ދުނިޔެ

އިންސާނިއްޔަތަށް ހުރި ނުރައްކާތަކާ ދެކޮޅަށް ބާއްވާ ފުރަތަމަ ސަމިޓް ތުރުކީގައި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނިއްޔަތަށް ދިމާވެފައިވާ އެކި ނުރައްކާތަކާ މެދު މަޝްވަރާކޮށް، އެހީތެރިކަމަށް ބޭނުންވެފައި ތިބި މީހުންގެ ރައްކާތެރި ކަމަށް އަޅާނެ ފިޔަވަޅުތައް ދިރާސާކުރުމަށް އދ. އިން ފަށަން ނިންމާފައިވާ "ވޯލްޑް ހިއުމެނިޓޭރިއަން ސަމިޓް" ތުރުކީގައި ބާއްވަން ނިންމައިފި އެވެ. ސަމިޓް ބާއްވަން ހަމަޖެހިފައިވަނީ މެއި މަހުގެ 23-24 ވަނަ ދުވަހު ވެރިރަށް އިސްތަންބުލްގަ އެވެ.

ތާރީހުގެ ސަފުހާތަކަށް މުޅިން އަލަށް އިތުރުކުރާ ފުރަތަމަ ދުނިޔޭގެ ހިއުމެނިޓޭރިއަން ސަމިޓް ތުރުކީގައި ބާއްވަން އދ. އިން ނިންމިކަމުގެ އުފަލުގައި އެގައުމުގެ ފޮރިން މިނިސްޓަރު މެވްލަޓް ކާވަޒޮގްލޫ އަމިއްލަފުޅައް ލިޔުއްވައި ނެރުއްވި ބަޔާނުގައި ވިދާޅުވީ، ސަމިޓް އެގައުމުގައި ބާއްވަން އދ. ނިންމި ނިންމުމަކީ އިއްތިފާގެއް ނޫން ކަމަށެވެ. ސަމިޓް ތުރުކީގައި ބޭއްވުމަކީ އެ ގައުމަށް ލިބޭ އެންމެ ބޮޑު އެއް ޝަރަފު ކަމަށާއި އެއީ ތުރުކީން އިންސާނިއްޔަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް ހިފެހެއްޓި ހަރުދަނާ ގަވާއިދުތަކާއި ދެއްކި މިސާލުތަކުގެ އަގުވަޒަންކުރުމެއް ކަމަށެވެ.

މެވްލަޓް ގެ ބަޔާނުގައި އޭނާވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން މީހުންނާ މެދު ކޮންމެ ދުވަހަކު ހިންގާ ލާއިންސާނީ ހަމަލާތައް ސިފަކޮށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އިންސާނިއްޔަތަށް ގެއްލުންދިނުމާއި ރަހުމްކުޑަ ހަމަލާތައް ދިނުން އާންމުވެފައިވާކަން ފާހަގަކުރައްވަމުން މެވްލަޓް ވިދާޅުވި އެއީ މިއަދު ހިންގަމުންދާ ލާއިންސާނީ ހާދިސާތަކަށް ދެއްކެން އޮތް ބަހަނާ އެއް ނޫން ކަމަށެވެ. އިންސާނުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކަށް ގުދުރަތީ ކާރިސާތައްވި ޒަމާން މިއަދު މިވަނީ ގެއްލިފައި ކަމަށާއި މިއަދު އިންސާނުން ނުރައްކަލަށް ހުށައަޅަނީ ހުދު އިންސާނުން ކަމަށެވެ. އަދި މުޅި ދުނިޔޭގައިވެސް މިއަދު އެންމެ ނަސީބު ދެރަ ބަޔަކަށްވެފައިވަނީ ސީރިޔާގެ މީހުންކަން މެވްލަޓް ވަނީ ފާހަގަކުރައްވާފަ އެވެ.

ތުރުކީގެ ގޮނޑުދޮށަކަށް ލައްގާފައި ވަނިކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފެނުނު ތުއްތު އަލާންގެ ފޮޓޯގަނޑުން އިންސާނިއްޔަތު ކުރިއަށްވުރެ ބޮޑަށް ލޯހުޅުވާލިކަން ފާހަގަކޮށް މެވްލަޓް ވިދާޅުވީ، ކުޑަ ހިތްވަރަކުން ސަލާމަތްކުރެވިދާނެ އެތައް މިލިއަން ފުރާނަތަކެއް ކޮންމެ ދުވަހަކު ހިތްދަތި ވޭނުގައި މަރުވެގެންދާއިރު ދެއަތް އުރާލައިގެން ބަލަން ތިބުމަކީ އިހުތިޔާރެއް ނޫންކަމަށެވެ.

"ކޮންމެވެސް ކަމެއް ކުރަން ވެއްޖެ. ހައްލެއް ހޯދަން ވެއްޖެ. ތުރުކީއިން މިދަނީ އެ މިސްރާބަށް މަސައްކަތް ކުރަމުން. ހަމައެކަނި ނަމޫނާ ގައުމަކަށް ވާކަށް ނޫން، އެކަމަކު މުޅި ދުނިޔެ އިންސާނިއްޔަތަށް ހިދުމަތްކުރުމުގެ ދާއިރާގައި ޝާމިލިކުރުވަން،" މެވްލަޓްގެ ބަޔާނުގައި ވިދާޅުވި އެވެ.

ސީރިއާ ނޫނަސް މެދުއިރުމައްޗާއި އޭޝިއާގެ ގައުމުތަކުގެ އިތުރުން އެފްރިކާ ހިސާބުގައިވެސް އިންސާނިއްޔަތާއި ދެކޮޅަށް ކުރާ އަނިޔާތައް ރޮނގު ހުރަސްކުރަމުން ދާއިރު އެ ހަމަލާތަކުގައި ހާލުގައި ޖެހިފައި މިހާރުވެސް 120 މިލިއަނަށް ވުރެ ގިނަ މީހުން ތިބިކަން ތުރުކީން ފާހަގަކުރިއެވެ. ފާއިތުވި 10 އަހަރުގެ ތެރޭގައި އެކި ހާދިސާތަކުގައި އަމިއްލަ ވަޒަން ދޫކޮށް އެހެން ތަންތަނަށް ހިޖުރަކުރާ މީހުންގެ ނިސްބަތް 60 އިންސައްތައަށް އިތުރުވިކަން ވެސް ފާހަގަކުރެއްވި އެވެ. އަމިއްލަ ވަތަން ގެއްލި ދިރިއުޅޭނެ މަގެއްނެތް އެތައް ހާސް ބަޔަކަށް ތުރުކީން ވެފައިވާ އެހީތެރިކަން މެވްލަތް ވަނީ ފާހަގަކުރައްވާފަ އެވެ.

"މިހާރުވެސް އެތައް ބަޔަކު އެދަނީ ހާލުގައި ޖެހެމުން. ތުރުކީ އަކީ މިހާރުވެސް ރެފިއުޖީންގެ އެންމެ ބޮޑު އާބާދީއެއް އޮތް ގައުމު. ރެފިއުޖީން ބަލައިގަތުމުގެ އެންމެ މަތީ މިންގަނޑާ ހަމައަށް ތުރުކީ މިހާރު މިވަނީ ވާސިލުވެފައި، ތުރުކީގެ ހިމާޔަތުގައި މިހާރުވެސް ތިން މިލިއަނަށްވުރެ ގިނަ ރެފިއުޖީން އެބަތިބި،" މެވްލަޓް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރެފިއުޖީންގެ ބޮޑު ޖަމާއަތެއް އެގައުމުން ބަލަހައްޓަންޖެހިފައިވާއިރު އެގައުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފައިސާގެ ދަތިކަން ކަމަށެވެ. އެހެންކަމުން އަންނަ މަހު ބާއްވާ ސަމިޓްގައި ރެފިއުޖީންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމާއި އެމީހުނަށް މުސްތަގުބަލު ހޯދައިދޭން ފައިސާ ހޯދާނެ ގޮތްތަކާ ބެހޭގޮތުން ގައުމުތަކުގެ މެދުގައި މަޝްވަރާކުރާނެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން އިންސާނިއްޔަތަށް އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭގޮތުން ހޭލުންތެރިކުރުމާއި ހުރި އެކި ގޮންޖެހުންތަކާ މެދު ބަހުސްކޮށް ވާހަކަދެއްކުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންކަމުން އަޅުގަނޑު މި ދައުވަތު ދެނީ ދިރިއުޅުމާއި މަރާދެމެދު ކޮންމެ ދުވަހަކު ހަނގުރާމަ ކުރާ އެތައް ލައްކަ ބައެއްގެ ހިމާޔަތުގައި އަޑު އުފުލުމަށް ހުރިހާ ގައުމުތަކުން އިސްތަންބުލް އަށް ވަޑައިގަތުމަށް. އަހަރެން އަދިވެސް ހަނދާން އެބަހުރި އަލާން މަރުވެ ލައްގާފައި އޮތް ވަގުތު، އެކުއްޖާ އެކަނިމާއެކަނި މަރާއި ހަނގުރާމަކުރަމުން ދިޔަ މަންޒަރު ސިފަކުރެވުމުން އަހަންނަށް ކުރެވުނު ފުން ހިތާމަ. އަޅުގަނޑު ގަބޫލުކުރަނީ އެ ތުއްތު ކުއްޖާގެ ފޮޓޯއަކީ، އެފަދަ މައުސޫމް މީހުންނާއި ކުދިންނަށް ހިމާޔަތްދޭން މަސައްކަތްކުރުމަށް އަހަރެމެން އެފަދަ އިތުރު ފޮޓޯއަކަށް ބޭނުން ނުވާވަރަށް އެއްޗިހިތަކެއް ދަސްކޮށްދިން ފޮޓޯއެއް ކަން،" މެވްލަޓް ވިދާޅުވި އެވެ.