެ. އެ މީހާ ހުއްޓުވާ ދުރަށް ގެންދަނީވެސް އެތަނުގައި ތިބި ބައެކެވެ.

މި މީހާ އަކީ ރާއްޖެ އައި ފަތުރުވެރިއެއް ކަމެއް ނުވަތަ ވީއައިއޭގައި މަސައްކަތް ކުރާ ބިދޭސީއެއް ކަމެއް އެނގިފައެއް ނުވެ އެވެ.

ފުލުހުން މައްސަލަ ތަހުގީގު ކުރާތީ ވީއައިއޭ ހިންގާ ކުންފުނި -- އެމްއޭސީއެލް އިން މިމައްސަލައިގައި ވާހަކަދައްކާކަށް ބޭނުމެއް ނުވި އެވެ.